ޔޫޓިއުބުގައި ދިވެހި ވީޑިއޯއެއް އަނެއްކާވެސް މިލިއަން ވިއުސް ހަމަކުރީ އެވެ. އެއީ ރާޅުގަނޑު ބޮޑުބެރު ގްރޫޕްގެ "ބާރަށް ދުއްވާ" އެވެ. މިއީ މި ރިކޯޑް ގާއިމްކުރި "ބޮޑުބެރުގެ" ދެ ވަނަ ލަވަ އެވެ. މި ލަވަ ގޮސް އަރައި ހަމަކުރަނީ ޔޫޓިއުބުގައި އެންމެ ފުރަތަމަ ބޮޑުބެރު ލަވައަކަށް، އެއް މިލިއަން ވިއުސް ހޯދި ފަތްމިނި ބޮޑުބެރު ގްރޫޕުގެ "ދިވެހި ކަނބަލުންގެ ޝުއޫރު" އާ އެވެ.

ޔޫޓިއުބްގައި މިލިއަން ވިއުސް ހަމަކޮށްފައި ވަނީ ދިވެހި ވަރަށް މަދު ވީޑިއޯތަކެކެވެ. އޭގެ ތެރޭގައި އެހެން ބައެއް ދިވެހި ލަވަތަކާއި ތަފާތު ވީޑިއޯތައް ވެސް އެބަހުއްޓެވެ.

މިލިއަނެއް ހަމަކުރި ފުރަތަމަ "ބޮޑުބެރު" ލަވައާ ގުޅޭ ގޮތުން މިއަދު ސޯޝަލް މީޑިއާގައި ވަނީ އޮޅުމެއް ވެސް އަރައިފަ އެވެ. އެއީ ފަތްމިނި ގްރޫޕުން މާ ކުރިން އެއް މިލިއަން ވިއުސް ހަމަކޮށްފައި އޮއްވައި، ރާޅުގަނޑު ބޮޑުބެރު ގްރޫޕުން "ބާރަށް ދުއްވާ" އަކީ މިލިއަނެއް ހަމަކުރި ފުރަތަމަ ބޮޑުބެރު ލަވަ ކަމަށް ބުނެވިފައި އޮތުމުން ބައެއް މީޑިއާތަކުން ވެސް އެގޮތަށް ރިޕޯޓްކޮށްފައި ވާތީ އެވެ.

މި އޮޅުން އިސްލާހުކޮށްދިނުމަށް އެދި ފަތްމިނި ބޮޑުބެރު ގްރޫޕުން ކުރި ފޭސްބުކް ޕޯސްޓެއްގައި އެ ގްރޫޕްގެ މެމްބަރު، އައިމިނަތު ރިޝްމާ ޒުބައިރު (ރިޝް) ބުނެފައި ވަނީ "ދިވެހި ކަނބަލުންގެ ޝުއޫރު" މާކުރިން އެ އަދަދު ހަމަކޮށްފައިވާ ކަމަށެވެ. ވަރަށް ގިނައިން އަދިވެސް އިވޭ މި ލަވައިގެ ވީޑިއޯއަށް މިހާތަނަށް ވަނީ 1.2 މިލިއަން ވިއުސް ލިބިފަ އެވެ.

ފަތްމިނި ގްރޫޕްގެ "ދިވެހި ކަނބަލުންގެ ޝުއޫރު" އަކީ އެމްއެންޑީއެފާ ގުޅިގެން އުފެއްދި ލަވަ އެވެ. ނޮވެމްބަރު 25، 2016 ގައި މި ލަވަ ޔޫޓިއުބަށް ދޫކޮށްލީ ވެސް އެމްއެންޑީއެފްގެ ޗެނަލުންނެވެ.

މީގެ ތިން އަހަރު ކުރިން، ސެޕްޓެމްބަރު 23، 2016 ގައި ޔޫޓިއުބަށް ދޫކޮށްލި "ބާރަށް ދުއްވާ" ކިޔާފައި ވަނީ އެ ގްރޫޕްގެ އެއް ވޯކަލިސްޓް އަލީ މައުލޫމް (މައުއްކޮ) އެވެ. ވަރަށް ގިނަ އިވެންޓުތަކުން އަދިވެސް އިވޭ މި ލަވަ ވަނީ ރާއްޖެއިން ބޭރުގެ އެކި ފެސްޓިވަލުތަކުގައި ވެސް އެ ގްރޫޕުން ޕާފޯމްކޮށްފަ އެވެ.

މި ދެ ލަވައިގެ ތެރެއިން ފަހުން އައީ "ދިވެހި ކަނބަލުންގެ ޝުއޫރު" އެވެ. މި ލަވަ ދެ މަސް ހަގެވެ. އެކަމަކު ވިއުސް ގިނަ އެވެ. މިހާރު އޮތީ ވާދަވެރި ހިސާބެއްގަ އެވެ. "ބާރަށް ދުއްވާ" ގެ ސްޕީޑު ބާރު ނަމަ އިސާހިތަކު މަގާމު ބަދަލުވެދާނެ އެވެ.

މިލިއަން ހަމަކުރި މި ދެ ލަވަ އަކީ ވެސް މިހާރު އެންމެ މަޝްހޫރު ބޮޑުބެރު ލަވަތަކުގެ ތެރޭގައި ހިމެނޭ ދެ ލަވަ އެވެ.