ހަތަރު ފުރޮޅުލީ އުޅަނދުތައް އަގުދީގެން ޕާކުކުރާ ޕާކިން ޒޯނެއް

އަގު ދީގެން ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކު ކުރެވޭ ޕާކިން ޒޯނެއް ހަމަޖައްސައިފި އެވެ.


މާލެ ސިޓީ ކައުންސިލުން ބުނީ އެ ސަރަހައްދުގައި ޕާކު ކުރުމަށް ނަގާ ފީއަކީ މަހަކު 3000ރ. ކަމަށެވެ.

ކާނިވާ ސަރަހައްދުގައި ހުޅުވި ޕާކިން ޒޯންގައި ޕާކް ކުރުމަށް އެދި 146 ފޯމު ލާފައިވާ ކަމަށާއި އެތަނުގައި ހުރީ 52 ޖާގަ ކަމަށް ކައުންސިލުން ބުންޏެވެ. އަދި އެ ޖާގަތައް ދޫކޮށްފައި ވާނީ ގުރުއަތުލައިގެން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މި ގުރުއަތުގައި ބައިވެރިވުމަށް ހުޅުވާލީ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ކަމަށާއި ގުރުއަތު ނެގުން ފަސްކުރީ ކޮވިޑް-19ގެ ސަބަބުން ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މާލޭގައި ޕާކް ކުރުމުގެ ދަތިކަމަކީ ދިމާވެފައިވާ ވަރަށް ބޮޑު މައްސަލަ އެކެވެ. އެއްގަމު އުޅަނދުތައް ގިނަ ވުމާއި ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ގިނަވުމުގެ އިތުރަށް އެކަށީގެންވާ މިންވަރަށް ޕާކިން ޒޯން ހަދާފައި ނެތުުމުން އުޅަނދުތައް ޕާކު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ދަނީ ކުރިމަތިވަމުންނެވެ.

ސިޓީ ކައުންސިލުން ބުނީ މި މައްސަލަ ހައްލުކުރުމަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށާއި ވަރަށް އަވަހަށް ހެންވޭރު ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރެވޭނެ އިތުރު ޕާކިން ޒޯނެއް ހަދައި ދޫކުރާނެ ކަމަށެވެ. އެކަމާ ގުޅިގެން ކުރަން ހުރި މައިގަނޑު މަސައްކަތްތައް ނިމިފައިވާ ކަމަށް ވެސް ބުންޏެވެ.