މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރީގައި ކުރިން ހިންގި އެމްޓީސީސީ ހެޑް އޮފީސް ހުރި ބިން ޕާކިން ސަރަހައްދަކަށް ބަދަލުކޮށް ހުޅުވަން ތައްޔާރު ވެއްޖެ އެވެ.
މާލޭގެ މޭޔަރު ޝިފާ މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ އެ ބިން ޕާކިން އޭރިއާ އަކަށް ބަދަލު ކުރަނީ ވަގުތީ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގައި ޕާކިން އޭރިއާއެއް ހެދޭތޯ ސިޓީ ކައުންސިލުން މަސައްކަތް ކުރީ އެއްގަމު ތޮށި ކައިރީ ގިނަ އަދަދެެއްގެ ސައިކަލް ޕާކްކޮށްފައި ހުންނާތީ، ދަތުރުވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލު ކުރުމަށެވެ.
"އަޅުގަނޑުމެންނަށް ފެނޭ އަތޮޅުތަކަށް ދާ ގިނަ އަދަދެއްގެ މީހުން އެ ސަރަހައްދުން ފުރާއިރު އުޅޭ ހާލު. މާބަނޑު އަންހެނުންނާއި ކުޑަކުދިން ވެސް ޖެހެނީ ސައިކަލްތައް ތެރެއިން ދެމެމުން ނުކުންނަން،" އޭނާ ވިދާޅުވި އެވެ.
އެމްއެމްއޭގެ ހުޅަނގު އުތުރުން އޮންނަ ހުސް ބިމުގައި ކުރިން ހިންގި އެމްޓީސީސީގެ ހެޑް އޮފީހުގެ އިމާރާތް ތަޅާލައި އެ ސަރަހައްދު ވަށައި ޓިނު ޖަހައި ބަންދު ކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެނގިފައިވާ ގޮތުގައި އެ ބިން އެމްޓީސީސީން މިހާރު ވަނީ ވަގުތީ ގޮތުން މާލޭ ސިޓީ ކައުންސިލާ ހަވާލު ކޮށްފަ އެވެ.
ޝިފާ ވިދާޅުވީ، އެމްޓީސީސީ ހެޑް އޮފީސް ކުރިން ހިންގި ތަނުގެ އިތުރުން ވެސް މާރުކޭޓް ސަރަހައްދުގައި ހުސް ތަންތަން ހުރިތޯ ސިޓީ ކައުންސިލުން ބަލަމުން އަންނަ ކަމަށެވެ.
އަތޮޅުތަކަށް ފުރާ މީހުންނަށް މިހާރަށް ވުރެ ލުއި ގޮތްތަކެއް ހަމަޖައްސަން، މާލެ-ހުޅުމާލެ ފެރީ ޓާމިނަލް ދަތުރުވެރިންނަށް ބޭނުންކުރެވޭނެ ގޮތް ހަދަން އެމްޓީސީސީއާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހުޅުމާލެއަށް ދަތުރުކުރާ ފެރީގެ އަދަދު މިހާރު މަދުވެފައި ވާތީ އަތޮޅުތަކަށް ފުރާ އުޅަނދުތަކަށް އެތަން ބޭނުން ކުރެވޭނެ ގޮތެއް ހަމަ ޖެހޭތޯ އެމްޓީސީސީއާ ވާހަކަ ދައްކަމުން މިއަންނަނީ އަޅުގަނޑުމެން،" ޝިފާ ވިދާޅުވި އެވެ.