އިސްކަންދަރު ސްކޫލު ކުއްޖަކު މިއަދު ކްލާހަށް ދިއުމުގެ ކުރިން، އެ ސްކޫލްގެ އޮފިޝަލަކު އެ ކުއްޖާގެ ހުން ޗެކް ކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
01 ޖުލައި 2020 - 09:51
ކޮވިޑް-19ގެ ނުރައްކަލުން ސަލާމަތްވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ އަދި ގިނަ ބަޔަކަށް އޭގެ ކަންބޮޑުވުން އެންމެ ބޮޑުވި، ސްކޫލްތައް ބަންދުކޮށްފައި އޮތް އޮތުން، ނިމުމަކަށް ގެނެސް، މިއަދު ވަކި ސްކޫލްތައް ހުޅުވާލައިފި އެވެ.
އެކަމަކު މާލޭ ސަރަހައްދާއި ކޮވިޑް-19ގެ ނުރައްކާ އޮތް ރަށްރަށުގައި ކިޔަވައިދޭން ފެށީ ގްރޭޑް 9-12 އަށެވެ. ބަލީގެ އެއްވެސް ނުރައްކަލެއް ނެތް ރަށްރަށުގެ ހުރިހާ ގްރޭޑްތަކަކަށް ވެސް މިއަދު ވަނީ ކިޔަވައިދޭން ފަށައިފަ އެވެ.
ސްކޫލްތައް މި ހުޅުވީ ގާތްގަނޑަކަށް ހަތަރު މަސް ވާން ކައިރިވެފައި އޮއްވަ އެވެ. ރާއްޖޭގެ ތާރީހުގައި ވެސް މިހާ ގިނަ ދުވަހު ސްކޫލްތައް ބަންދުކޮށްފައެއް ނުވެ އެވެ. މިދިއަ ދުވަސްތަކުގައި އޮންލައިންކޮށް ފިލާވަޅުތައް ނަގައިދިނުމުގެ މަސައްކަތް ކުރިޔަސް، އެކަން ވެސް ކުރިއަށް ދިޔައީ ވަރަށް ބޮޑެތި ހުރަސްތަކަކާ އެކުގަ އެވެ.
ސްކޫލްތައް ހުޅުވީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
ސްކޫލްތައް ހުޅުވި ނަމަވެސް، ކުރިން ކުރަމުން އައި ބައެއް ކަންކަމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ސަރުކާރުން ހިލޭ ފޯރުކޮށްދެމުން އަންނަ ނާސްތާއެއް ނޯންނާނެ އެވެ. އެހެންކަމުން މިނިސްޓްރީން އިލްތިމާސްކޮށްފައި ވަނީ ދަރިވަރުންނަށް ގެއިން ސައި ދީފައި ސްކޫލަށް ފޮނުވުމަށެވެ.
ސްކޫލަށް ދަރިވަރުން ވަންނަ އިރު ހުން ބަލާނެ އެވެ. އޭގެ އިތުރުން އަތް ދޮވުމާއި ގައިދުރުކަން ބެހެއްޓުމަށް ހަނދާން ކޮށްދިނުމަށް ސްކޫލްތަކުގެ އެކި ހިސާބުތަކުގައި ލިޔުންތައް ހަރުކޮށްފައިވެ އެވެ.
ކްލާސް ރޫމެއްގައި މީގެ ކުރިން ތިރީހަކަށް ކުދިން ކިޔެވި ނަމަވެސް، ތިން ފޫޓުގެ ދުރު މިނަކާ އެކު މޭޒާއި ގޮނޑިތައް އަތުރާލުމުން އެ އަދަދު ވަނީ 15 އަށް މަދުކޮށްފަ އެވެ.
މީގެ ކުރިން ހަފުތާގެ ފަސް ދުވަހު ކިޔަވައިދިން ނަމަވެސް ނިއު ނޯމަލްގައި ކިޔަވައިދޭނީ ހަތަރު ދުވަހު، ދުވާލަކު ހަތަރު ގަޑިއިރަށެވެ. ދުވާލަކު ހަތަރު މާއްދާ، 45 މިނެޓު ވަންދެން ކިޔަވައިދޭން ޖެހެ އެވެ. ބާކީ ހުރި ވަގުތުތަކުގައި އަތް ދޮވުމާއި ހުން ބެލުން ފަދަ ކަންތައްތައް ކުރިއަށްގެންދާނެ އެވެ.
ސްކޫލުތައް އަލުން ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭ ގޮތުން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރޭ ވިދާޅުވީ މުޅި ސްކޫލު ކޮމިއުނިޓީ އޮތީ ކިޔެވުން ފަށަން ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. ރައްކާތެރިކަމުގެ ޔަގީންކަމާ އެކު މިނިސްޓަރު ވަނީ ދަރިން ސްކޫލަށް ފޮނުވުމަށް ބެލެނިވެރިން ކިބައިން އެދިވަޑައިގެންފަ އެވެ.
"...ސްކޫލަށް ފޮނުވައިދެއްވާށޭ ދަރިވަރުން. އަޅުގަނޑުމެން ރައްކާތެރިކަން ޔަގީންކޮށްދޭނަމޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޔުނިސެފާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކުރި އެޑިއުކޭޝަން ރެސްޕޮންސް ޕްލޭން (އީއާރުޕީ) ގައިވާ ގޮތުން ކޮވިޑް-19 ގެ ސީދާ އަސަރު ރާއްޖޭގެ 91،672 ދަރިވަރުންނަށް ކޮށްފައިވެ އެވެ. މުޅި ދުނިޔޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ މުޅި ތައުލީމީ ނިޒާމަށް އަސަރުކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝިޔާމް
01 July 2020
މޫނު ފޮރުވައިގެން ދިޔަޔަސް ކިޔެވޭނެކަން ސާބިތުވެއްޖެ.
ހަސަން ފިކުރީ
01 July 2020
ބަލިމީހާ އޮށޯވެ އޮވެގެން ނަމާދުވެސް ކުރެވޭ ދޯ! އޭގެ މާނައެއް ނޫން ނަމާދުކުރަން އޮތް އެންމެ ރަގަޅު ގޮތަކީ އޮށޯވެ އޮތުމޭ ! ބައްޔަކުން ރައްކާތެރިވާން މާސްކު އަޅަންޖެހޭ ހާލަތެއް މެދުވެރިވީމާ، އަމިއްލަ ސަލަފީ އެޖެންޑާއެއް ޕްރޮމޯޓްކުރަން އުޅޭނެ ކަމެއް ނެތް ...
ހަސަންފިކުރީ
01 July 2020
ކަލޯ ސަލަފީ އެޖެންޑާއެއް ނޫން ދީނުގެ ހުކުމްތަކަކީ. ތިމާ ހިތް ނޭދޭ ކަންތައްތަކަކީ ނެތް ކަމެއް ކަމަށް ނުނިންމޭނެ.