އިސްތިއުފާ ދެއްވުމަށް ފަހު ސިނާން (މ) އޭނާގެ ޓީމުގެ މެމްބަރުންނާ މަޝްވަރާކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
20 އޮކްޓޯބަރ 2016 - 23:13
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މިރޭގެ އިންތިހާބުގައި އެކްސްކޯގެ މެޖޯރިޓީ ލިބުނީ ސިނާންއާ ވާދަކޮށް ނާކާމިޔާބުވި އަހުމަދު މަމްދޫހު (މަންޑޭ) ގެ ޓީމަށެވެ. ނައިބް ރައީސްގެ މަގާމަށް އިންތިހާބުވީ، މަންޑޭގެ ޓީމުގައި ހިމެނޭ ކުރީގެ މަޝްހޫރު ބާސްކެޓްބޯޅަ ކޯޗު ހަސަން އިސްމާއިލް އެވެ.
އިންތިހާބުވުމަށް ފަހު ވާހަކަދެއްކެވުމަށް ސިނާނަށް ފުރުސަތު ދިނުމުން، ޕޯޑިއަމް ކައިރިއަށް ވަޑައިގެން އޭނާ ވަނީ އިސްތިއުފާ ދެއްވިކަން އިއުލާންކުރައްވައިފަ އެވެ. ސިނާން ވިދާޅުވީ އޭނާ ވާދަކުރީ މަންޑޭއާ ނޫން ކަމަށާއި އޭނާ ވާދަކުރީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާ ކަމަށެވެ. އޭނާ އިޝާރާތްކުރެއްވީ، މަންޑޭ ހޮވުމަށް ޝަވީދު ކެމްޕެއިންކުރި ކަމަށެވެ.
"އަޅުގަނޑު އެއްވެސް އިރެއްގައި މަންޑޭއާ ވާދަނުކުރަން. އޭނާ އަކީ އަޅުގަނޑުގެ ގާތް އަޚެއް. އަޅުގަނޑު ވާދަކުރީ ޝަވީދާ. އަޅުގަނޑު މި ޗެލެންޖާ ކުރިމަތިލީ ވަރަށް ހިތްވަރާ އެކު. އެކަމަކު ނަތީޖާ މިއައީ ހީކުރި ގޮތާ ހިލާފަށް. އަޅުގަނޑު މަސައްކަތްކުރީ އަޅުގަނޑުގެ ޓީމާ އެއްކޮށް އަންނަން. މިކަމަށް މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރަން އަދި އަޅުގަނޑު މަގާމުން އިސްތިއުފާ ދެން،" ސިނާން ވިދާޅުވި އެވެ.
ސިނާން އިސްތިއުފާ އިއުލާންކުރެއްވުމާ އެކު އޭނާގެ ޓީމުގެ މެމްބަރުންނަށް ވެސް ލިބުނީ ހައިރާންކަމެވެ. އިންތިހާބީ ހޯލުގައި ޓީމުގެ މެމްބަރުން ގިނަ އިރު މަޝްވަރާކުރަން ތިބުމަށް ފަހު ވަނީ ހޯލް ދޫކޮށް ގޮސްފަ އެވެ.
ސިނާން (ކ) ނައިބް ރައީސްގެ މަގާމަށް ކުރިމަތިލައްވައި ނާކާމިޔާބުވެވަޑައިގެންނެވި އާރިފް ރިޒާއާ އެކު. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އިންތިހާބީ ކޮމިޓީގެ ޗެއާމަން އިބްރާހިމް އިސްމާއިލް ވިދާޅުވީ އިންތިހާބު ބޭއްވުމާ އެކު އެ ކޮމިޓީގެ މަސައްކަތް ނިމުނީ ކަމަށާއި ރައީސްގެ އިސްތިއުފާއާ ގުޅޭ ގޮތުން އެއްވެސް ގޮތެއް އެ ކޮމިޓީއަށް ނުނިންމޭނެ ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެން އެކަން ހޯމް މިނިސްޓްރީއަށް ރިޕޯޓްކުރާނަން،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
އާއްމު އުސޫލެއްގެ ގޮތުން، ދެން ޖެހޭނީ ރައީސްގެ މަގާމަށް މީހަކު ހޮވުމަށް ވަކިން އިންތިހާބެއް ބާއްވާށެވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ އެސޯސިއޭޝަނުގެ ބެލެނެވެރިޔާ، ހޯމް މިނިސްޓްރީންނެވެ.
މިރޭގެ އިންތިހާބުގައި ރައީސްގެ މަގާމަށް ސިނާން އިންތިހާބުވެވަޑައިގަތީ 15 ވޯޓާ އެކު އެވެ. މަންޑޭ އަށް ލިބިވަޑައިގަތީ 14 ވޯޓެވެ. ނައިބް ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވި ހަސަން އިސްމާއިލަށް ލިބިވަޑައިގަތީ 15 ވޯޓެވެ. އަދި ސިނާންގެ ޓީމުގެ ފަރާތުން ނައިބް ރައީސްގެ މަގާމަށް ވާދަކުރެއްވި، އެމްބީއޭގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން އާރިފް ރިޒާ އަށް ލިބިވަޑައިގަތީ 14 ވޯޓެވެ. އޭނާ އަކީ ސިނާންގެ ޓީމު ލީޑުކުރައްވައި އެންމެ ބޮޑަށް ކެމްޕެއިން ކުރެއްވި އެއް ފަރާތެވެ. އަދި މިރޭގެ އިންތިހާބުގައި 13 ކްލަބެއްގެ ޕްރޮކްސީގައި ވޯޓް ލީ ވެސް އާރިފެވެ.
ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ނައިބް ރައީސް އަހުމަދު އިސްމާއިލްގެ ކޮއްކޮ ހަސަން ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ބާސްކެޓްބޯޅަ ޓީމަށް ކޯޗުކޮށްދީ ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. މީގެ އިތުރުން ހަސަން ވަނީ ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ އިތުރުން ކުޅިވަރު ހިންގުމާއި މާކެޓިންގެ ދާއިރާގައި މަސައްކަތްކުރައްވައިފަ އެވެ.
އެމްބީއޭގެ ނައިބް ރައީސްކަމަށް މިރޭ އިންތިހާބުވެވަޑައިގެންނެވި ހަސަން އިސްމާއިލް.
އެސޯސިއޭޝަނުގެ ހަޒާންދާރުގެ މަގާމަށް ހޮވުނީ 15 ވޯޓާ އެކު އަހުމަދު އާދަމެވެ. ދެން ވާދަކުރި މުހައްމަދު ޒިއާއު އަށް ލިބުނީ 14 ވޯޓެވެ. އެކްސްކޯ އަށް ކްލަބްތަކުން ހޮވާ ފަސް މެމްބަރުންގެ މަގާމަށް ހޮވުނީ 15 ވޯޓާ އެކު މުހައްމަދު ޝިހާނާއި 15 ވޯޓާ އެކު މުހައްމަދު ވަހީދު (މޯޑް) 15 ވޯޓާ އެކު ހުސެއިން ފަޒީލާއި 16 ވޯޓާ އެކު ހުސެއިން ސުހެއިލާއި 15 ވޯޓާ އެކު އަހުމަދު ނަސީރު އިބްރާހީމެވެ. އަމިއްލަ މެމްބަރުގެ މަގާމަށް ހޮވުނީ 15 ވޯޓާ އެކު ހުސެއިން އަމީނެވެ. އޭނާއާ ވާދަކުރި މުހައްމަދު ހުޝާމަށް ލިބުނީ 14 ވޯޓެވެ.
އެކްސްކޯގެ ނުވަ މެމްބަރުންގެ ތެރެއިން ހަ މެމްބަރުން ނިސްބަތްވަނީ މަންޑޭގެ ޓީމަށެވެ. އެއީ ނައިބް ރައީސް ހަސަން އިސްމާއިލާއި ހަޒާންދާރު އަހުމަދު އާދަމާއި އަމިއްލަ މެމްބަރު އަމީނުގެ އިތުރުން އެކްސްކޯ އަށް ކްލަބްތަކުން އިންތިހާބުވި މެމްބަރުންގެ ތެރެއިން ފަޒީލާއި ސުހެއިލާއި ނަސީރެވެ. ސިނާންގެ ޓީމުން އިންތިހާބުވީ އޭނާގެ އިތުރުން އެކްސްކޯ އަށް ކްލަބްތަކުން އިންތިހާބުވި މެމްބަރުންގެ ތެރޭގައި ހިމެނޭ މޯޑާއި ޝިހާނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުނާން
22 October 2016
ތީތި މުޅިން ކަޑައޭ ބުރޯ، ދެން ދުވަހަކުވެސް އެއްވެސް ކަމަކަށް ވޯޓުލާން އެކަށީގެންވާ މީހެއްކަމަށް ޤަބުލެއް ނުކުރެވޭނެ. އެއީ ފޮރުވިފައި އޮތް މަގްސަދަކާއި ޒާތީ ތައައްސުބެއް ހާސިލުކުރުމަށް ތިފަދައިން ބައެއްގެ އުއްމީދުތަކާއި އިތުބާރާއި ވަގުތު ގެއްލުވާލާފައި ޕަބްލިކް މީޑީއާގައި ތިބަޔާންކުރި ބޮޑާ ކިބުރުވެރި ސަބަބުން ދެން ވޯޓަކުން ހޮވަންޖެހޭ އެއްވެސް މަޤާމެއް ހައްޤު ނޫންކަން ކަށަވަރުކޮށްދެއްވައިފި.
މަހޭ
21 October 2016
އެސޯސިއޭޝަންގަ އެއްވެސް އަމިއްލަ އިޚްތިޔާރެއް ނޯވެ ދޮއްތޮ؟ ހޯމް މިނިސްޓުރީގެ ގޮފި ކިޔުން މާ ރަނގަޅު ދޮއްތޮ؟
ނިންމުންބަރާބަރު
21 October 2016
ޝިނާންގެ ނިންމުން ވަރަށްވެސް ބުއްދިވެރި އެވެ. ބަސްނުވިކޭނެ ކަން ޔަޤީންވާ އޮޑިއެއްގެ ދިރުނބާކޮޅުގައި ހުންނާނެކަމެއް ނެތެވެ.
1234
21 October 2016
13 ޕޮރޮކްސީ ހިފައިގެން އައިސް 15 ވޯޓު ލިބުނީމަ އެބެއެނގޭ ޖުމްލް 30 ވަރަކަށް މީހުންކަން ތިތާ ތިއުޅެނީ... ޓީމެއްވެސް ހަމއެއް ނުވޭނު.
ޖިނާ
21 October 2016
ސިނާން ވާދަކުރީ އޭނަގެ އީގޯ ދައްކަން. ތިމާ މީހާ މޮޅުކަން ދައްކަން. ދެން ހޮވުނީމަ އޭނަގެ ޕޮއިންޓް ޕްރޫވް ވީއެއްނު. ދެން އިސްތިއުފާ ދިނީ. އެސޯސިއޭޝަނަށް އަދި މިކުޅުވަރަށް ލިބޭނެ ގެއްލުމަކަށް ނުވިސްނާ. އަމިއްލައެދުން ހަމަ.
ހަގީގަތް
21 October 2016
މި ޝަވީދެއްގެ އުނދަގޫ ނުފޯރާ ހަމަ އެއްތަނެއްވެސް ނެތީދޯ ހަމަ. ފުޓްބޯޅަ އަކަސް، ބާސްކެޓްބޯޅަ އަކަސް
ޙިލްމީ
21 October 2016
ތި ހަސަނު މަށަށް އިނގޭ..ތީނަ ވަރަށް އެކްޓިންގަށް ވަރަށް މޮޅުވާނެ..އާންމުކޮށް ގިނަ މީހުންތަކެށް އެއްފަހަރާ ރޮއްވާލުމުގެ ހުނަރު.
އިބްރާހިމް ދީދީ
21 October 2016
ވަރަށް ދަށު ދަރަޖައިގެ އަމަލެށް.. ހަރުކަށި އިބާރާތުން ކުއްވެރިކުރަން.. ...
ޜަހްމާން
21 October 2016
މިކަމުގައި މިއުޅެނީ ހުސް މޮޔައިން.....މަށަށް ވާނޭ ކިޔާފައި ގިރުވާން ކޮޅަށް ނަގައި ފުންމިން ފެނިފައި ބިރުން ބިރުން ދުވެ ފިލީ.
ަަްއަހުމަދު
21 October 2016
ބޮޑާވިޔަސް ތިދެން ބޮޑުވަރު.ހުރިހާތާކު ސިޔާސީ ޑްރާމާ.