ފާއިތުވި އަހަރުތަކުގައި ފޭނުންނަށް އެނގި، ސާފުވި އެއް ކަމަކީ އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓަކީ މަސައްކަތަށް ވަރަށް ފަރުވާތެރި އަދި އެ ގެނެސްދިނުމަށް ބުރަކޮށް މަސައްކަތްކުރާ މިއުޒިކީ ތަރިއެއް ކަމެވެ. މި އަހަރު ކުރީކޮޅު ނެޓްފްލިކްސް އިން ގެނެސްދިން ޓޭލާގެ ޑޮކިއުމެންޓްރީ "މިސް އެމެރިކާނާ" ބަލައިލުމުން މި ވާހަކަތައް ވަރަށް ތަފުސީލުކޮށް އެނގޭނެ އެވެ. އެކަމަކު އޭގެ ފަހުން މި އައި ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ އެކު، ސޯޝަލް މީޑިއާ އިން ޓޭލާ ފަނޑުވާން ފެށި އެވެ. މިދިޔަ ހަފުތާ ނިމެނިކޮށް އެނގުނީ، ލޮކްޑައުން ތެރޭގައި ޓޭލާ އަވަދިނެތި އުޅުނީ ފޭނުންނަށް އޭނާގެ ވަރަށް ހާއްސަ އަލްބަމެއް ގެނެސްދިނުމަށް ކަމަށެވެ. އެކަމުގައި ބިޒީވެ، ޚަބަރެއް ނުވީ އެވެ.
ޓޭލާގެ މި އާ އަލްބަމްގެ ނަމަކީ "ފޯކްލޯ" އެވެ. މިއީ ޓޭލާގެ 8 ވަނަ އަލްބަމެވެ.
ކުރީބައިގައި އިއުލާންނުކޮށް، އާ އަލްބަމެއް ކުއްލިއަކަށް ދޫކޮށްލުމުން ލިބުނު ހައިރާންކަމާ އެކު ފޭނުން ސިއްސުވާލި އަނެއް ޚަބަރަކީ މި އަލްބަމްގައި ޖުމްލަ 16 ލަވަ ހިމެނޭކަން ހާމަކުރުމެވެ. މި އަލްބަމް ނިކުތީ ޓޭލާގެ އެންމެ ފަހުން ގެނެސްދިން "ލަވާ" ނިކުތްތާ ބަރާބަރު 11 މަސްވީ ފަހުންނެވެ. މި ވެސް އެހެން ނޫނީ ނުވާ ކަމެކެވެ. މީގެ ކުރިން އާންމުކޮށް ޓޭލާ އަލްބަމްތައް ނެރެފައި ހުރީ ދެ އަހަރުން، އެއް އަހަރު އެވެ. އަދި އަލްބަމް ރިލީޒްކުރުމުގެ ކުރިން ފޭނުންގެ ހިތް ތަޅުވާލަން ވަރުގަދަ ޕްރޮމޯޝަންތައް ވެސް ކުރިއަށް ގެންދެ އެވެ. މިފަހަރު އެ ކަހަލަ އެއްވެސް ކަމެއް ނުކޮށް، "ޓަސްލާފައި" އިއުލާންކޮށް، ހަމަ އެ ދުވަހު އަލްބަމް ވެސް ނެރެފި އެވެ.
މި އިންޑީ އަލްބަމްގެ އެއް ލަވައިގެ ވީޑިއޯ ވެސް ނެރުނެވެ. އެއީ އަލްބަމްގެ ދެ ވަނަ ލަވަ، "ކާޑިގަން" އެވެ.
"ފޯކްލޯ" ލިޔެ އަދި ރިކޯޑް ކުރީ ވެސް ލޮކްޑައުންގެ ތެރޭގައި ޓޭލާ ސެލްފް އައިސޮލޭޝަންގައި ހުރެ އެވެ. ޓޭލާގެ ބުނި ގޮތުގައި މި އަލްބަމްގެ ހިޔާލު ލިބި، މަސައްކަތް ފެށުނީ ސެލްފް އައިސޮލޭޝަންގައި ހުރިއިރު، އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔަ، އާދަޔާ ހިލާފު ހިޔާލުތަކާ އެކު، ބައެއް ކަންކަން ވީގޮތް ބަލާ ހޯދުމަށް ހިތުގައި އުފެދުނު ހާއްސަ ޝައުގުވެރިކަމެއްގެ ސަބަބުން ކަމަށެވެ. ބުނެދޭން ދަތި ވާހަކަތަކާއި ދެކޭ ހުވަފެންތަކާއި ހިތުގައި އޮންނަ ބިރާއި އަދި އިހުސާސްތައް މި އަލްބަމަށް ޓޭލާ ބަންޑުންކޮށްލި އެވެ. އަދި މި އަލްބަމް ގެނެސްދިނީ ވެސް "މިއުޒިކަލް ހީރޯސް" ގެ ގޮތުގައި އޭނާ ދެކޭ ބައެއް މީހުންނާ ކޮލެބްރޭޓް ކޮށްގެންނެވެ.