ސިފައިން މިނިވަންކަން ދަމަހައްޓާނެ: މާރިޔާ

ރާއްޖޭގެ މިނިވަންކަން ދިވެހި ސިފައިން ދަމަހައްޓާނެކަމުގެ ޔަގީންކަން ދެއްވައި ކަމަށް ދިފާއީ ވަޒީރު، މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގެ މިނިވަން ކަމަށް 56 އަހަރު މިއަދު ފުރުމާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖްގައި މާރިޔާ ވިދާޅުވީ ރާއްޖެ މިނިވަންކަންމަތީ އަންނަން އޮތް ޖީލްތަކަށް ގެންގޮސް ދިނުމަކީ ބޮޑު، ގައުމީ ވާޖިބެއް ކަމަށެވެ. އެ ވާޖިބު އަދާ ކުރުމުގެ އެންމެ އިސް ދައުރެއް ކުޅޭނެ ބަޔަކީ ދިވެހި ސިފައިން ކަމަށާއި އެކަން ސިފައިން ކުރާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ދިވެހި ސިފައިން ވެފައިވާ ގުރުބާނީ އަދި ވަމުންދާ ގުރުބާނީ އަޅުގަނޑު މިއަދު ފާހަގަ ކުރަން. މިގޮތުގައި ސިފައިން ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދިވެހި ރައްޔިތުންނަށް މިއަދު އަރުވަން،" މާރިޔާ ވިދާޅުވި އެވެ.

ދިފާއީ ވަޒީރު ދެއްވި މެސެޖް

މިނިސްޓަރު ވިދާޅުވީ ރާއްޖެ މިނިވަންކަން މަތީ އޮތުމުގެ ސިއްރަކީ ކާބަފައިންގެ ރަނގަޅު ނިންމުންތައް ކަމަށެވެ.

"ދިވެހި ރާއްޖެއަކީ ޒަމާނުންސުރެ މިނިވަންކަން މަތީ އޮތް ބައެއް. އަޅުގަނޑުމެންގެ މި މިނިވަންކަމުގެ ސިއްރަކީ އަޅުގަނޑުމެންގެ ކާބަފައިން ގެންގުޅުނު ހިކުމަތު އަމަލީ. އެ މީހުން އަމަލު ކޮށްފައި ވަނީ ވަރަށް ވެސް ވިސްނުންތެރި ކަމާއެކީގައި،" މާރިޔާ ވިދާޅުވި އެވެ.

މިނިވަން ދުވަހާ ގުޅިގެން ދެއްވި ކުރު ވީޑިއޯ މެސެޖެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މި އަހަރުގެ މިނިވަން ދުވަސް ދިވެހިންނާ ބައްދަލު ކުރީ ކޮވިޑް-19 ގެ ސަބަބުން ގޭ ބަންދާއި ރަށު ބަންދުގެ ސަބަބުން މިނިވަންކަން ގެއްލުމުގެ އިހުސާސް ކުރަން ޖެހިފައި ވަނިކޮށް ކަމަށެވެ. އެހެންކަމުން ކޮވިޑް-19 ގެ ދަތި ހާލަތުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އިމްރާން އެދިވަޑައިގެންނެވި އެވެ.

"ގިނަ ޒަމާންތައް ދިވެހިން ހޭދަކޮށްފައި ވަނީ މިނިވަންކަން މަތީ. ދިވެހިންނަކީ އަޅުވެތި ކަމަށް ރުހޭ ބައެއް ނޫން. މިނިވަންކަމުގެ އަގު ފުރިހަމައަށް ވަޒަން ކުރެވޭނީ މިނިވަންކަން ގެއްލިގެން ދިއުމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން ދެއްވި މެސެޖް

މިނިވަން ދުވަސް ފާހަގަކުރަނީ އިނގިރޭސިންގެ އަތުން ރާއްޖެ އަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ރާއްޖެ އަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރީ ޖުލައި 26، 1965 ގަ އެވެ. ރާއްޖޭގެ މިނިވަންކަމުގެ ބާނީ، އަކީ ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާ، ސުމުއްވުލްއަމީރު އަލްމަރްހޫމް އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ.