ޔާމީން ފަތަން މާފުށީގައި ޓްރެކެއް ހަދަން ފަށައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެތުމަށް ކ. މާފުށީގައި ޓްރެކެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.


ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މާފުށި ހިއްކަން ފެށުމުން، މޫދަށް އެރޭ ސަރަހައްދަށް ވަރަށް ބާރު އޮއިވަރެއް އަންނަ ކަމަށެވެ. އެހެންވެ، ޓެރަރިޒަމްގެ ކުށުގައި ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީން އެ ސަރަހައްދުގައި ފަތަން ފުރުސަތު ދޭން ކެރިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

ޔާމީން ޖަލުގައި ބަންދުކުރި ދުވަހުން ފެށިގެން އޭރަށް ވުރެ ހިދުމަތްތައް ރަނގަޅުކޮށްފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ޔާމީނާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކުރަން އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުން ވަނީ އިމްރާންގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުއާ މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ޔާމީނަށް އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުނުކުރެވޭ މައްސަލައިގެ އިތުރުން ޖަލުން ލިބިވަޑައިގަންނަވާ ހިދުމަތްތައް ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

އޭގެ ތެރޭގައި ފެތުމުގެ އިންތިޒާމް ހަމަޖެއްސުމާއި އިތުރު ލޯކަލް ޗެނަލްތައް ފެންނާނެ ގޮތް ހަމަޖެއްސުމުގެ އިތުރުން ޔާމީން ގެއަށް ބަދަލުކުރުން ހިމެނެ އެވެ.

ފެތުމުގެ ކަންކަމާ ގުޅޭ ގުޅޭގޮތުން އިމްރާން ވިދާޅުވީ މޫދަށް އެރެން އޮންނަތަނަށް ވަރަށް ބާރަށް އޮއިވަރު އަންނާތީ އެމަނިކުފާނު މޫދަށް އެރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަޑައިގެންނެވި ބޭފުޅުންނަށް އަންގާފައިވާނެ ކަމަށށެވެ.

"އެހެންވެ އެތަނުގައި މޫދަށް އެރެވޭނެ އިންތިޒާމް ހަމަޖައްސާނަމޭ، ޓްރެކެއް ކޮންމެ ވެސް ވަރެއްގެ ހަދާފައި އެ އިންތިޒާމު ގާއިމްކޮށްފައި އެކަން ކުރާނަމޭ. އެކަން ކުރަން ފެށިތަނާ ފުލް ލޮކްޑައުނަކަށް ގޮސްގެން މަސައްކަތް ހުއްޓުނީ. އެ ދުވަހު ދެންނެވިން މިކަމުން އަރައިގަތްހާ އަވަހަކަށް އެކަން ކޮށްދޭނެ ކަމަށް،" އިމްރާން ވިދާޅުވި އެވެ.

ކަރަންޓުގެ މައްސަލައަކާ ހެދި މި ދޭތެރެއިން ކަރަންޓު ކެނޑިގެން ދިޔަ ކަމަށާއި މިހާރު ޕީއެސްއެމްގެ ހުރިހާ ޗެނަލްތަކެއް ލިބޭގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އިތުރު ޗެނަލްތައް ފެންނަގޮތް ހެދުމަށް ވެސް މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޔަގީންކަން އެބަ ދެމޭ އެއްވެސް ހިދުމަތެއް، އަސާސީ ހިދުމަތެއް އިރާދަކުރެއްވިއްޔާ އުނިނުކުރާނެ ކަން. ކޮށްދެވެން ހުރި އެންމެ ރަނގަޅަކަށް އެކަން ކޮށްދޭން. އެ ބޭފުޅުން، އަޅުގަނޑުމެންނާ ދޭތެރޭ ކަންކުރި ގޮތަށްވުރެ މާބޮޑު ތަނުން ރަނގަޅަށް ކަންކުރާނެ ކަން އަދި ކުރާކަން ވެސް އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ،" އިމްރާން ވިދާލުވި އެވެ.

ގޭ ބަންދަށް ބަދަލުކޮށްދިނުމާ ގުޅޭ ގޮތުން އިމްރާން ވިދާޅުވީ ޑޮކްޓަރު އެދިފައިވާ ޓެސްޓުތަކަކަށް ބިނާކޮށް އެކަމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރާނެ ކަމަށެވެ. ނަމަވެސް އެ ޓެސްޓުތައް ހެދުމަށް އެއްވެސް ގޮތަކުން އެއްބަހެއް ނުވި ކަމަށް ވިދާޅުވި އެވެ.

ޓެސްޓުގެ މައްޗަށް ބިނާކޮށް ދެން ކުރަންޖެހޭ ކަމެއް ކުރާނެ ކަމަށާއި ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި ގާނޫނުގެ މައްޗަށް ހެދިފައި ހުރި ގަވައިދުތައް ބުނާ ހަމަތައް އައުމުން އެ ބުނާ ގޮތަށް އެއްވެސް ކަމެއް ނުހިފައްޓައި ކުރާނެ ކަމަށާއި އެ ހިތްވަރު ހުންނާނެ ކަމަށް ވިދާޅުވި އެވެ.

ޔާމީން ބަންދުކުރި ދުވަހަށް ވުރެ ޖަލުން މިހާރު ދޭ ހިދުމަތްތައް ރަނގަޅުކޮށްފައިވާ ކަމަށާއި ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އެއްވެސް ރައްޔިތަކަށް ނުހައްގު އަނިޔާއެއް ނުދޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.