ސަރުކާރުން އިސްވެ ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރަންޖެހޭ: ހަސަން ލަތީފް

ކޮރަޕްޝަންގެ މައްސަލަތައް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނުވަތަ އެހެން އިދާރާއަކުން ހާމަކުރަންދެން މަޑުނުކޮށް ސަރުކާރުން އިސްވެ އެ މައްސަލަތަައް ބަލައި ހުއްޓުވަން މަސައްކަަތްކުރަންޖެހޭ ކަމަށް އެމްޑީޕީގެ ޗެެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.


ހަސަން މިހެން ވިދާޅުވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށާއި ބަލިވާ މީހުންނަށް ފަރުވާ ދިނުމަށް ވަސީލަތްތައް ހޯދުމުގައި ހެލްތު މިނިސްޓްރީން ހިންގާފައިވާ ކޮރަޕްޝަންތައް ހާމަކޮށް ނެރުނު އޮޑިޓް ރިޕޯޓާ ގުޅިގެން މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ. ހެލްތު މިނިސްޓްރީގެ ކޮރަޕްޝަން މައްސަލައިގައި ފިނޭންސް މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތް ރަނގަޅު ކަމަށް އޮޑިޓް ރިޕޯޓްގައި އޮތް ނަމަވެސް ފައިސާ ދޫކުރުމުގެ އިންތިޒާމް މިހާރު އޮތް ގޮތް ރަނގަޅު ނޫން ކަމަށް ހަސަން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހެލްތު މިނިސްޓްރީގައި ހުންނަ ފައިނޭންޝަލް އެގްޒެކެޓިވްއެއް އެޕްރޫވްކޮށްްލައިގެން ފައިސާ ދޫކުރެވުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.

"އަޅުގަނޑުވެސް ގަބޫލުކުރަން ފިނޭންސް މިނިސްޓްރީގެ އިހުމާލެއް އޮތް ކަމަކަށް ގާނޫނާ ގަވައިދުގެ ތެރެއިންނެއް ނެތް. އެހެން ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ފިނޭންސް މިނިސްޓްރީން ވެސް ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑަށް ބަލަން ޖެހޭ ކަމެއް މިކަމަކީ،" ސަރުކާރު ކޯލިޝަންގެ މައި ޕާޓީގެ މެންބަރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން އަމަލުކުރި ގޮތުން މިސާލު ނަގައިގެން އެހެން ތަންތަނުން އެފަދަ ކަންތައް ކުރިޔަ ނުދޭން ކުރެވޭނެ ކަމަކީ ފިނޭންސް މިނިސްޓްރީން އެކަމަށް އިތުރަށް ފާރަވެރިވުން ކަަމަށް ވެސް ހަސަން ވިދާޅުވި އެވެ. ސަރުކާރަށް ހަސަން ގޮވައިލެއްވީ ކޮރަޕްޝަންގެ މައްސަލަަތައް އޮޑިޓަ ޖެނެރަލް ބަލައި ނިމެންދެން މަޑުނުކުރުމަށާއި ޝައްކުކުރެވޭ ކަންތައްތައް ހުންނަ ނަމަ ސަރުކާރުން އިސްނަގައިގެން ބެލުމަށެވެ.

"މިކަންކަމުގެ މައުލޫމާތު ސަރުކާރަށް ލިބޭކަމަށް ވަންޏާ، ޝައްކުކުރެވޭ ކަންކަން ހުންނަ ކަމަށް ވަންޏާ ސަރުކާރަށް، ސަރުކާރުންް އިސްނަގައިގެން އެކަން އެބަ ރަނގަޅުކުރައްވަން ޖެހޭ. އޮޑިޓާ ޖެނެރަލްގެ އޮޑިޓް ރިޕޯޓަކުން ފާހަގަވާ ކަންކަން ފާހަގަ ވަންދެން މަޑުނުކުރައްވައި އެކަންކަން ސަރުކާރުން ކުރައްވަން އެބަ ޖެހޭ،" ހަސަން ވިދާޅުވި އެވެ.

ދެވަނަކަމެއްގެ ގޮތުގައި އޭނާ ސަރުކާރަށް ގޮވައިލެއްވީ ކޮރަޕްޝަނުގެ ތެރެއިން ދައުލަތަށް ގެއްލޭ ފައިސާ ހޯދަން މަސައްކަތް ކުރުމަށެވެ.

އެޖެންޑާ ނަވާރަ ވެސް ތަފާތު އަދި މިސަރުކާރު ވެސް ތަފާތު. ރައީސުލް ޖުމްހޫރިއްޔާ [އިބްރާހީމް މުހައްމަދު ސޯލިހު] އެވަނީ މި މައްސަލަ ތަހުގީގުކުރަން މުއައްސަސާތަކާ ހަވާލުކުރައްވާފައި. އެ މުއައްސަސާތަކުން މި މައްސަލަ ތަހުގީގުކުރުމަށް ފަހު އެތަންތަނުން ނިންމާ ގޮތެއްގެ މަތިން ރައީސުލް ޖުމްހޫރިއްޔާ އަމަލުކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބަަ އޮތް. ހަމަ އެހެންމެ އެޖެންޑާ ނަވާރައިގެ ތަފާތުކަމަކީ އަޅުގަނޑު މިތާ ހުރެ މި ވާހަކަ ދައްކާކަން: ހަސަން ލަތީފް

ވެންޓިލޭޓަރު ގަތުމުގައި ހެލްތު މިނިސްޓްރީ ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކުރި ގޮތުން އެމްޑީޕީއަށް އަމާޒުވި ފާޑުކިއުުންތަކަށް ވެސް އޭނާ ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ތަފާތަކީ އެ މައްސަލަ ތަހުގީގީ އިދާރާތަކަށް ސަރުކާރުން ހުށަހަޅައިގެން ބެލުން ކަމަށެވެ. އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކަނޑައެޅި މެނިފެސްޓޯ ކަމަށްވާ "އެޖެންޑާ 19" ގެ ތަފާތަކީ އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އެ މައްސަލަތައް ބަލަން ބޭނުންވުމެވެ.

"އެޖެންޑާ ނަވާރަ ވެސް ތަފާތު އަދި މިސަރުކާރުވެސް ތަފާތު. ރައީސުލް ޖުމްހޫރިއްޔާ [އިބްރާހީމް މުހައްމަދު ސޯލިހު] އެ ވަނީ މި މައްސަލަ ތަހުގީގުކުރަން މުއައްސަސާތަކާ ހަވާލުކުރައްވާފައި. އެ މުއައްސަސާތަކުން މިމައްސަލަ ތަހުގީގުކުރުމަށް ފަހު އެތަންތަނުން ނިންމާ ގޮތެއްގެ މަތިން ރައީސުލް ޖުމްހޫރިއްޔާ އަމަލުކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބަަ އޮތް. ހަމަ އެހެންމެ އެޖެންޑާ ނަވާރައިގެ ތަފާތުކަމަކީ އަޅުގަނޑު މިތާ ހުރެ މިވާހަކަ ދައްކާކަން،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ވަގުން ނޫން ކަމަށެވެ. އޮޑިޓް ރިޕޯޓްތަކުގެ ތެރެއިން ޑިފެންސް މިނިސްޓްރީގެ ރިޕޯޓްގައި މައްސަލައެއް ނެތްކަމަށާއި ޑިފެންސް މިނިސްޓަރަކަށް ހުންނެވީ އެމްޑީޕީގެ މެމްބަރެއްކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ އަށް ހަސަން ލަތީފް ޝުކުރު އަދާކުރެއްވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، ކޮވިޑާ ގުޅިގެން ހަރަދުތަކުގެ ތެރޭގައި އެތައް މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވާއިރު، އެ ކަންތައްތައް ބަލަން މިނިސްޓްރީތަކުން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ހަރަދުކުރި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންގައިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓުން އެނގުނީ ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ހެލްތު މިނިސްޓްރީން މަކަރާއި ހީލަތް ހަދާފައިވާ ކަމަށާއި ވެންޓިލޭޓަރު ގަންނަން އެހެން ދެ ކުންފުންޏަކާ ހަވާލުކުރުމުގައި ވެސް ގޯސްތައް ހަދާފައިހުރި ކަމެވެ. ޓޫރިޒަމް މިނިސްޓްރީން ވެސް ނުގަވައިދުން ފައިސާ ހަރަދުކޮށްފައިވާކަން އޮޑިޓުން ވަނީ އެނގިފަ އެވެ.