ސީއެސްސީގެ ލިސްޓް އެކުލަވާލި ގޮތް އަލުން ބަލަން ނަޝީދު އެދިވަޑައިގެންފި

ސިވިލް ސާވިސް ކޮމިޝަނަށް މެމްބަރުން ހޮވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނަންތައް ޝޯޓްލިސްޓްކުރި އިރު އެ ލިސްޓްގައި މަޖިލީހުގެ މެމްބަރެއްގެ މަސްލަހަތު ހިމެނޭ ބޭފުޅަކު އޮތުމުން އެކަން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަަޑައިގެންފި އެވެ.


މަޖިލީހުގެ ޖަލްސާ ފެއްޓެވުމަށް ފަހު ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނަށް ކުރިމަތިލެއްވި 41 ބޭފުޅުންގެ ތެރެއިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޝޯޓްލިސްޓް ކުރި 13 ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރެއްގެ "މަސްލަހަތު ހިމެނޭ ބޭފުޅެއްގެ ނަން އެބަ އޮތް" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަަލްސާއެއްގައި ސަނީފް ވާހަަކަ ދައްކަވަނީ

"އަޅުގަނޑު އެ ލިސްޓް ބެލިއިރުގައި މި މަޖިލީހުގެ އިއްޒަތްތެރި މެމްބަރެއްގެ، އަދި ހާއްސަކޮށް މިނިވަން މުއައްސަސާ ކޮމިޓީގެ އިއްޒަތްތެރި މެމްބަރެއްގެ މަސްލަހަތު ހިމެނޭ ބޭފުޅެއް ކަމަށް އަޅުގަނޑުގެ ޟަމީރަށް ގަބޫލުކުރެވޭ ބޭފުޅަކު އިންނެވީތީ އަޅުގަނޑު އެދެނީ ސުލޫކާއި އިމްތިޔާޒް ކޮމިޓީން އަދި އެއް ފަހަރު މިކަން ބައްލަވައިލަދެއްވުމަށް،" ނަޝީދު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މަސްލަހަތު އޮތް ނަމެއް ކަމަށް ނަޝީދު އެ ވިދާޅުވީ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޢަބްދުﷲ ސަނީފްގެ ކުރީގެ އަނބިކަނބަލުންގެ ވާހަކަ އެވެ. ނަމަވެސް އެ ނަމާ މެދު ގޮތެއް ނިންމަން ކޮމިޓީގައި ނެގި ވޯޓުގައި އަދި އެ އިންޓަވިއުގައި ސަނީފް ބައިވެރިވެވަޑައެެއް ނުގަންނަވަ އެވެ.

ސަނީފްގެ ކުރީގެ އަނބިކަނބަލުން ހިމެނޭ ގޮތަށް، ސީއެއްސީ އަށް ކަނޑައަޅަން މަޖިލީހުން ވޯޓު ދޭނެ ބޭފުޅުންގެ ލިސްޓެއް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުން މަޖިލީހަށް ކުރާ އިތުބާރު ބޮޑުވާނީ ވަކި އަތަކަށް ބުރަ ނުވެ، ދެފުށް، ފެންނަ ގޮތަށް އަދި އަމިއްލަ މަސްލަހަތަށް ނުބަލައި މުއައްސަސާތައް ބިނާކުރަން މަސައްކަތް ކުރުމުންނެވެ. މަގާމުތަކަށް ގާބިލު ބޭފުޅުން ހަމަޖެއްސުމަކީ މި ރައްޔިތުންގެ މަޖިލީހުގެ އެންމެ ބޮޑު އެއް ވައުދުކަމަށް ވެސް ވިދާޅުވި އެވެ.

ނަންތައް ޝޯޓްލިސްޓްކުރި ގޮތް އިމްތިޔާޒާއި ސުލޫކު ކޮމިޓީން ވީހާވެސް އަވަހަކަށް ބެލުމަށް ފަހު އެ ރިޕޯޓް އަލުން މަޖިލީހުގެ ތަޅުމަށް ފޮނުވަން ނަޝީދު އެދިވަޑައިގެންނެވި އެވެ.