ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަންގެ ފިލްމީ ކެރިއަރުގައި އޭނާ ފާހަގަކުރެވިފައި ވަނީ، "މާ މޮޅަށް" އެކްޓުކުރަން ނޭނގޭ ތަރިއަކަށް ވިޔަސް، އޭނާގެ ބައްޕަ އަދި ބޮލީވުޑްގެ ޝެހެންޝާ އަމީތާބް ބައްޗަންގެ މަޝްހޫރު ކަމުގައި ބޮޑެތި ފިލްމުތަކުން ފުރުސަތު ހޯދި އެކްޓަރެއްގެ ގޮތުގަ އެވެ. ބައެއް ފިލްމީ ކްރިޓިކުންނާ އަދި ބެލުންތެރިން ބުނެ އުޅެނީ މިހެންނެވެ. އަބީޝެކް ގިނަ ފިލްމުތައް ވީ ވެސް ފުލޮޕެވެ. ހިޓުވި ފިލްމުތައް އިނގިލިތަކުން ގުނާލެވޭހާ ވެސް މަދެވެ. އެކަމަކު އެންމެފަހުން، އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން، އަބީޝެކް ލީޑު ރޯލެއް ކުޅުނު ވެބް ސީރީޒަކަށް ފަހު އޭނާއަށް ތައުރީފު ނޫން އެއްޗެއް ނުލިބެ އެވެ. އޭނާގެ އަސްލު، މޮޅު އެކްޓިން ދައްކާލަން ލިބުނު ފުރަތަމަ، ރަނގަޅު ރޯލަކީ މިއީ ކަމަށް ބުނެ އެވެ.

އަބީޝޭކް އުޅޭ ވެބް ސީރީޒްއާ އެކު މި ލިސްޓުކޮށްލަނީ، މިފަހުން ސްޓްރީމިންނަށް ދޫކޮށްލި އިންޑިއާގެ ބައެއް ވެބް ސީރީޒްތަކުގެ ތެރެއިން އެންމެ ސަޅި ބައެއް މަސައްކަތްތަކެވެ.

ބްރީތު: އިންޓު ދި ޝެޑޯސް

އެމެޒޯން އިން 2018 ވަނަ އަހަރު ގެނެސްދިން "ބްރީތު" ގެ ސީކުއެލް ސީރީޒެވެ. އެކަމަކު މި ސީރީޒް ގެނެސްދިނީ ކުރީގެ ބައެއް ކެރެކްޓާސްތަކާ އެކު، މުޅިން އާ ގިނަ ކެރެކްޓާސްތަކެއް ހިމަނައިގެން، ތަފާތު ވާހަކައެއްގެ ގޮތުގަ އެވެ. މި ސައިކޮލޮޖިކަލް ކްރައިމް ޑްރާމާގައި އަބީޝޭކްއާ އެކު ލީޑު ކުޅުނީ އަމިތު ސާދު އާއި ނިތިޔާ މެނެން އެވެ. މީގައި ދައްކަނީ ކުޑަކުއްޖަކު، ސީރީޒްގައި އަބީޝޭކް އާއި ނިތިޔާގެ ދަރިފުޅު ރަހީނުކުރުމުން، އެ ކުއްޖާ ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ދިމާވާ ކަންތައްތަކެކެވެ. އަމިތު ކުޅެނީ ޕޮލިސް އޮފިސަރެއްގެ ރޯލެވެ. މި ސީރީޒްގައި 45 މިނެޓުގެ 12 އެޕިސޯޑާ އެކު ތަންކޮޅެއް ދިގުދައްމާލާހެން ހީވި ނަމަވެސް، ވާހަކަ ގެނެސްދީފައިވާ ގޮތުން ބަލަން އިންނަ ހިތް ވާނެ އެވެ.

އަބޭ

ރަނގަޅު ކްރައިމް ތުރިލާއެއް ބަލައިލަން ބޭނުން ނަމަ، ކުނާލް ކެމޫ ލީޑު ކުޅޭ، ޒީފައިވްގެ އޮރިޖިނަލް "އަބޭ" ހިޔާރުކުރަން ރަނގަޅުވާނެ އެވެ. ވަރަށް ފަހުން ވަނީ މި ސީރީޒްގެ ދެ ވަނަ ސީޒަން ގެނެސްދީފަ އެވެ. ކުނާލް ކުޅެނީ ޕޮލިސް އޮފިސަރެއްގެ ރޯލެވެ. އޭނާގެ ކޭސްއެއް ނިންމަން، ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ފަދަ އޮފިސަރެކެވެ. ފުރަތަމަ ސީޒަންގައި ދެއްކީ އަވަށަކުން ކުޑަކުދިންތަކެއް ގެއްލޭތީ، އެވާ ގޮތެއް ހޯދަން އޭނާ އުޅުނު ގޮތެވެ. އާ ސީޒަންގައި ދައްކަނީ އެ ކޭސް ނިމުނުތާ އަހަރެއްހާ ދުވަސް ފަހެވެ. އެކަމަކު މިފަހަރު ތަފާތު ކޭސްއެކެވެ. އަދި އާ ސީޒަންގައި ކުނާލްއާ އެކު އާޝާ ނެގީ، ރާމް ކަޕޫރް އަދި ޗަންކީ ޕާންޑޭ މުހިންމު ރޯލުތަކުން ފެނެ އެވެ.

އަ ސުއިޓެބަލް ބޯއީ

މިއީ އިންޑިއާގެ ވާހަކަލިޔުންތެރިޔާ އަދި ޅެންވެރިޔާ، ވިކްރަމް ސެތު 1993 ވަނަ އަހަރު، ހަމަ މި ނަމުގައި ލިޔުނު ވާހަކައެއް، އެންޑްރިއު ޑޭވީސްގެ ސްކްރީންޕްލޭއަކަށް، މީރާ ނައިރް ޑައިރެކްޓުކޮށް ގެނެސްދޭ ބީބީސީ ވަންގެ ޕީރިއަޑް ޑްރާމާ ސީރީޒެކެވެ. މި ވާހަކަ މަޝްހޫރުވެފައި ވަނީ ދުނިޔޭގައި ޝައިއުކުރި އެންމެ ދިގު ވާހަކަތަކުގެ ތެރެއިން އެއް ފޮތުގެ ގޮތުގަ އެވެ. އެއީ 1،349 ސަފުހާ އެވެ.

އިންޑިއާ އާއި ޕާކިސްތާނު ވަކިވިފަހުން، ހިޔާލީ ރަށެއް ކަމަށްވާ "ބްރަމްޕޫރް" ގައި، 1951 ވަނަ އަހަރު ހިނގާ ކަންތައްތަކެއް ދައްކަ އެވެ. މައިގަނޑު ވާހަކަ ބިނާކޮށްފައި ވަނީ ހަތަރު އާއިލާއެއް މައްޗަށެވެ. އަދި ރުޕާ މެހެރާ (މަހީރާ ކައްކަރު)، އޭނާގެ އެންމެ ހަގު އަންހެން ދަރިފުޅު، ލަތާ މެހެރާ (ތަންޔާ މަނިކްތަލާ) އިންނާނެ ފިރިހެން ކުއްޖެއް ހޯދުމުގެ ތެރެއިން ދިމާވާ ކަންތައްތަކާއި އެ ރަށުގައި ދީނީ ގޮތުންނާއި ސިޔާސީ ގޮތުން އޮންނަ ދެބައިވުންތަކާއި އަދިވެސް އޭރުގެ ބައެއް އިޖުތިމާއީ މައްސަލަތައްް ދައްކަ އެވެ. މި ހުރިހާ ވާހަކަތަކެއް އެންމެ ހަ އެޕިސޯޑަށް ވަނީ ފައްތާލައިފަ އެވެ. އަދި ވަރަށް އަވަހަށް ނެޓްފްލިކްސް އިން ވެސް މި ސީރީޒް ސްޓްރީމްކުރެވޭނެ އެވެ.

ބީބީސީ ސްޓޫޑިއޯސް އިން މިހާތަނަށް އެންމެ ބޮޑު ހަރަދެއް، 16 މިލިއަން ޔޫރޯ ހަރަދުކޮށްގެން ގެނެސްދިން މި ޑްރާމާގެ މުހިންމު ރޯލުތަކުން ފެންނަ އިތުރު ތަރިންގެ ތެރޭގައި ތާބޫ، އިޝާން ކައްޓާ، ރާމް ކަޕޫރް އަދި ރަޝީކާ ދުގާލް ހިމެނެ އެވެ.

އަވްރޮދު: ދި ސީޖް ވިތިން

އަމިތު ސާދު އުޅޭ ސޯނީ ލައިވްގެ މިލިޓަރީ ޑްރާމާއެކެވެ. ޖައްމޫ ކަޝްމީރްގައި 2016 ވަނަ އަހަރު ދިން ވަރުގަދަ ހަމަލާތަކުގެ މައްޗަށް ބިނާކޮށް، ހިޔާލީ ގޮތަކަށް ގެނެސްދީފައިވާ ޑްރާމާއެކެވެ. މި ހާދިސާއަށް ބޮލީވުޑުން ވަނީ މިދިޔަ އަހަރު ފިލްމެއް ވެސް ހަދައިފަ އެވެ. އެއީ ވިކީ ކޯޝަލް ލީޑު ކުޅުނު "އޫރީ: ދި ސާޖިކަލް ސްޓަރައިކް" އެވެ. އެކަމަކު އެ ފިލްމަށް ވުރެ، މި ޑްރާމާ ގެނެސްދީފައިވާ ގޮތް މާ ފުރިހަމަ ކަމަށް ބައެއް ކްރިޓިކުން ވަނީ ބުނެފަ އެވެ. މީގައި ނުވަ އެޕިސޯޑެއް ހިމެނެ އެވެ.

އާރްޔާ

ލޯބީގެ ރޯލުތައް ކުޅެ، ގިނަ ބައެއްގެ ލޯބި ހޯދި، ސުޝްމިތާ ސެންގެ މުޅިން ތަފާތު އެކްޓިންނެކެވެ. މި ކްރައިމް ޑްރާމާގައި ދައްކަނީ އާރްޔާ (ސުޝްމިތާ) ގެ ފިރިމީހާ ތޭޖްގެ (ޗަންދުރަޗޫރް ސިންގް) ގަޔަށް މީހަކު ބަޑިޖަހާ މަރާލުމުން، އޭނާގެ ފިރިމީހާގެ މަރުގެ ހަގީގަތް ހޯދާ އަދި އޭނާގެ އާއިލާ ރައްކާތެރިކުރުމަށް ކުރާ ކަންކަމެވެ. ނުވަ އެޕިސޯޑް ހިމެނޭ މި ސީރީޒް ނިމޭއިރު އަންނަނީ ހީވެސް ނުކުރާ ކަހަލަ ޓުވިސްޓެކެވެ.