މީގެ ދެ އަހަރު ކުރި އެވެ. އެމެރިކާގެ ކޮލަރާޑޯގައި ދިރިއުޅުނު 34 އަހަރުގެ އަންހެނެއް ކަމަށްވާ، ޝެނަން ވޮޓްސް އާއި އޭނާގެ ތުއްތު ދެ އަންހެން ކުދިން ވީނުވީއެއް ނޭނގި، ކުއްލިއަކަށް ގެއްލުނީ، އޭނާ މަސައްކަތުގެ ދަތުރަކަށް ދިއުމަށް ފަހު، އެނބުރި ގެއަށް އައި ދުވަހު އެވެ. އެކަމަކު ހަމަ އެ ގޭގައި ދިރިއުޅުނު އޭނާގެ ފިރިމީހާ، ކްރިސް ވޮޓްސް ހުއްޓެވެ. ކްރިސް ބުނާ ގޮތުން އެމީހުން ގެއްލުނީ، އޭނާ ފަތިހު މަސައްކަތަށް ދިޔަ ފަހުންނެވެ. ޝެނަންގެ ޚަބަރެއް ނުވެގެން، ފުރަތަމަ އެކަމާ ކަންބޮޑުވެ، ފުލުހަށް ގުޅަނީ ވެސް އޭނާގެ އެކުވެރިއެކެވެ.
މި ކިޔައިދިނީ ނެޓްފްލިކްސް އިން މިހާރު ސްޓްރީމިން އަށް ދޫކޮށްލާފައިވާ، ޓްރޫ ކްރައިމް ނުވަތަ ހަގީގީ މަންޒަރުތަކާއި ހެކިތަކާ އެކު ގެނެސްދިން ކްރައިމް ޑޮކިއުމެންޓްރީ "އެމެރިކަން މާޑާ: ދަ ފެމެލީ ނެކްސްޓް ޑޯ" ގައި މައިގަނޑު ގޮތެއްގައި ވާ ގޮތެވެ. އަދި ޝެނަން އާއި އޭނާގެ ކުދިން ހޯދުމަށާއި އެމީހުނަށް ވީގޮތެއް ބެލުމަށް ފުލުހުން ހިންގާ ތަހުގީގު ވެސް ދައްކަ އެވެ.
އެމެރިކާގެ ޚަބަރުތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދި، މި ހާދިސާއިން މުޅި ގައުމަށް ސިހުން ގެނުވި އެވެ. ޝެނަން އާއި ކުދިން ގެއްލުމުން ފުރަތަމަ ވެސް، ގިނަ ބައެއްގެ ތުހުމަތު އަމާޒުވީ އޭނާގެ ފިރިމީހާ ކްރިސް އަށެވެ. ހަގީގަތަކީ ވެސް އެއީ އެވެ. ޝެނަން އާއި ދެކުދިން "ގެއްލުވާލާއި"، މަރާލީ އެ ކުދިންގެ ބައްޕަ އެވެ. މި ޑޮކިއުމެންޓްރީގައި އެކަން ސިއްރުކުރާކަށް ވެސް މާ ބޮޑު މަސައްކަތެއް ނުކުރެ އެވެ. ޖެނީ ޕޮޕުލްވެލް ޑައިރެކްޓުކުރި މި ޑޮކިއުމެންޓްރީ އެންމެ ޝައުގުވެރިވާ ސަބަބަކީ ވެސް އެއީ އެވެ.
ޕޮޕުލްވެލް މަސައްކަތްކޮށްފައި ވަނީ ހަމައެކަނި ކްރައިމްއެއްގެ ގޮތުގައި މި ޑޮކިއުމެންޓްރީ ގެނެސްދިނުމަކަށް ނޫނެވެ. ދެމަފިރިންގެ މެދުގައި އޮންނަ ގުޅުމާއި ގެވެށި އަނިޔާގެ މައްސަލައް އުފެދޭ ގޮތާއި އަދި މީގެ ތެރެއަށް ސޯޝަލް މީޑިއާ ވަދެ، ކަންކަން ގޯސްވަމުންދާ ގޮތް ވެސް ދައްކަ އެވެ.
ގަޑިއިރަކާއި 23 މިނެޓަށް ދެމިގެންދާ، މި ޑޮކިއުމެންޓްރީ ހެދުމަށް އަސްލު މީހުންނާއި އަދި މި ހާދިސާގެ އަސްލު ފުޓޭޖުތައް ވެސް ބޭނުންކޮށްފައި ހުރުމުން، މި ކަހަލަ ހާދިސާއެއް އަސްލު ހިނގަމުންދާ ގޮތް މީހަކަށް އިހުސާސްކޮށްލެވޭހާ މޮޅަށް ގެނެސްދީފައިވެ އެވެ. އަދި އެމެރިކާގައި ހިނގަމުންދާ މި ކަހަލަ ގެވެށި އަނިޔާގެ ރަހުމުކުޑަ އަމަލުތަކަށް ލޯހުޅުވައިދެ އެވެ. މި ޑޮކިއުމެންޓްރީގެ ނިމުމުގައި ބުނާ ގޮތުން، ހަޔާތުގެ ބައިވެރިޔާ އަދި ކުރީގެ ބައިވެރިޔާ، އެމެރިކާގައި ކޮންމެ ދުވަހަކު ތިން އަންހެނުން މަރާލަ އެވެ.