އޭސީސީ ލަސްކަމަށް ބުނެ ކޮމިޓީގައި ވެސް އަމާޒުވީ ޝަކުވާ!

ކޮރަޕްޝަންގެ ތަހުގީގުތަކުގައި އެންޓި ކޮރަޕްޝަން ކޮމިޝަން މާބޮޑަށް ވެސް ލަސްވެ، ކުދި މައްސަލަތަކުގައި ދައުވާކުރަން ފޮނުވަމުން އަންނަ ކަމުގެ ތުހުމަތާ އެކު އެ ކޮމިޝަނަށް މަޖިލީހުގެ ކޮމިޓީގައި ވެސް ފާޑުކިއުން މިއަދު އަމާޒުވެއްޖެ އެވެ.


ތަހުގީގުތަކުގައި އިސްކަންދޭ އުސޫލު ކަމުނުދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި ވެސް މެމްބަރުން ވަނީ ގިނަ ޝަކުވާތަކެއް ކުރައްވައިފަ އެވެ.

އޭސީސީގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ހާޒިރުކުރީ ވެންޓިލޭޓަރު މައްސަލަައިގެ ތަހުގީގު ލަސްވާ މައްސަލައާ ގުޅިގެންނެވެ. އެކަމަކު އެ މައްސަލައިގައި މިއަދު ދައުވާކުރަން ފޮނުވާފައިވާތީ އެ މައްސަލަ ލަސްވުމާ ގުޅޭ ގޮތުން މެމްބަރުން ސުވާލެއް ނުކުރައްވަ އެވެ.

މައްސަލަ މިއަދަށް ނިންމީ ކޮމިޓީއަށް ހާޒިރުވާން ޝެޑިއުލްކޮށްފައި އޮތުމުން ކަމަށް މެމްބަރަކު އެއްސެވުމުން ކޮމިޝަންގެ ރައީސް ފާތުމަތު ޝިއުނާ ވިދާޅުވީ ކޮމިޓީ އޮންނަންވާއިރަށް މައްސަލަ ނިންމަން މަސައްކަތް ކުރި ކަމަށެވެ. ކޮމިޓީ ތާވަލްކުރުމުގެ ކުރިން ވެސް ތަހުގީގު ކުރިއަށް ގެންދިޔައީ ވަކި މުއްދަތަކަށް ނިންމަން އެދި ކަމަށާއި މައްސަލަ ޕީޖީ އަށް ރަސްމީކޮށް ފޮނުވީ މިއަދު ހެނދުނު ކަމަށް ވިދާޅުވި އެވެ.

ކޮމިޓީގައި އޭސީސީގެ މެމްބަރުންނާ މެމްބަރުން ސުވާލުކުރައްވަނީ. --ފޮޓޯ: އަހްމަދު އައުޝަން/މިހާރު

އޭސީސީގެ ތަހުގީގު ލަސްވުމުގެ ކަންބޮޑުވުމާ އެކު ތަހުގީގުތަކުގެ ފެންވަރާ މެދު ވެސް ބައެއް މެމްބަރުން ސުވާލު އުފެއްދެވި އެވެ. ތަހުގީގުތައް ކުރިއަށް ގެންދަނީ، އެ ހުށަހަޅާ މުޅި މައްސަލައިގައި ހިމެނޭ ހުރިހާ ދިމާލަކަށް ބަލައިގެން ކަމަށް އޭސީސީން ބުންޏެވެ.

ހެއްކާއި ބަޔާންތަކަށް ބަލާއިރު ވެންޓިލޭޓަރު ކޭސްގައި ދައުވާ އުފުލޭނެ ވަރަށް ތަހުގީގު ކުރެވުނު ކަމާ މެދު އެ ކޮމިޝަނަށް ޔަގީންކަން އޮތް ކަމަށް ޝިއުނާ ވިދާޅުވި އެވެ.

އޭސީސީގައި މައްސަލަތައް ފުނިޖެހިފައިވާއިރު ބޮޑެތި މައްސަލަތައް ބަހައްޓައި ކުދި މައްސަލަތަކުގެ ފަހަތުންދާ ކަމަށް މެމްބަރުން މިއަދު ވެސް ވިދާޅުވި އެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރު، ހަސަން އަހްމަދު ވިދާޅުވީ އޭސީސީން މަސައްކަތް ކުރަމުން އަންނަ ގޮތުން ކޮމިޝަނާ މެދު އިތުބާރު ގެއްލިފައިވާ ކަމަށެވެ. ކުދި މައްސަލަތަކުގައި ދައުވާކުރަން ފޮނުވާ ކަމުގެ ތުހުމަަތަށް ބާރު ދެއްވަމުން، ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް މިސާލު ނެންގެވީ މާލޭގެ މޭޔަރު ޝިފާ މުހައްމަދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އެވެ.

ލޮނު ޒިޔާރަތްކޮޅު ޕާކާ ގުޅޭ ފާޚާނާބަރިއެއްގެ މައްސަލަ އެހާ އަވަސް އަރުވާލައިގެން ދައުވާކުރަން ފޮނުވީ ކީއްވެތޯ އެހުމުން، ޝިއުނާ ވިދާޅުވި ގޮތުގައި އެކަން ތަހުގީގުކުރާތާ އަހަރެއް ވެއްޖެ އެވެ. އެއީ ކޮމިޝަނުން ތަހުގީގުކުރި ކުޑަ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވިީ 500 މައްސަލައާ އެކު ކޮމިޝަނުން މަސައްކަތްތަކާ ހަވާލުވިއިރު، މިދިޔަ އަހަރު ނިސްބަތުން ގިނަ މައްސަލަތަކެއް ހުށަހެޅި ކަމަށެވެ. ބައެއް މައްސަލަތަކުގައި ހެއްކާއި ގަރީނާ ހޯދައިގެން އަަވަހަށް ނިންމުނަސް ބައެއް މައްސަލަތައް ނިންމަން ދުވަސްތައް ހޭދަވާކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް މިހާރު މި އަންނަނީ މައްސަލަތަކުގައި އިސްކަންދޭވީ ތަރުތީބާ ގުޅޭ ޕޮލިސީއެއް ޑްރާފްޓްކުރަމުން. ވަރަށް އަވަހަށް އުސޫލެއްގެ ގޮތަށް ކަނޑައަޅައި އެއަށް އަމަލުކުރާނެ،" ޝިއުނާ ވިދާޅުވި އެވެ.

ވަކި މައްސަލައަކަށް އިސްކަންދެނީ ކަމަށް ތުހުމަތު ކޮމިޝަނަށް އެޅެން ބޭނުން ނުވާ ކަމަށާއި އެ ޕޮލިސީން އެ ތަރުތީބުތައް އެނގެން އޮންނާނެ ކަން ފާހަގަކުރެއްވި އެވެ. އަބަދުވެސް ކޮމިޝަނުން މައްސަލަތަކުގައި އިސްކަންދޭ ތަރުތީބެއް އޮންނަ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާތަނަށް އަށް ކޭސްއަކާ ގުޅިގެން ދައުވާކުރަން ފޮނުވާފައިވާނެ. ޑިއުޓީ ޕްރޮސިކިއުޝަންގައި 28 ކޭސްއެއް ވާނެ،" ޝިއުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މައްސަލަތައް އަވަސްކުރަން އަންނަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އޭސީސީ ހިންގާ އޮނިގަނޑު ރަނގަޅުކުރަން ޕޮލިސީތައް އެކުލަވާލައި މަސައްކަތްތައް ތަރުތީބުކޮށްފައި ހުރި ގޮތްތައް ވެސް ބަދަލުކުރި ކަމަށް ވިދާޅުވި އެވެ.

ވަސީލަތްތަކުގެ ދަތިކަން ތަކުރާރުކޮށް މިއަދު ވެސް މެމްބަރުންނާ ހިއްސާކުރައްވަމުން ޝިއުނާ ވިދާޅުވީ ތަހުގީގީ އިދާރާއެއްގެ ލީގަލްގައި މިހާރު ވެސް ތިބީ އެންމެ ދެ މުވައްޒަފުން ކަމަށެވެ. ކޮމިޝަންގެ މުވައްޒަފުން ވެސް މަސައްކަތް ކުރަނީ، އަވަހަށް ތަހުގީގުތައް ނިންމަން ކަމުގެ ޔަގީންކަން ޝިއުނާ ދެއްވި އެވެ.