ބުދަ ދުވަހާ ގުޅޭ
"ވަރަށް ބޮޑަށް ސޮރީ!" ހިތާހިތުން މިހާދު ބުނެލިއެވެ.
އެ ވަގުތު ރިފާ ދެކިލަން މިހާދު ބޭނުންވިއެވެ. ފޯނުން ރިފާގެ ފޮޓޯގަނޑު ހޯދައިލެވުނެވެ. އެކަމަކު ފޯނަކު ރިފާގެ ފޮޓޯއެއް ނެތެވެ. ފޮޓޯ ފުހެލީ މިހާދުގެ އަމިއްލަ އަތުންނެވެ. ހިތަށްއެރިއެވެ. ފުހެނުލެވުނު ނަމައެވެ. ރިފާ ލިބުނަސް ނުލިބުނަސް ރިފާގެ ފޮޓޯއެއް މިހާދު އަތުގައި އޮންނަން ޖެހޭނެކަން މިހާދަށް އެ ވަގުތު ވިސްނުނެވެ.
ގަޑިން ރޭގަނޑު އަށްގަޑި ބައި ވަނީއެވެ. މިހާދު ހުރީ ގަޑިއަށް ބަލަހައްޓައިގެންނެވެ. ކާމޭޒު ފަޅުފިލާ ވަރަށް މޭޒުމަތީގައި ކާއެއްޗެހި އަތުރައިފައި ހުއްޓެވެ. ކާކޮޓަރިއަށް އެއްވެސް މީހަކު ނުވަންނަން މިހާދު އަންގައިފައި އޮތުމުން، ގެންގުޅޭ މީހުން މަސައްކަތް ނިންމައިފައި ކޮޓަރިއަށް ވަން ގޮތަކަށް ނުނިކުމެއެވެ. މުނީރާ ތިމާގެ މީހެއް ގެޔަށް ދިޔަ ގޮތަށް އެ ގޭގައި މަޑުކޮށްގެން ހުރީއެވެ. މިހާދުގެ ގެ އޮތީ ފަޅުކޮށްފައެވެ. ރިފާ މާލޭގައި ނުބަހައްޓަން މިހާދު ބޭނުންވި ސަބަބަކީ އެއީއެވެ.
"ސޮރީ ރިފާ!" އަނެއްކާ ވެސް ހިތާހިތުން މިހާދު ބުނެލިއެވެ.
އަށްގަޑި ބައިވާން އެއް މިނެޓަށް ހުއްޓައި ގޭގެ ރަނގަބީލު ޖެހި އަޑު އިވުނެވެ. މިހާދު ގޮސް ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ތިބީ ނަޝްފާއާއި އަޒީޒާއެވެ. އެއީ ރިފާގެ މަންމައާއި ދަރިފުޅެވެ. އަޒީޒާ ހިނިތުންވެލިއެވެ. ނަޝްފާ ހުރީ އިސްޖަހައިގެންނެވެ. ރިފާޔާ ބެހޭ ގޮތުން ނަޝްފާ ގާތުގައި އިތުރަށް އާދޭސްނުކުރަން ރިފާ އޮތީ އެދިފައެވެ. އެ އެދުމަށް ފައިންއެރުމަކީ މިހާދު އެންމެ ބޭނުންވި ގޮތެއް ނޫނެވެ. ރިފާގެ ކިބައިން ތަކުރާރުކޮށް، ހިތާހިތުން މާފަށް އެދެވެނީ އެހެންވެއެވެ. ރިފާ ފުރުމުން އެ ކަން ކުރަން މިހާދު ވަނީ ދުރާލައި ރާވައިފައެވެ.
"އައްސަލާމް އަލައިކުމް!" މިހާދު ބުންޏެވެ.
އަޒީޒާ ސަލާން ބަލައިގަތެވެ. ދެމައިން އެކުގައި އެތެރެއަށް ވަނެވެ. މިހާދު ބޭނުން ނަމަ އެ މީހުން ގެއަށް ނުގެނެސް ވެސް ވާހަކަ ދެއްކުނީހެވެ. އެހެން ތާކަށް ވެސް ދެވުނީހެވެ. އެހެނަސް ރިފާ އުޅޭ ތަން އަޒީޒާއަށް ފެންނަން މިހާދު ބޭނުމެވެ. އެ ތަނުން ރިފާއަށް ލިބޭނެ ހިތްހަމަޖެހުމާއި އުފާ ދެއްކުމަށް ޓަކައެވެ. ދަރިންނަށް ބާއްޖަވެރި މުސްތަގުބަލެއް ހޯދައިދިނުމަކީ މައިންބަފައިން ދެކޭނެ ހުވަފެނެކެވެ. އަންހެންދަރިފުޅު ދެކެ ލޯބިވާނެ، ހިތްހެޔޮ ފިރިޔަކު ހުރުމަކީ މައިންބަފައިންގެ ފޮނި އުންމީދެކެވެ. ނަޝްފާ ވިސްނާނީ ހިތުންނެވެ. އަޒީޒާ ވިސްނާނީ ސިކުނޑިންނެވެ. ދެމައިން އެކުގައި ގެނައުމުން، ފަހަރެއްގައި މިހާދު ކޮޅަށް ނަސީބުގެ ތިލަފަތް ބަރުވެދާނެހެން މިހާދަށް ހީވީއެވެ. ގެއަށް ވަދެގެން ކާމޭޒާ ހަމައަށް ދެވުނު އިރު ގޭގެ ރީތިކަމާއި، ފުރިހަމަކަން އަޒީޒާގެ ސަމާލުކަން އަތުލިއެވެ. ގޮނޑިގޮނޑީގައި އިށީނދެ ކާން ފެށުނު އިރު ވެސް އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. ފަށަން ޖެހޭނީ މިހާދުކަން މިހާދަށް އެނގެއެވެ.
"މި ކަހަލަ ދަނޑިވަޅެއްގަ ބައްދަލުކުރުން ރަނގަޅުވާނެބާއޭ އަހަރެން ހިތަށްއެރި،" ކަރުކެހިލައިފައި މިހާދު ބުންޏެވެ. "ޒާހިރު ވަރަށް އިމަޖެންސީކޮށް ފުރައިގެން އެ ދިޔައީ. ރިފާ ވީ އެކޮޅުގަ. އެކަމަކު އަހަރެން ހިތަށްއެރީ މީ ހަމަ އެންމެ ރަނގަޅު ވަގުތޭ. ވަގުތު އޮއްވާ ބޭރަށް ދެވި، ދެވެން އޮތް އެންމެ ރަނގަޅު ފަރުވާ އެ ދެނީ. އިރާދަކުރެއްވީތީ މިހާރު ހާސްކަމެއް ނެތް. ހުރިހާ ކަމެއް ވެސް ބަރާބަރަށް ދިޔައީ. އެއީ ޝުކުރުކުރަން ޖެހޭ ވަރުގެ ކަމެއް. އެ މީހުންނަށް އެއްވެސް ކަމަކަށް ދައްޗެއް ނުވާނެ."
"ދެން ކޮން އިރަކުން ރިފާ ވަރިކުރަނީ؟" އަޒީޒާ އެހީ މިހާދު ހީ ވެސް ނުކުރާ ކަހަލަ ސުވާލެކެވެ. އިރުކޮޅަކަށް މިހާދު ހުއްޓުންއެރިއެވެ. އެކަމަކު މިހާދުގެ މޫނުމަތިން އެއްވެސް ހާސްކަމެއް ނުދައްކައެވެ.
"ތަންކޮޅެއް ދުރުދުރުން ތި ވާހަކަ ފަށަން މި އުޅުނީ،" މިހާދު ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އެކަމަކު މިހާރު މަގު ކުރުވެއްޖެ!"
މިހާދު ވިސްނައިލިއެވެ. ބުނަންވީ ކީކޭކަން މިހާދަށް އެނގެއެވެ. ވިސްނައިލީ ބުނާނެ ގޮތަކާ މެދުގައެވެ.
"ރިފާ ދެކެ އަހަރެން ވަރަށް ލޯބިވޭ!" އިސްޖަހައިލައިގެން އިނދެ އެހެން ބުނުމަށް ފަހުގައި އަޒީޒާއަށް މިހާދު ބަލައިލިއެވެ. "ވަރި ނުކުރާނަމެކޭ ނޫން މި ބުނަނީ. އެކަމަކު ރިފާގެ މަންމަ ވެސް ވިސްނާލާފަ އަޅެ ބުނެބަލަ! ރިފާ އެންމެ އުފާވާނެ ގޮތާ އާއިލާއަށް އެންމެ ރަނގަޅު ގޮތަކީ ކޮބާ؟ މިހާރު ކަންތައް ގޮއްސަ އޮތް ހިސާބުން މި ސުވާލަށް ޖަވާބެއް ހޯދަން ޖެހޭ! ރަނގަޅު! ޒާހިރަކީ ނަޝްފާގެ ބައްޕަ! ވަރަށް ރަނގަޅު ފިރިއެއް. ޒިންމާދާރު ބައްޕައެއް. ރިފާޔާ، ނަޝްފާޔާ، އަޒީޒާ ވެސް ޒާހިރަށް ހެޔޮއެދޭނެ. އެދެން ވެސް ޖެހޭނެ. އެކަމަކު މަންމައެއްގެ ހައިސިއްޔަތުން ދަރިފުޅަށް އެންމެ ރަނގަޅު ގޮތާ، މާމަދަރިއަށް އެންމެ ރަނގަޅު ގޮތް ވެސް ބަލަން ޖެހޭނެ. ތަންކޮޅެއް ފުންކޮށް ވިސްނާލާ! މި ދެވެނީ އެންމެ ފަހު ފުރުސަތު. މަންމަ ބޭނުންތަ އަހަރެން ރިފާ ވަރިކުރަން؟"
އަޒީޒާ ވަގުތުން އެއްބަސްވާނެކަމަށް އުންމީދުކޮށްގެން އިން ނަޝްފާއަށް އަޒީޒާގެ ޖަވާބު ނީވުމުން އަޒީޒާގެ މޫނަށް ނަޝްފާ ބަލައިލިއެވެ. އެއީ މިހާދަށް ފަޅި އުންމީދެއް ލިބުނު ދަނޑިވަޅެކެވެ.
"މީހަކަށް ހެޔޮއެދުމަކީ ރަނގަޅު ކަމެއް،" ވަގުތުގެ ބޭނުން ހިފައި މިހާދު ބުންޏެވެ. "އެކަމަކު ތި ދެމައިން ޒާހިރާ ދޭތެރޭ ވިސްނާ ވަރަށް ވުރެ ބޮޑަށް ރިފާއާ ދޭތެރޭގަ ވިސްނަންވާނެ. ވާނެއެއް ނޫން. ވިސްނަން ޖެހޭނެ. އަޒީޒާގެ ދަރިފުޅަކީ ރިފާ. ނަޝްފާގެ މަންމައަކީ ރިފާ. ބައްޕަ ދެކެ ލޯބިވާން ޖެހޭނެ. އެކަމަކު މަންމަ ބޭނުންވާ ގޮތް ނަޝްފާ ވެސް ޖެހޭނެ ބަލަން."
"ރިފާ ބުނީތަ ވަރި ނުކުރާށޭ؟" އަޒީޒާ ސުވާލުކުރިއެވެ.
"ރިފާގެ ގޮތް އަހަންނަށް ވުރެ ރަނގަޅަށް އެނގޭނީ ރިފާގެ މަންމައަށް. ރިފާގެ ދަރިފުޅަށް،" މިހާދު ބުންޏެވެ. "އޭނަގެ ހުރިހާ ވެސް މީހަކީ ނަޝްފާ. ނަޝްފާ ދެރަ ވެދާނެތީ، ނަޝްފާގެ ކިޔެވުމަށް ބުރޫ އަރާފާނެތީ އޭނަ ވިސްނަނީ. އެކަމަކު ނަޝްފާގެ ހުރިހާ ވެސް މީހަކީ ރިފާ ހޭ؟ ރިފާ މަންމަގެ ހުރިހާ ވެސް މީހަކީ ރިފާ ހޭ؟ އެކަކު ވެސް އަހަންނާ ދޭތެރޭ ވިސްނާނެކަމެއް ނެތް. އެކަމަކު ރިފާ އުފާވާ ގޮތް މުހިންމުވާން ޖެހޭނެ ނޫންހޭ!"
"ރިފާ ބުނިހޭ ވަރި ނުކުރާށޭ؟" އަޒީޒާ ސުވާލު ތަކުރާރުކުރިއެވެ.
މިހާދަކަށް އާނއެކޭ ނުބުނެވުނެވެ. ނަޝްފާ ކޮންމެވެސް އެއްޗެއް ބުނަން އުޅުނެވެ.
"ނުބުނާކަމަށް ވަންޏާ އަހަރެން ކިހިނެއް ބުނާނީ ވަރި ނުކުރާށޭ!" އަޒީޒާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. "އަހަރެން އެއްވެސް އިރަކު ރިފާއަށް ދެރަ ގޮތެއް ނޭދެން. ޒާހިރާ އިނީ ވެސް، އަލުން އިންނަން ބޭނުންވީ ވެސް ރިފާ. މިހާދު ތި ބުނީ ވަރަށް ބޮޑު ތެދެއް. އަހަރެން ވިސްނަން ޖެހޭނީ އަހަރެންގެ ދަރިފުޅާ ދޭތެރޭ! މުއްސަންޖަކަސް ފަގީރަކަސް ވަރިހަމަ. އޭނަ އުފާވަންޏާ އަހަރެން ވެސް އުފާވާނެ. ސުވާލަކީ މިހާދަށް ކެރޭނެހޭ ރިފާ ބޭނުންވާ ގޮތަކަށް ނިންމަން ދޫކޮށްލަން؟"
އެ ސުވާލަކަށް މިހާދު ޖަވާބެއް ނުދެއެވެ. އެހެނަސް، އެކުވެރި ޖައްވެއްގައި ގިނަ ވާހަކަތަކެއް ދެކެވުނެވެ. އަޒީޒާއަށް ވިސްނުނު ގޮތުގައި މިހާދާ ބެހޭ ގޮތުން އަޒީޒާއަށް އިވިފައިވަނީ ރަނގަޅަކަށް ނޫނެވެ. މިހާދު އުންމީދުކުރި ގޮތުގައި ނަޝްފާއަށް ކޮންމެވެސް އެއްޗެއް ވިސްނިއްޖެއެވެ. ހެޔޮ ބަދަލެއް އަތުވެއްޖެއެވެ. ޒާހިރުގެ ފަޔަށް ކުރިމަތިވި މައްސަލައަށް ވެސް އައީ ހެޔޮ ބަދަލެކެވެ. ދޭންވާ ފަރުވާ ދިނުމަށް ފަހު ޒާހިރު ކޮޓަރިއަށް ގެނައެވެ. އެ ކޮޓަރިއަކީ ހޮސްޕިޓަލުގައި ހުރި އެންމެ ފުރިހަމަ ކޮޓަރިތަކުގެ ތެރެއިން ކޮޓަރިއެކެވެ. ވަރަށް ހަމަޖެހިލައިގެން ޒާހިރު ނިދައިފައި އޮތް އިރު، ކައިރީގައި ހުރި އެނދުގައި ރިފާ ފޯނު ހިފައިގެން އޮށޯވެލައިގެން އޮތެވެ. އެއްވެސް ހާސްކަމެއް، ފިކުރެއް ނެތިއެވެ.
"މިހާރު ދެން ދަރިފުޅެއްނު އެންމެ މުހިންމުވާނީ." ރިފާ ލިޔެލިއެވެ.
މޫމިނާ ބުނި އެއްޗަކާ ގުޅިގެން ރިފާ ދިން ޖަވާބު މޫމިނާއަކަށް ކަމަކުނުދިޔައެވެ.
"އަހަންނަކަށް ތި ގޮތް ގަބޫލެއް ނުކުރެވޭ!" މޫމިނާ ލިޔުނެވެ. "ކުޑަ އިރު ވެސް ދަރިޔަށް ޓަކާ. ބޮޑު ވީމަ ވެސް ދަރިޔަށް ޓަކާ. ދަރިޔެއް ވިހާ ހިސާބުން މަންމަގެ ހުރިހާ އުފަލެއް މަރާލަން ޖެހޭތަ؟ ނަޝްފާއަކީ މިހާރު ކުޑަކުއްޖެއް ނޫން. އޭނަ އުޅޭނެ ގޮތެއް އެނގޭނީ އޭނައަށް. އެކަމަކު ރިފާ އުޅެންވީ ގޮތް ވެސް އެނގެންވީ އޭނައަށް؟ ދެން ރިފާ ކޮބާ؟"
"ބަލަ މޫމިނާ ވެސް ބުނީމެއްނު ޒާހިރު އެއްލާނުލައްޗޭ!" ރިފާ ލިޔުނެވެ.
"ރިފާ ލޯބިވަންޏާ!" މޫމިނާ ލިޔުނެވެ. "ނަޝްފާ ބޭނުން ވެގެނެއް ނޫން. ތިހެން ހަދަންޏާ އަބަދުވެސް ރިފާ ޖެހޭނީ ނަޝްފާ ރުއްސަން. މާމަދަރިއެއް ލިބުނީމަ އެ ކުއްޖާ ވެސް ރިފާ ބޮލަށް ޖަހާނީ. ނެތެއްނު ސަލާމަތެއް. އިރުއިރުކޮޅާ ތި އަހަނީ ކިހިނެއްހޭ ހަދަންވީ؟ ތިހެން ދެ އޮޑިއަށް ދެ ފައި ލައިގެން ހުއްޓާ މެދުން އިރައިގެން ދާނީ. ޒާހިރާ އިންނާނަމޭ ބުނެވުނީތީ ކޮންމެހެން އިންނާކަށް ނުޖެހޭ! މިހާދު ހަރަދުކުރާތީ ކޮންމެހެން ހުންނާކަށް ވެސް ނުޖެހޭ!"
ނިދަން އޮވެގެން މިހާދު ވިސްނިއެވެ. ގޮތެއް ނިންމަން މިހާދަށް ވަރަށް ފަސޭހަ ވެއްޖެއެވެ. ރިފާ ވެސް ގޮތެއް ނިންމައިފިއެވެ. ނަޝްފާގެ ނިންމުމުން އިތުރު ކުރިއެއް ފެޅިއެވެ. ދެން ވާނެ ގޮތް ނޭނގިފައި އިނީ ޒާހިރެވެ. އިންޑިޔާ ހޮސްޕިޓަލުން ޒާހިރު ދޫކޮށްލީ ހަތް ދުވަސް ފަހުންނެވެ. ކޮންމެ ދުވަހަކު ދެ ފަހަރު މިހާދު ގުޅައެވެ. ވާނުވާ ބަލައެވެ. ހަމަ އެހެންމެ ރިފާގެ ގެއަށް ވެސް މިހާދު ދެއެވެ. އަޒީޒާއާއި ނަޝްފާޔާ ގާތް ގުޅުމެއް ބޭއްވިއެވެ. ހުރިހާ ކަމެއް ހިނގީ ޒުލްފާގެ ލޯ ކުރިމަތީގައެވެ. ކަނިވަމުން ދިޔަ އުންމީދުގެ ހުޅުކޮޅު ޒުލްފާގެ ހިތުގައި އަލުން ރޯވި ކަހަލައެވެ.
ރިފާ މާލެ އައި އިރު އެހެންޏާ ނުވާ ކަމެއް އެ ފަހަރު ވިއެވެ. ޒާހިރު ދިޔައީ ރިފާގެ ތުއްތުބެއާ އެކުގައެވެ. ރިފާ އައީ މިހާދުގެ ކާރުގައެވެ. ކާރު މަޑުކުރީ ރިފާގެ ގެއަށެވެ. ރިފާ ހައިރާންވެފައި މިހާދަށް ބަލައިލިއެވެ.
"މި ގޭގަ ހުންނަންވީ؟" ރިފާ ސުވާލުކުރިއެވެ.
ނުނިމޭ