އާދިއްތަ ދުވަހާ ގުޅޭ

އެކަމަކު ކޮޓަރީގެ ދޮރު ލައްޕައިލިއެވެ.

"އަހަރެން މި އައީ!" އެއްވެސް އިހުސާސެއް ފާޅު ނުވާ ބެލުމަކުން ބަލަމުން ރިފާ ބުންޏެވެ. "އަދި ވަރިއެއް ނުވަން. އެކަމަކު އެ ބާރު ޒާހިރަށް ދޭން މި އައީ."

އެ ތަނަށް އައި މަގުސަދާ މެދު ރިފާ ފަހުރުވެރިއެއް ނުވެއެވެ. އުފަލެއް ވެސް ނުވެއެވެ. އެކަމަކު ބައެއް ފަހަރު އިންސާނާ ކުރަންޖެހެނީ އޭނަ ކުރަން ބޭނުންވާ ކަންކަމެއް ނޫނެވެ. ތިމާއަށް އެއިން ފައިދާއެއް ވާ ކަންކަމެއް ވެސް ނޫނެވެ. ހާލަތުގެ ގޮތުން މަޖުބޫރުވީމައި ކުރަންޖެހޭ ކަންތައް ވެސް ޖެހެނީ ކުރާށެވެ. ފަހުން ރޯންޖެހުނަސް ވެހެވެ. ރިފާ ބުނި އެއްޗެއްގެ މާނަ ނުވިސްނިގެން ޒާހިރު ބަލަހައްޓައިގެން އިނެވެ. އެހެނަސް މާ ގިނަ އިރު އެހެން އިންނާކަށް ނުޖެހުނެވެ. ރިފާއަކީ ޒާހިރުގެ ކުރީގެ އަނބިމީހާއެވެ. ގުޅުން ވަރުގަދަ ދެ މީހެއްގެ ދެމެދުގައި ލަފުޒު އަދާކުރަނީ ކުޑަ ދައުރެކެވެ. ހަގީގީ ބަހުރުވައަކީ އިޝާރާތެވެ. އެސްފިޔަޖެހުމާއި ނުޖެހުން އެއީ އެތައް ލަފުޒެކެވެ. އިސްޖެހުމާއި ނުޖެހުން އެއީ ވެސް އެތައް ލަފުޒެކެވެ.

ކޮފީތަށި ތުނބުން ނައްޓައިލުމަށް ފަހު ވެސް ތަށީގައި ހިފާއްޓައިގެން މިހާދު އިނެވެ. ހިޔާލަކަށް ގެއްލިފައެވެ. ކުރިމަތީ ގޮނޑީގައި އިނީ ހާނިމެވެ. ޒާހިރު ވަޒީފާއަދާކުރާ ފިހާރައިގެ ވެރިމީހާއެވެ. މިހާދުގެ ގާތް އެކުވެރިޔެކެވެ.

"ދެން ރިފާ ވަރިނުކުރީމަ ނިމުނީނު!" ހާނިމް ބުންޏެވެ. "ގޮވައިގެން ނައްޓާލާ! ޒާހިރަކަށް ނޭނގޭނެ ވާއެއް ނުވާއެއް. ދުރު ގައުމަކަށް ގޮސް އެ ތަނުން ގެއެއް ގަނެލައިގެން އުޅުނީމަ ނިމުނީނު. ކޯޗެއް ވިސްނާކަށް؟"

"ތިހެން ހަދަންވީ!" މަޑުމަޑުން މިހާދު ބުނެލިއެވެ. "އޭރުން ރިފާ ލިބުނީ އެކަމަކު އޭނަގެ ހިތެއް ނުލިބޭނެ."

"މަ ބުނަން ވާހަކައެއް،" ހާނިމް ގޮނޑީގައި ހަމަޖެހިލަމުން ބުންޏެވެ. "އަހަރެންގެ އަންހެނުންނަކީ ވެސް ކުރިން އެހެން މީހަކާ އިން މީހެއް. ފަށްކަނޑާކަށް ނޫން، އަހަރެން ދެކެ ލޯބިވެގެން އޭނަ އިނީ. އެކަމަކު ފަހުން އޭނަގެ ދަރިފުޅު ތި ފާޑަށް ޑިމާންޑްކުރަން ފެށީ. ދުވަސްކޮޅަކުން ހަމަ ތި ގޮތަށް ވައިފް ވެސް ދަރިފުޅުގެ ބައްޕަޔާ އިންނަން ބޭނުންވެއްޖެ! މަ ކުރި ކަމަކީ ގޮވައިގެން ނައްޓާލީ. ފުރަތަމަކޮޅު ވަރަށް ދެރަވެގެން ރޮއިރޮއިފަ އުޅުނު. ނުއެއް ކެވޭ. ނުއެއް ނިދޭ. މަ ހެދި ވަޑާމަކީ ފޯނުން ވެސް މާލެޔާ ނުގުޅޭ ގޮތް ހެދީ. ދުވަސްކޮޅަކުން ހަމައަކަށް އެޅިއްޖެ! އަދިވެސް އެހެރީ. މިހާރު މާލޭގަ އުޅޭތާ ވެސް ކޮން ޒަމާނެއް."

މިހާދު އިތުރު އެއްޗެއް ނުބުނެއެވެ. ވިސްނަން އިނީއެވެ.

"ނޫނީ ހިނގާ ފަންޑިތަ ހަދަމާ!" ހާނިމް ވަރަށް ގިނަ ގޮތްގޮތް ކިޔައިދިނެވެ. "ދަރިޔާ މަންމަ ދުރުކޮށްލީމަ ނިމުނީނު. ދަރީގެ ބޮލަށް ޒާހިރު އެރިގެން ދަރި ލައްވާ އިމޯޝަނަލް ބްލެކްމޭލު އެ ކުރަނީ. ޒާހިރު ޗާޓުން ފުހެލާ! މިހާދަށް ނުކުރެވޭނީ ކޮން ކަމެއް؟ ނުޖެހޭ ތި ވަރަށް ވިސްނާކަށް."

ދެން ވެސް މިހާދު އެއްޗެއް ނުބުނެ އިނެވެ. އެ ވަގުތު ފޯނު ރަނގަބީލުވާން ފެށިއެވެ. ގުޅީ ރިފާއެވެ.

"ކޮން އިރަކުން ގެއަށް އަންނަނީ؟" ރިފާ އެހިއެވެ.

"ކިހިނެއްވީ؟" މިހާދު ވެސް ކުރީ ސުވާލެކެވެ.

"ދެން ހަމަ ބަލައިލީ! އޯކޭ ބޭއްވީ!" ރިފާ ކުރު ޖަވާބެއް ދީފައި ފޯނު ކަނޑައިލިއެވެ.

މިހާދުގެ ބޮލުގައިރިއްސައިލިއެވެ. ރިފާ ކުރީ، ދުވަހަކު ވެސް އޭނަ ނުކުރާ ކަމެކެވެ. މިހާދު ހީކުރީ ކޮންމެވެސް މުހިންމު ވާހަކައެއް ދައްކަން ރިފާ ބޭނުންވީ ކަމަށެވެ. ދެން ހިތަށްއެރިއެވެ. ރިފާގެ ހިޔާލު ބަދަލުވީ ހެއްޔެވެ؟ ރިފާ ބަނޑުބޮޑުވީ ހެއްޔެވެ؟ ކުއްލިއަކަށް ރިފާ ގެއަށް ދާން ޖެހުނު ސަބަބެއް ރިފާ ކިޔައެއް ނުދެއެވެ. ގޭގައި ހިނގީ ކޮން ހާދިސާއެއް ކަމެއް ވެސް ނުބުނެއެވެ. އެ ވާހަކަ ދައްކަން ބޭނުންވީބާއޭ ވެސް މިހާދު ހިތަށްއެރިއެވެ.

ޒާހިރު ވަރަށް ހަމަޖެހިލައިގެން ފާރުގައި ލެނގިލައިގެން އިނެވެ. ތުންފަތަށް ވެރިވެފައިވަނީ ލާނެތް ހިނިތުންވުމެކެވެ. ދުވަސްތަކަކަށް ފަހު ޒާހިރުގެ ހިތަށް ހަމަޖެހުން ލިބިއްޖެއެވެ. އުންމީދު އާވެއްޖެއެވެ. ޔަގީންކަން އިތުރުވެއްޖެއެވެ. ޕްލާސްޓަރު އަޅާފައިވާ ފައި ދަމައިލައިގެން އަނެއް ފައި ކުރުކޮށްލައިގެން ފޯނާ ކުޅެން އިންދައި މީހަކު ކޮޓަރިއަށް ވަންކަމެއް ޒާހިރަކަށް ނޭނގެއެވެ.

"ހިތްފުރިއްޖެ ދޯ؟" ޒުލްފާ ބުނި އަޑު އިވުނެވެ.

ކުޑަކޮށް ސިހިފައި ޒާހިރު ބަލައިލިއެވެ. ޒުލްފާ ހުރީ ކޮތަޅެއް ހިފައިގެންނެވެ.

"ކިހިނެއް ޒުލްފާ ވަނީ؟" ޒާހިރު ސުވާލުކުރިއެވެ.

"ދޮރުން!" ލާނެތް ރާގަކަށް ޒުލްފާ ބުންޏެވެ. "ބޭބެ ދިން މޭވާކޮޅެއް ހިފައިގެން އަހަރެން އައި އިރު ދޮރު ހުރީ ތަންޑުއަޅާފަ. އަހަންނަށް އެނގޭ ޒާހިރު މި ގަޑީގަ ނުނިދާނެކަން. ވާނުވާ ބަލަން ހުއްޓާ ދޮރު ހުޅުވާލާފަ ނުކުތީ ރިފާ. ނުކުމެފަ އޭނަ ދެކޮޅު ހޯދާލި ގޮތާ، ސިއްރުސިއްރުން އެ ދިޔަ ގޮތުން ފުރަތަމަ ޝައްކުވީ. ދެން މި ފެނުނީ ޒާހިރުގެ މޫނު. ލައްކަ ދުވަސް ކޮށްފަ ތި މޫނު މި ފެނުނީ. ތި ދެ މީހުން ގަނޑެއްގަނެފި."

ޒާހިރު ގާތަށް ފުރަތަމަ އައީ ރުޅިއެވެ. އެކަމަކު ރުޅިއަށް ވުރެ މަލާމާތުން ޒުލްފާއަށް އަސަރުކުރާލެއް ބޮޑުވާނެކަން ވިސްނުމުން ޒާހިރު ހިނިތުންވެލިއެވެ.

"ދެން ފެންނާނީ އިންނަ ތަން،" ޒާހިރު ބުންޏެވެ. "ޒުލްފާގެ ހުރިހާ މަސައްކަތް ދިޔައީ ހަމަ ފަނުފުލުން. ދެން ތި ކަން ހުއްޓާލާ! މާދަމާ ކަންނޭނގެ ރިފާ މި ގެއަށް އަންނާނީ. އިއްދަ ހަމަވާ އިރަށް އޭނަ ވާނީ މަގޭ އަންހެނުންނަށް. ޒުލްފާ ބަލިވީ. އަހަރެން މޮޅުވީ. ދެން ދޭ! ކޮތަޅު ވެސް ހިފައިގެން ދާތި! އެހެން ނޫނީ ޑަސްބިނަށް އަޅާލަން ޖެހޭނީ."

ޒުލްފާ ގާތަށް ވެސް ރުޅިއައެވެ. ރުޅީގެ ބަދަލުގައި ޒުލްފާ ވެސް ބޭނުންކުރީ ޒާހިރުގެ އުކުޅެވެ.

"އަހަރެންވާ މި ދަނީ،" މަލާމާތުގެ ރާގަކަށް ޒުލްފާ ބުންޏެވެ. "ތެދެއް! ޒާހިރު މޮޅުވީ! އެކަމަކު ތީ ކާމިޔާބެއް ނޫން. ވިސްނާލަބަލަ! ރިފާއަކީ މީހެއްގެ އަންބެއް. މިހާދާ އިނދެގެން ހުރެ ޒާހިރާ އެއްކޮށް ގަނޑެއްގަތިއްޔާ، ޒާހިރާ އިނދެގެން ހުރެ މާދަމާ މިހާދާ އެއްކޮށް ގަނޑެއްނުގަންނާނެ؟ މަ ހީކުރީ އެ ރިފާއަކީ ފިސާރި އިއްފަތްތެރި، އަބުރުވެރި އަންހެނެއް ކަމަށް. ކޯޗަކަށް މި ވީ؟ އަހަންނަށް ވުރެ ހާލު ބޮޑެއްނު!"

ޒާހިރުގެ ތުންފަތަށް ވެރިވެފައި ހުރި ލާނެތް ހިނިތުންވުން ރަބަރަކުން ފުހެލި ކަހަލައެވެ.

"ކީކޭތަ ކިޔަނީ؟" ޒުލްފާ ދަނޑިވަޅުގެ ބޭނުން ހިފަމުން ބުންޏެވެ. "އެއް ފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށް މަތިން... ފުންމާލާނޭ! މަ މީ ޒާހިރު ނަމަ ދެން ރިފާޔާ ނުވެސް އިނީމުސް."

ގޮދަޑި މައްޗަށް މޭވާ ކޮތަޅު އެއްލައިފައި ޒުލްފާ ނުކުމެގެން ދިޔައީ، ޒާހިރުގެ ހިތް ކިލަނބު ކޮށްލައިފައެވެ. ހިތާހިތުން ޒާހިރު ބުނެލިއެވެ. ރިފާ އެހެން ހަދާނެ ހެއްޔެވެ؟ ޒާހިރު ފުން ނޭވައެއް ބޭރުކޮށްލިއެވެ. ޒުލްފާ ދެއްކި ވާހަކަ ގަބޫލުކުރާކަށް ޒާހިރު ބޭނުމެއް ނޫނެވެ. ޒުލްފާގެ ބޭނުމަކީ ދޭތެރެޖެއްސުމެވެ. އެ ކަން އަމިއްލަ ސިކުނޑިއަށް ވިސްނައިދޭން ޒާހިރު ވަރަށް މަސައްކަތް ކުރިއެވެ. އެކަމަކު ސިކުނޑި ތަކުރާރުކޮށް ބުނަމުން ގެންދިޔައެވެ. ރިފާއަކީ މީހެއްގެ އަންބެކެވެ. ޒާހިރަކީ ހިލޭ ފިރިހެނެކެވެ. ޒާހިރު ބޭނުން ކަންތައް ވެއްޖެއެވެ. އެކަމަކު އެއީ ކާމިޔާބެއް ހެއްޔެވެ؟ އުފަލެއް ހެއްޔެވެ؟ ނުވަތަ ރަތް ސިގުނަލެއް ހެއްޔެވެ؟

މިހާދު ގެއަށް އައިސް ކޮޓަރި ހުޅުވައިލި ވަގުތު ރިފާ ބިއްދޮށަށް އެނބުރިލި ތަން މިހާދަށް ފެނުނެވެ. ރިފާ އޮތީ ނިދާހެދުން ލައިގެންނެވެ. އެ ހެދުމަކީ ވަރަށް ކަރު ބޮޑު، ތުނި، ކުރު ހެދުމެކެވެ. އޭރު ގަޑިން ރޭގަނޑު އެގާރަ ޖަހައިފިއެވެ. ގަމީސް ބަދަލުގެ ކުރުމުގެ ބަދަލުގައި މިހާދު އެނދުގައި އޮށޯވެލިއެވެ.

"ކިހިނެއްވީ؟" މައްޗަށް ބަލަހައްޓައިގެން އޮވެ، ވަރަށް ލޯބިން މިހާދު އެހިއެވެ. "މާ ބޮޑަށް އަހަރެން މަތިން ހަނދާންވީ؟"

ރިފާ ޖަވާބެއް ނުދިނެވެ. އެކަމަކު އެނބުރިލިއެވެ. ވަރަށް ހިނިއައިސްފައި މިހާދު ވެސް އެނބުރިލިއެވެ. މިހާދަށް ފެނުނީ ގަބޫލުކުރަން ދަތި މަންޒަރެކެވެ. ރިފާގެ ހަށިގަނޑުން ފެންނަން ހުރީ ބޭވަފާތެރިކަމުގެ ހެކިތަކެވެ. ލަދުކުޑަކަމުގެ އަލާމާތްތަކެވެ. ކުޑަ އިރުކޮޅަކަށް މިހާދު ގަނޑުވިއެވެ. ރިފާއަކަށް އެ ވަރަކުން ވެސް ނުފުދުނެވެ. ޝައްކެއްގައި މިހާދު ބަހައްޓާކަށް ރިފާ ބޭނުމެއް ނޫނެވެ.

"ޒާހިރު ގެއަށް ގޮއްސަ މި އައީ." ރިފާ ދިނީ ޒާތެއްގެ ޔަގީންކަމެކެވެ.

މޫމިނާ ބުނި ވާހަކަ އޭރު ވެސް ރިފާ ހަނދާން ހުއްޓެވެ. ލޯބިވާ މީހަކު ފޫހިވާ އިރު ވަރަށް ފޫހި ވެސް ވާނެއެވެ. ރިފާގެ ހިތް ނެގިނެގިފައި ޖެހެއެވެ. ކަޅިޖަހައި ނުލައި ރިފާގެ މޫނަށް މިހާދު ބަލަހައްޓައިގެން އޮތެވެ. ކުއްލިއަކަށް ރިފާގެ ގައިގައި ބައްދައިލިއެވެ.

"ރިފާ ދެކެ އަހަރެން އަބަދުވެސް ލޯބިވާނަން،" ޔަގީންކަން ދޭ ކަހަލަ ރާގެއްގައި މިހާދު ބުންޏެވެ. "ދުވަހަކު ވެސް ރުޅިއެއް ނާންނާނަން."

ރިފާއަކަށް ކަރުނައެއް ނުހިފޭއްޓުނެވެ. ރުޅި ކޮންޓުރޯލެއް ނުކުރެވުނެވެ. މިހާދު ގައިގައި ދެއަތުން ތަޅައިގަތެވެ.

"ކީއްވެތަ އަހަރެން ދެކެ ރުޅިނާންނަނީ؟" ރިފާ ރޮއިގެންފައި ބުންޏެވެ. "އަހަންނަށް އެއްޗެހި ކިޔާބަލަ! އަނިޔާކޮށްބަލަ! ބަވާބަލަ! ތީ ކޮން ކަހަލަ މީހެއްތަ؟ އަހަރެން ގައިގަ އަތްލާކަށް މިހާދު ފަކުރެއް ނުގަނޭތަ؟ ފޫއްސެއް ނުވޭތަ؟"

"ލޯބިވާ މީހެއް ދެކެ ފޫއްސެއް ނުވާނެ ރިފާ!" ވަރަށް އޯގާތެރިކަމާ އެކުގައި މަޑުމަޑުން މިހާދު ބުންޏެވެ. "ކުށް ކުރެވުނީ އަހަންނަށް. ރިފާ ދާން ބުނި ވަގުތު އަހަރެން ރިފާ ދޫކޮށްލި ނަމަ މިހެނެއް ނުވީސް. ރިފާ ބޭނުމެއް ނުވާނެ އަހަރެން ދެރަކުރާކަށް. ތީ އަހަރެން ކަންތައް ކުރި ގޮތުން މަޖުބޫރުވެގެން ރިފާއަށް ކުރެވުނު ކަމެއް. ސޮރީ ރިފާ!"

ރުއިން ނޫން ކަމެއް ރިފާ ނުކުރެއެވެ. އެހާ ވަރަށް މިހާދަށް ވިސްނޭނެކަމަކަށް ރިފާ ފަހަރެއްގައި ވެސް ހިޔެއް ނުކުރެއެވެ. މިހާދު ކުއްލިއަކަށް އެނދުން ތެދުވިއެވެ. ޖީބުން ކަރުދާސްކޮޅެއް ނަގައިފައި ރިފާއަށް ދައްކައިލިއެވެ.

"މާދަމާ ކޯޓަށް ދާންޖެހޭ!" ފެންކަޅިވެފައި މިހާދު ބުންޏެވެ. "ހިނގާ ފޮއްޓަށް އެއްޗެހި އަޅަން."

ނުނިމޭ