ބުދަ ދުވަހާ ގުޅޭ

އެއަށް ފަހު އެނދުގައި އަޅާފައި އޮތް ފޮތިގަނޑު ނެގިއެވެ. ފޮތިގަނޑުގެ އެއްކޮޅު ފަންކާގައި އެއްސިއެވެ. ނަޝްފާ އިނީ މާމަ ކޮޓަރީގައެވެ. އެކަނިމާ އެކަންޏެވެ. އެ ވަގުތު ނަޝްފާގެ ސިކުނޑި ރަނގަޅަކަށް މަސައްކަތެއް ނުކުރެއެވެ. ހިތުގައި މަންމައަށް ޓަކައި އުތުރުއަރަމުންދިޔައީ އަލިފާނެވެ. ބައްޕައަށް ޓަކައި ހަމްދަރުދީއެވެ.

"މަންމަ އަންނަން ޖެހޭނީ!" ހިތާހިތުން ނަޝްފާ ބުނެލިއެވެ.

ނަޝްފާއަށް ޚަބަރު ފޮނުވާފައި ރިފާ ކޮޓަރިއަށް ވަން އިރު މިހާދު އުޅެނީ ފާހާނައިގައެވެ. ރިފާ އެނދުގައި އިށީނދެލިއެވެ. އެ ވަގުތު ރިފާގެ ލޮލުގައި އަޅައިގަތީ ފޯމެކެވެ. ފޯމު ބާއްވާފައި އޮތީ އެނދު ކައިރީގައި ހުރި ކުޑަ މޭޒު މަތީގައެވެ. ހީވާ ކަހަލައެވެ. ރިފާއަށް އެ ފޯމު ފެންނަން މިހާދު ބޭނުމެވެ. ރިފާ ބަލައިލި އިރު އެއީ ތާރީހު ޖަހައި ސޮއި ވެސް ކޮށްފައިވާ ވަރިފޯމެކެވެ. ރިފާގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސާލިހެންނެވެ. ހިތަށްއެރިއެވެ. ހަގީގަތުގައި ވެސް ރިފާ ވަރިކުރަނީ ހެއްޔެވެ؟ އެ ކަން ހުއްޓުވަން ރިފާ ބޭނުމެވެ. ނުހުއްޓުވަން ވެސް ބޭނުމެވެ. ވަރިވާން ބޭނުމެވެ. އިނދެގެން އުޅެން ވެސް ބޭނުމެވެ. ރިފާ ފޯމު ފަތްޖަހައިލައިފައި އެނދުގެ ގޮދަޑި ދަށަށް ލިއެވެ. އެނދުގައި އިށީނެވެ. އަލުން ފޯމު ނެގިއެވެ. ހުޅުވައިލައިފައި، ކުރިން އޮތް ތަނުގައި ބޭއްވިއެވެ. އެޔަށް ހަދާނެ ގޮތެއް ރިފާއަށް ނޭނގިގެން އުޅެނިކޮށް މިހާދު ފާހާނައިން ނުކުތެވެ.

"ހިނގާ ރިސޯޓަކަށް ދަމާ!" ރިފާ އެދުނެވެ.

"މިހާރު؟" ހައިރާން ވެފައި މިހާދު ބުންޏެވެ.

"ކޮބާ މައްސަލައަކީ؟" ރިފާ ސުވާލުކުރިއެވެ.

މިހާދު ވިސްނައިލިއެވެ. ވައްކަޅިން ފޯމަށް ބަލައިލިއެވެ. ފޯމު އޮތީ މިހާދު ފޯމު ބޭއްވި ގޮތަކަށް ނޫނެވެ. ރިފާއަށް ފޯމު ފެނިއްޖެކަން މިހާދަށް ޔަގީންވިއެވެ.

"މައްސަލައެއް ނެތް!" މިހާދު ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ހިނގާ ދަމާ! މި ގުޅަނީ ލޯންޗަށް."

އެ ވަގުތު ރިފާއަށް ފޯނެއް އައެވެ. ގުޅީ އަޒީޒާއެވެ. ރިފާގެ މަންމައެވެ. މިހާދާ އިން ފަހުން އަޒީޒާ ވަރަށް ނުގުޅައެވެ. ފޯނަށް މަންމަ އަރާފައި އޮތް ތަން ފެނުމުން ވެސް ރިފާގެ ބޮލުގައި ރިއްސައިލިއެވެ. ގޭތެރޭގައި ކޮންމެވެސް ހައިޖާނުގަނޑެއް ހިނގައިފިހެން ހީވިއެވެ. ރިފާ ފޯނު ނެގި އިރު އަޒީޒާ ރޯ އަޑު އިވެއެވެ. ފޯނުން ވާހަކަދެއްކީ ޒާހިރެވެ.

"ކިހިނެއްވީ؟" ހައިރާންވެފައި ރިފާ ސުވާލުކުރިއެވެ.

"މީ މަ ބުނި ވާހަކަ،" ރުޅިއައިސްފައި ޒާހިރު ބުންޏެވެ. "އޭރު ވެސް މަ ހިތަށްއެރި މިހެން ވެދާނޭ. މި ފަހަރު ހަމަ ކިރިޔާ ދަރިފުޅު ސަލާމަތްވީ! ކޮންމެ ފަހަރަކު މިހެނެއް ނުވާނެ."

ޒާހިރު ފޯނު ކަނޑައިލުމުން ގެއަށް ދާން ވެގެން ރިފާ ތެޅިފޮޅިގަތެވެ. ސަބަބު އޮޅުންފިލުވަން މިހާދު މަސައްކަތް ކުރި ނަމަވެސް ރިފާއަކަށް ވާހަކައެއް ނުދެއްކުނެވެ. ހިތުގައި އެނބުރެމުންދިޔައީ އެންމެ ޖުމުލައެކެވެ. ނަޝްފާ މޮޔަކަމެއް ނުކުރާނެއެވެ. ނަޝްފާ މޮޔަކަމެއް ނުކުރާނެއެވެ.

"އަހަރެން އެބަ ޖެހޭ ހަމަ މިހާރު ގެއަށް ދާން." ރިފާ ބުންޏެވެ.

މިހާދު ހިތަށްއެރިއެވެ. ރިސޯޓަށް ދިޔުން ކެންސަލުވީ ހެއްޔެވެ؟ އެކަމަކު އިތުރު އެއްވެސް ސުވާލެއް މިހާދު ނުކުރެއެވެ. ރިފާ ކާރަށް ލައިގެން ރިފާގެ ގެއަށް ގެންދިޔައެވެ. ރިފާޔާ އެކުގައި މިހާދު ވެސް ގެއަށް ވަންނަން ބޭނުންވިއެވެ. އެހެނަސް އޭގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވާނެކަން ރިފާއަށް ވިސްނޭތީ މިހާދު ވަނަ ނުދިނީއެވެ.

"އަހަރެން މަޑުކުރާނަން މި ތާ!" މިހާދު ބުންޏެވެ. "އެއްވެސް ކަމެއް ޖެހިއްޖެއްޔާ ގުޅާތި!"

"މިހާދު ދޭ!" ގޭދޮށުގައި މިހާދު ހުންނަން ބޭނުން ނުވާތީ ރިފާ ބުންޏެވެ.

ރިފާ ގެއަށް ވަން އިރު އެކަކު ވެސް ފެންނާކަށް ނެތެވެ. އެކަމަކު ޒާހިރާއި އަޒީޒާ ވާހަކަދައްކާ އަޑުއިވެއެވެ. އަޒީޒާގެ ކޮޓަރިންނެވެ. އެ ތަނަށް ވަން އިރު ޒާހިރު ދަތި ގޮތަކަށް އިށީނދެގެން އިނެވެ. އަޒީޒާ މަޑުމަޑުން ރޮއެވެ. ނަޝްފާ އިނީ އިސްޖަހައިލައިގެންނެވެ. ފަންކާގައި އައްސައިފައިވާ ފޮތިގަނޑު އޭރު ވެސް މޮހައިނުލައި ހުއްޓެވެ. ރިފާގެ ފައި ދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. ދުވެފައި އައިސް ނަޝްފާ ގައިގައި ބައްދައިގަތެވެ. ނަޝްފާ ވަގުތުން ރިފާ ފޮޅުވައިލިއެވެ.

"އެކަމަކު ދަރިފުޅާ!" ރިފާއަށް ބުނެވުނެވެ. "މަންމަ ދުވަހަކު ވެސް ހިޔެއް ނުކުރަން ނަޝްފާ ތި ކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް."

"މަ ވެސް ހިޔެއްނުކުރަން މަންމަ ތި ވައްތަރަށް އުޅެފާނެ ކަމަކަށް،" ރިފާއަށް ނުވެސް ބަލައި ނަޝްފާ ބުނެލިއެވެ. "އަހަރެން މަރުވީމަ މަންމަގެ ބޮލަށް މާ ފަސޭހަވާނެއްނު! ހުރިހާ ވެސް މައްސަލައަކީ އަހަންނެއްނު!"

ރިފާ އަނެއްކާ ވެސް ނަޝްފާ ގައިގައި ބައްދައިލިއެވެ. އެ ފަހަރު ވެސް ފޮޅުވައިލަން ނަޝްފާ މަސައްކަތްކުރިއެވެ. އެކަމަކު ރިފާ ދޫނުދިނީއެވެ. ކުއްލިއަކަށް ނަޝްފާ ރޯން ފެށިއެވެ.

"ރިފާގެ ގޮތްކުޑަކަމުން ވާހާ ގޮތްގޮތް،" ޒާހިރު ރުޅިއައިސްފައި ބުންޏެވެ. "ދެން ބުނޭ އޭނަގެ ބޮލަށް އަހަރެން ވަދެގެން ކުރުވި ކަންތަކޭ! ބަލަ ނަޝްފާގެ ލޯ ކުރިމަތީގައޭ ހުރިހާ ކަމެއް ހިނގަނީ."

"ޒާހިރު އިހަށް ދޭބަލަ ބޭރަށް،" ރިފާ އެދުނެވެ. "މަންމަ ވެސް."

ނުދާން އިރުކޮޅަކު އިނދެލައިފައި، ދަތި ގޮތަކަށް ތެދުވެގެން ޒާހިރު ނުކުތެވެ. އަޒީޒާ ވެސް ނުކުތެވެ. ރިފާ ފުރަތަމަ ވެސް ކުރި ކަމަކީ ފަންކާގައި އައްސައިފައިވާ ފޮތިގަނޑު މޮހައިލުމެވެ. އެއަށް ފަހު ނަޝްފާ ގައިގައި ބައްދައިލިއެވެ.

"އަމިއްލައަށް މަރުވުމަކީ ހައްލެއް ނޫން،" ވިސްނައިދޭ ރާގަކަށް ރިފާ ބުންޏެވެ. "އެ ކަހަލަ ކަންތައް ކުރަން ހެޔޮނުވާނެ ދަރިފުޅާ!"

"މަންމަ ތި ކުރަނީ ކުރަން ހެޔޮވާ ވަރުގެ ކަންތައް؟" ރޮމުން ނަޝްފާ މަޑުމަޑުން ބުނެލިއެވެ. "އަހަންނަކަށް ނޭނގޭނެ މަންމަ އުޅެންވީ ގޮތެއް. މަންމައަކަށް ވެސް ނޭނގޭނެ އަހަރެން އުޅެންވީ ގޮތެއް. އިނަފް އިޒް އިނަފް!"

އަވަސް ވެފައިވާ ރިފާގެ ހިތުގެ ވިންދު އޭރު ވެސް ހަމައަކަށް ނޭޅެއެވެ. ނަޝްފާ ދަންޖެހިފައި ހުއްޓައި ރިފާގެ ލޮލަށް ފެންނަ ކަހަލައެވެ. އެހެން ވާކަށް ރިފާ ބޭނުމެއް ނޫނެވެ. "ހުއްޓާލާ!" ރިފާ ބުންޏެވެ. "ދަރިފުޅު ތީ ނުލާހިކު ހިތްވަރު ގަދަ ކުއްޖެއްނު! ދުވަސްކޮޅަކަށް މަންމަ ކައިރިއަށް އަންނަންވީނު!"

"މަ ބޭނުމެއް ނޫން އެ ގެއަށް ދާކަށް!" ނިކަން ބާރަށް ރޮއިގެންފައި ނަޝްފާ ބުންޏެވެ. "މަންމަ ހުރެބަލަ އެ ގޭގަ. ކީއްކުރަން ކޮންމެހެން މި ގެއަށް ތި އަންނަނީ؟ އަހަންނަކީ މިހާރު މަންމައަށް އިންޕޯޓަންޓް މީހެއް ނޫނެއްނު!"

"ނޫނޭ ދަރިފުޅާ!" ޔަގީންކަމާ އެކުގައި ރިފާ ބުންޏެވެ. "ދަރިފުޅަށް ވުރެ މުހިންމު އެއްވެސް މީހަކު ނުހުންނާނެ!"

"ތިހެން ބުނަނީއޭ!" ވަރަށް ބާރަށް ނަޝްފާ ބުންޏެވެ. "ހުސް ދޮގު!"

ރިފާ ވިސްނަން އިނީއެވެ. އިތުރު އެއްޗެއް ނުބުނެއެވެ. ނަޝްފާ ބުނީ ތެދެކެވެ. ނަޝްފާ މުހިންމު ނަމަ ރިފާ މިހާރު ހުންނާނީ ރިފާގެ ގޭގައެވެ. ނަޝްފާ ކައިރީގައެވެ. ރިފާ ބޭނުންވަނީ ނަޝްފާގެ ރުހުން ލިބިގެން މިހާދު ކައިރީގައި ރިފާ ހުންނާށެވެ. އެހާ ލޯބިވާ މީހަކު ރިފާއަކަށް ދެނެއް ނުލިބޭނެއެވެ. ރިފާ ހިތަށްއެރިއެވެ. ރިފާގެ އުފާތަކާ މެދު ނަޝްފާ ވިސްނައިލާނެ ނަމައެވެ.

"މަންމައަށް ދަރިފުޅު ވަގުތުކޮޅެއް ދީ!" ރިފާ އެދުނެވެ. "ދެ ދުވަސް ނޫނީ ތިން ދުވަސް ދީ! ތިން ދުވަސް ވަންދެން، މޮޔަކަމެއް ނުކޮށް، ރީތިކޮށް ބަސްއަހައިގެން ހުރޭ! އެ ވަރު ކޮށްދެވިދާނެތަ މަންމައަށް؟"

ނަޝްފާ ޖަވާބެއް ނުދިނެވެ. ރިފާއަށް އިތުބާރުކުރާކަށް ނަޝްފާއަކަށް ފަސޭހައެއް ނޫނެވެ.

"ދަރިފުޅު މަންމައަށް ބަލައިލަބަލަ!" ރިފާ އެދުމުން ނަޝްފާ ބަލައިލިއެވެ. "އެންމެ ތިން ދުވަސް. އޯކޭތަ؟ އޯކޭ ދޯ؟"

ނަޝްފާ ބޯޖަހައިލިއެވެ. އެ ކަމާ ރިފާ މަޝްވަރާ ކުރާނެ މާ ގިނަ މީހުނެއް ނެތެވެ. ހުރީ މޫމިނާ އެކަންޏެވެ. ދެ މީހުން ބައްދަލުކުރީ މާލޭގެ ސުނާމީބިނާ ކައިރިންނެވެ.

"ދަރިން ކީއްވެގެންތަ އެހާ އަމިއްލަ އެދުން ބޮޑީ؟" ހިތްހަމަނުޖެހިފައި ރިފާ ބުންޏެވެ. "ބަނޑުގަ ނުވަ މަހާ ނުވަ ދުވަސް. އުނގުގަ އެއް އަހަރު. ކިހިލީގަ ދެ އަހަރު. އިނގިލީގަ ހިފާއްޓައިގެން ތިން އަހަރު."

ރިފާގެ ހުރިހާ ވާހަކައަކަށް މޫމިނާ ތާއީދުކުރިއެވެ.

"ތީ ހަމަ އަހަރުމެންގެ މައްސަލައެއް،" މޫމިނާ ބުންޏެވެ. "ސްކޫލު ދަބަސް ވެސް އަޅުވަނީ އަހަރުމެންގެ ކޮނޑުގަ. ކައްކައިގެން، މޮޑެގެން، އަނގައަށް ލަވައިދީ، އަންނައުނު ދޮވެ އިސްތިރިކޮށްދީ. ނުކުރާކަށް ކަމެއް ނެތް. ބޮޑުވެގެން ވެސް ވީ މަންމަގެ އުފަލަށް ފައިންއަރަން. ހެޔޮނުވާނެއްނު!"

އެ ހިސާބުން ރިފާއަށް ރޮވެން ފެށިއެވެ.

"އަހަރެން ބޭނުމެއް ނޫން މިހާދު ކައިރިން ވަރިވެގެން ޒާހިރާ އިންނާކަށް،" ރިފާ މަޑުމަޑުން ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން އަހަރެންގެ ދަރިފުޅު އަމިއްލައަށް މަރުވާކަށް ވެސް."

"ރިފާއަށް ލިބޭނީ ކޮންމެވެސް އެކަކު." މޫމިނާ މަސައްކަތްކުރީ ހަގީގަތް ރިފާގެ ލޮލަށް ދައްކާށެވެ.

މިހާދު ލޯބިން ކޮށްދިން އެކިއެކި ކަންކަން، ވިދުވަރެއް ފަދައިން ރިފާގެ ލޯ ކުރިމަތީގައި ފިޔަޖަހައިލިއެވެ. މިހާދުގެ އޯގާތެރިކަން ގުނާ އަދަދު ނުކުރެވެއެވެ.

"އެހާ ލޯބިވާ މީހަކު ކިހިނެއް ދޫކޮށްލާނީ؟" ރިފާ ހިތާހިތުން ބުނެލިއެވެ.

"ވަރަށް ފަސޭހަ ގޮތެއް ބުނެދީފާނަން،" ރިފާއަށް ގޮތެއް ހޯދައިދިނުމުގެ ނިޔަތުގައި މޫމިނާ ބުންޏެވެ. "އޭނަ ފޫހިކޮށްލާ! މިހާދު ފޫހިވެގެން ގޮސް ހަލާކުވާ ވަރުގެ ކަމެއް ރިފާ ކުރީމަ ރުޅިއަންނަން އޭނައަށް މަޖުބޫރުވާނެ. އޭނަ ރުޅިއައިމަ ރިފާއަށް ވެސް ރުޅިއަންނަން ފަސޭހަވާނެ."

ރިފާ ފުންކޮށް ވިސްނައިލިއެވެ. އެ ކަން ރިފާއަށް ކުރެވިދާނެއެވެ.

"މަ ބުނަން ވާހަކައެއް،" މޫމިނާ ބުންޏެވެ. "ވަރަށް ލޯބިވާ މީހަކު ފޫހިވާ އިރު ވަރަށް ފޫހި ވެސް ވާނެ."

ގަޑިން ރޭގަނޑު ދިހައެއް ޖަހަނީއެވެ. ޒާހިރު ފެންބޯން އުޅެނިކޮށް ފެންފުޅީގެ މަތިގަނޑު ވެއްޓުނެވެ. މަތި ފުރޮޅެމުން ދިޔައީ ޒާހިރާ ދުރަށެވެ. މަތިގަނޑު މަތަވީ ރިފާގެ ފައިވާނުގައި ޖެހިފައެވެ. ނުވެސް ބުނެ ރިފާ ކޮޓަރިއަށް ވަދެ ހުރި ތަން ފެނުމުން ޒާހިރު ކުޑަކޮށް ހައިރާންވިއެވެ.

"ކީއްކުރަން ތި އައީ؟" ޒާހިރު ފޫހިވެފައި އެހިއެވެ.

ރިފާ ބަލަހައްޓައިގެން ހުރީއެވެ. ޖަވާބެއް ނުދެއެވެ. އެކަމަކު ކޮޓަރީގެ ދޮރު ލައްޕައިލިއެވެ.

ނުނިމޭ