އިސްތަންބޫލް (އޮކްޓޯބަރު 27) - ކީރިތި ރަސޫލާ އަށް ކާޓޫނު ކުރެހުމަކީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ކަމަށް ފްރާންސް އިން ބުނުމާ ގުޅިގެން އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ގޮވާލައްވައިފި އެވެ.

ރަސޫލާ އަށް ކާޓޫން ކުރެހުން ދިފާއުކޮށް ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން ވާހަކަ ދައްކަވާފައިވާތީ އުރުދުޣާން ވަނީ އެކަން ކުށްވެރިކުރައްވައިފަ އެވެ. ތުރުކީގެ ލީޑަރު ވިދާޅުވީ މެކްރޮންގެ ސިކުނޑީގެ ޓެސްޓެއް ހަދަން ޖެހޭ ކަމަށެވެ.

"ފްރާންސްގައި އުފައްދާ އެއްވެސް އުފެއްދުމެއް އަރަބި އެއްވެސް ގައުމަކުން ގަނެގެން ނުވާނެ،" ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވި އެވެ.

ގަލްފުގެ ބައެއް ގައުމުތައް ކަމަށްވާ ގަތަރާއި ކުވޭތުގެ ސުޕަމާކެޓްތަކުން މިހާރު ވެސް ވަނީ ފްރާންސްގެ ބައެއް އުފެއްދުންތައް ނަގަން ފަށައިފަ އެވެ.

މުސްލިމުންނާ މެދު ފްރާންސްގެ ރައީސް ގެންގުޅުއްވާ ދެކޮޅުވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރުމަށް ޔޫރަޕުގެ ލީޑަރުންނަށް އުރުދުޣާން ވަނީ ގޮވާލައްވައިފަ އެވެ.

އުރުދުޣާން މިމޭރުމުން ވާހަކަ ދެއްކުމާ ގުޅިގެން ފްރާންސް އިން ވަނީ ތުރުކީގައި ހުންނަ ސަފީރު އަނބުރާ ގެންނާނެ ކަމަށް ބުނެފަ އެވެ.

ފްރާންސްއާ ދެކޮޅަށް ބަންގްލަދޭޝްގައި ވެސް މިއަދު ވަނީ 40،000 މީހުން ނުކުމެ މުޒާހަރާކޮށްފަ އެވެ.