ކޮވިޑް-19 އާ ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ އިސްވެރިޔާ ޑރ. އަލީ ލަތީފްގެ ހިއްސާ އޮންނަ ލެބޯޓްރީއަކަށް އައިިޖީއެމްއެޗްގެ ލެބޯޓްރީން ތަކެތި ގެންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރައްވައިފި އެވެ.

އައިޖީއެމްއެޗްގެ ލެބޯޓްރީގައި ހުންނަ ތަކެތި އަލީ ލަތީފްގެ މަސްލަހަތު އޮންނަ ލެބޯޓްރީއަކަށް ގެންދާ ކަމަށް ބުނާ ލިޔުމެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި އައިޖީއެމްއެޗުން ގެންދާ ތަކެތި އަނބުރާ ރައްދު ކުރާއިރު އެހެން ބްރޭންޑްގެ އެއްޗެހި ރައްދުކުރާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ ތުހުމަތުކޮށްފަ އެވެ. ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ލިޔުމެއްގައިވާ ގޮތުން އެ ތަކެތި ގެންދަނީ ހުޅުމާލޭގައި ހުންނަ އާރުއެމްއެލްއެސް ލެބޯޓްރީ ސާވިސްއަށެވެ. އެއީ އޭނާގެ ހިއްސާ އޮތް ލެބެއް ކަމަށް ވެސް ލިޔުމުގައި ބުނެފައި ވެ އެވެ.

އެކަމަކު އެކަން ދޮގުކުރައްވައި އަލީ ލަތީފް ވިދާޅުވީ އެތަނަކީ އޭނާގެ ހިއްސާއެއް އޮންނަ ތަނެއް ނޫން ކަމަށާއި އެތަނުގެ ވެރިންނާ އޭނާއާ އޮންނަ ރަހުމަތްތެރި ކަމެއް ފިޔަވައި، އިތުރު ގުޅުމެއް އޭނާއާ އެތަނާ ނޯންނާނެ ކަމަށެވެ. އަދި އެފަދަ ދޮގު ތުހުމަތުތަކެއް އަމާޒުކުރަނީ އޭނާ ހުންނެވި މަގާމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެއްވެސް ހިއްސާއެއް އޮންނަ ތަނެއް ނޫން އެއީ،" ލަތީފް ވިދާޅުވި އެވެ.

އާރުއެމްއެލްއެސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސައީދު ވެސް ވިދާޅުވީ އެ ލެބްގައި ލަތީފްގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށާއި އަދި އައިޖީއެމްއެޗްގެ ލެބޯޓްރީން އެތަނަށް ތަކެތި ގެންދަނީ ލަތީފަށް އެނގިވަޑައިގެން ނޫން ކަމަށް ސައީދު ވިދާޅުވި އެވެ. އަދި އެގޮތަށް ތަކެތި ގެންދަނީ އޮންނަ އުސޫލުތަކުގެ ތެރެއިން ލިޔެ ކިޔުމުން ކަމަށާއި ގެންދާ ތަކެތި ނޫން އެހެން އެއްޗެއް އަނބުރާ ރައްދު ނުކުރާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑާ އެހެން މީހަކާ ހިއްސާވެގެން ކުރާ ކަމެއް. އަލީ ލަތީފަށް އެނގިގެނެއް ވެސް ނޫން މި ތަކެތި ގެންދަނީ. އެއީ ސީދާ އަޅުގަނޑުގެ މޭޒުން ސިޓީ ފޮނުވައިގެން ކުރާ ކަމެއް. އަނެއްކާ އެ ހުރިހާ އެއްޗެއް ލިޔެކިޔުމުން ފެންނަން ހުންނާނެ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އަބަދުވެސް ވަސީލަތްތަކާއި މުވައްޒަފުން ބަދަލު ކުރާ ކަމަށާއި އެކަން ކުރަނީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ކްލިނިކްތަކުން ވެސް ބައެއް ފަހަރު ހޮސްޕިޓަލްތަކަށް ތަކެތި ފޯރުކޮށްދޭ ކަމަށާއި އެއީ އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޭޑީކޭއިން އަދި ޓްރީ ޓޮޕުން ވެސް ތަކެތި ގެންދަން. އަޅުގަނޑުމެން ވެސް ހުންނާނެ ބައެއް ތަންތަނަށް އެގޮތަށް އެއްޗެހިި ފޯރުކޮށް ދީފައި. އަދިި ގެންދާ ތަކެތި ހުންނާނެ އޮޑިޓެއް ކުރިޔަސް، ލިޔުމުން ފެންނާނެ ގޮތަށް. އަޅުގަނޑުމެން ވައްކަމެއް ކުރާ ނަމަ، ލިޔެކިޔުމަކުން ނޫން ދެއްތޯ އެކަން ކުރާނީ،" އޭނާ ވިދާޅުވި އެވެ.