ޝެއިޚު އިލްޔާސް: ރުގުޔާކުރުމުގެ ނަމުގައި ގައިގައި ލިޔުން ފަދަ ކަންތައްތައް ކުރަން އުޅޭ ނަމަ އިންކާރުކުރަން އިރުޝާދު ދެއްވި.
03 ޑިސެމްބަރ 2020 - 08:53
ރުގުޔާކުރުމުގެ ނަމުގައި އަންހެނަކު އެކަހެރިކޮށްގެން ކަންތައްތަކެއް ކުރަން ފިރިހެނަކު ހުށަހަޅައިފި ނަމަ އެކަމަށް ދެކޮޅުހަދައި އޭނާ ވަގުތުން ފޮނުވާލަންވީ ކަމަށް ޝެއިޚު އިލްޔާސް ހުސެން ރޭ ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އިލްޔާސް، ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވީ މީހަކު ލައްވާ ރުގުޔާކުރުވާ ނަމަ އޭނާ އަކީ ދީންވެރި، ދޮގާއި މަކަރު ނަހަދާ ތެދުވެރި، ހެޔޮލަފާ އަދި އީމާންތެރި، އަގީދާ ރަނގަޅު މީހެއްކަން ޔަގީންކުރަންވާނެ ކަމަށާއި އެހެން ނޫން ނަމަ އެއީ ރަނގަޅު ރާގީއެއް ނޫން ކަމަށެވެ.
ރުގުޔާކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިން ގޭގައި ރަހީނުކޮށްގެން ޖިސްމާނީ އަދި ޖިންސީ އަނިޔާކުރި ބޮޑު މައްސަލައެއް ފެންމަތިވެގެން އުޅޭ މި ދަނޑިވަޅުގައި، ރަނގަޅު ރާގީއެއްތޯ ދެނެގަންނާނެ އެއް ގޮތެއް ކަމަށް އިލްޔާސް ފާހަގަކުރެއްވީ އެކަހެރިކޮށްގެން ކަންތައްތަކެއް ކުރަން އުޅޭތޯ ބެލުމެވެ. އޭނާ ވިދާޅުވީ ހިލޭ އަންހެނަކާއި ފިރިހެނަކު އެކަހެރިވުން ދީނުގައި ހުއްދަވާނެ ގޮތެއް ނޯންނާނެ ކަމަށެވެ.
"ދެން ކިހިނެއްތޯ ރުގުޔާކުރާށޭ ކިޔާފައި އެކަހެރިކޮށްލާނީ ތިމަންނަ އެކަނި ކިޔަވާލަން ޖެހޭނެއޭ ކިޔާ؟ އެއީ ދޮގުވެރިއެއް. އޭނަ އަށް ހަމަ ބުނަންވީ ތިހިރީ ވަން ދޮރޭ, ނުކުމެގެން ދާށޭ،" އިލްޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދިމާވާ ކަންތައްތަކަކާ ހެދި މީހުން ޑިޕްރެޝަނަށް ވެއްޓި ވަރަށް ބޮޑަށް މާޔޫސްވެފައި ތިއްބާ "އޭގެ ނާޖާއިޒު ފައިދާތަކެއް، ޝައިތާނީ ވަސްވާސްތަކަށް ހެއްލިގެން ގޮސް، ބައެއް މީހުން ނަގަނީ" އެވެ. އެހެންވެ، އެފަދަ މީހުން ބުނާ ކަންތައްތައް ކުރެވޭ ކަމަށާއި އެކަމަކު އެއީ ސަމާލުވާން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ބުނަނީ ގައިގައި ލިޔެލަން އެބަޖެހެއޭ. ހަމަ ވަރަށް ތަޖުރިބާ އެއްޗެކޭ މިއީ ހަމަ ލިޔެލާ އިރަށް ޝިފާ ލިބޭނެއޭ. އެ ރިއްސާ ރިއްސުން ވެސް ހިނގައިދާނެއޭ. މިފަދަ ވާހަކަތަކެއް އަތުވެއްޖެ ނަމަ އަޅުގަނޑުމެން ހަނދާންކުރަންވީ މި ދަނީ ގޯސްކޮށްކަން. އެހެންވީމާ [ބުނަންވީ] ތިމަންނަ ބޭނުމެއް ނޫނޭ،" އިލްޔާސް ވިދާޅުވި އެވެ.
"މި ބުނަނީ މިސާލަކަށް މަންމަ އަށް ކިޔަނީ ކީކޭހޭ، ބާ ހެދުން ކޮޅެއް އެބައޮތް ހޭ، ނުވަތަ ގޭގެ ޗާޓު ގެނެސްދީބަލާށޭ. އޭގެ މާނައަކީ އެ ދަނީ ގޯސްވަމުން. މި އާޔަތް ލިޔެފައި ބޮލު ދަށުގައި ބާއްވާށޭ. އެފަދަ މީހުންނާ ދުރުހެލިވާން ޖެހޭ."
އިލްޔާސް ވިދާޅުވީ ޖިންނި ހާޒިރުކޮށްގެން އެންމެންނަށް އަޑުއިއްވައިގެން ސުވާލުކުރުމާއި ޖަވާބު ހޯދަން އުޅުމަކީ ވެސް ރަނގަޅު ރާގީއެއްގެ ސިފައެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ގޮތަށް ދޭ މައުލޫމާތަށް ބަރޯސާވުމުން "އަޅުގަނޑުމެން ގޯސްކޮށްލަ" އެވެ. ސަބަބަކީ، އިލްޔާސް ވިދާޅުވީ، "99 އިންސައްތަ ޝައިތާނުންނަކީ ދޮގު ހަދާނެ ބައެއް" ކަމަށްވާތީ އެވެ.
"އެހެންވީމާ އެ މީހުން ދައްކާ ވާހަކަތައް, ކަލެއަށް ރުގުޔާކޮށްފައި ހުރީ މިވެނި މީހެކޭ، ކަލެއަށް ފަންޑިތަ ހެދީ މިވެނި މީހެކޭ, ބޭނުންވަނީ ކަލޭ ވަކިކޮށްލާށޭ ކަލޭމެން ދެމަފިރިން ވަކިކޮށްލާށޭ ... އަޅުގަނޑުމެންނަށް އެކަހަލަ އަޑެއް އިވުނުކަމުގައި ވިޔަސް އެއެއް ގަބޫލު ނުކޮށް އަޅުގަނޑުމެންނަށް އޮތީ ރުގުޔާ ޝަރީއާ އިޚްތިޔާރުކުރުން, ގުރުއާނުގެ އާޔަތްތައް ކިޔެވުން،" އިލްޔާސް ވިދާޅުވި އެވެ.
ރާއްޖޭގައި ރުގުޔާކުރުމާއި ސިހުރު ހެދުން އާއްމެވެ. އެ ކަންކަމުގެ ތެރެއިން އަންހެނުންނަށާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ގިނަ އަދަދަކަށް ހުށަހަޅާ ކަމަށް ފުލުހުން މި އަހަރުގެ ކުރީކޮޅު ބުނެފައިވެ އެވެ. ރުގުޔާގެ ނަމުގައި މީހުންނަށް ގެއްލުންދޭ މީހެއްގެ ވަނަވަރު މިދިޔަ ޖޫން މަހު ފުލުހުން އާއްމުކުރުމުން އޭނާގެ މައްޗަށް ވެސް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު މިހާރު ފެންމަތިވެގެން އުޅޭ ބޮޑު މައްސަލަ ފަޅާއެރި އިރު ވެސް މި ކަމަށް އާއްމު ހޭލުންތެރިކަން ވަރަށް ކުޑަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްނު އިދްރީސް
05 December 2020
އަހަރެން ދަންނަ މީހެއްގެ އަންބެއް ދިވެހި ފިރިހެނަކު ކައިރިން ރުގްޔާ ކުރުވި. ކަންވެ ނި މުނު އިރު 2 ދަރިންގެ މައި މީހާ ވަރިވެގެން ރުގްޔާ ކުރަން އައި 12 އަހަރު ހަގު ފިރިހެން މީހާ އާއި އިނދެފި. އަދި އަހަރު ނުވަނީސް ވަރިވެސް ކޮށްފި
ހިބަރުވަދު
03 December 2020
ފަންޑިތައަކީ އޮންނައެއްޗެއް ނޫންކަމަށް ބުނެ ފަތުވާދިން ޝައިޚުން މިއަދު މިދައްކަނީ ކޮން ރުޤްޔާއެއްގެ ވާހަކަހެއްޔެވެ؟ ފަންޑިތައަކީ އޮންނައެއްޗެއްކަން މި މީހުންނަށް މިއަދު އެނގި އޭގެ ނާޖާއިޒު ފައިދާ ނަގަނީވެސް ހަމަ މިބުނާ ޝައިޚުންގެ މަދުބައެކެވެ.
ޖަމީލުބޭ
03 December 2020
މިދިވެހިންނަކީ މަޖާބައެއް. ތައުހީދާއި ތަވައްސުލް އޮޅިފަ ތިބިބަޔެއް ދީނުގެ ވާހަކަ ދެއްކީމަ މަދެން ހީހީ :ޕ
ނަޖްވާ
03 December 2020
އެ މީހުން އުޅެނީ ހުރިހާ ދޮރަކުންވެސް ވަންނަން ކަމަށް ބެލެވެނީ!
ސަންފާ އޮނު
03 December 2020
ރުގްޔާއޭ ބުންޏަސް ބައެއް މީހުނަށް ހީވަނީ އެބެހެނީ އިސްލާމް ދީނާ ކަމަށް. ރުގްޔާ އަކީ ފަންޑިތަ. ފަންޑިތައަށް އަރަބި ބަހުން ކިޔާނީ ރުގްޔާ. ފަންޑިތައިގެ ތެރޭ ހުރޭ ހުއްދަ ފަންޑިތަ. އެޔަށް މި ކިޔަނީ ރުގްޔާ ޝަރްޢިއްޔާ. ބުޑިސްޓުން ވެސް ރުގްޔާ ހަދާ. އެކަމަކު އެއީ ރުގްޔާ ޝަރްޢިއްޔާއަކަށް ނުވާނެ.
ސަނާމަދު
03 December 2020
ސަންޕާ ރުގްޔާ އަކީ ފަންޑިތަޔާ ތަފާތު އެއްޗެއް އެޔަށް އަރަބި ބަހުން ކިޔާނީ ސިހުރު. ފަންޑިތަ ހަދާ ގޮތަކަށް ނޫން ރުގްޔާ ކުރަނީ. ނޭނގޭނަމަ ހަނު ހުރުން ރަނގަޅު ވާނެ.
އަލި20
03 December 2020
ސަނާމަދު ނޭނގުނީ ސަންފާ އަކަށް ނޫންތާ. ދިވެހި ބަހުގައި ފަންޑިތަ އަކީ ރައްކާތެރި ވުމުގެ ގޮތުން ކޮޔާ ދުއާ ވެރިކަމަށް ކިޔާ ނަމެއް. އަރަބިން އެއީ ރުޤްޔާ. އަރަބިން ސިޙްރަށް ކިޔާ ސިޙްރަކީ ހަމަ ދިވެހި ބަހުގައިވެސް ސިހުރު. އެއީ ގެއްލުން ދިނުމަށް ކޮށއ އުޅޭ ކަމަކަށް ކިޔާ ނަމެއް.
ޙަބީބު
03 December 2020
ކޮވިޑުގެ ވައްކަ މެއް ހިންގާފަވާ ދައުލަތެއްގެ ވެރިޔަކުގާތު ބުނެބަލަ އިސްތިޔުފާ ދޭށޭ އެހެރީ ވަންދޮރޭ ނިކު މެގެންދާށޭ
ކައްނެލިސޭކް
03 December 2020
އެދެންވިދާޅުވީ ފަހުބަސް.
ހަސަނު
03 December 2020
މީހުންނަށް ލާރި ދީގެން ދުއާކުރުވުމަކީ ބުދު ދީނުގާ އޮންނަ ކަމެއް...
ކޮއިމަލާ
03 December 2020
ޝޭޚް ވަރަށް ސާފުކޮށް ވިދާޅުވެދެއްވަބަލަ.. އަމިއްލައަށް ޤުރުއާން ކިޔަވާ ދުޢާކުރުންތޯ މޮޅު އިތުރީ، ނުވަތަ އެހެންމީހަކު ލައްވާ (ރުޤުޔާގެ ނަމުގަ) ޤުރުއާން ކިޔަވާ ދުޢާކުރުންތޯ މޮޅު އިތުރީ؟؟ މީހަކަށް ދުޢާކޮށްދީފަ އެދުޢާ ރައްދުވާ ފަރާތުން އުޖޫރައެއް އަތުލުން އިސްލާމީ ޝަރީއަތުގަ ހުއްދަތޯ؟؟ މީހާ އަމިއްލައަށް ކުރާ ދުޢާ އާއި ސުޖޫދަށްވުރެ ބޮޑަށް އެހެން މީހެއް ލައްވާ ކުރުވާ ރުޤްޔާ ކީރިތި ﷲ ގެ ހަޟްރަތުގައި މަޤްބޫލުވާނެތޯ؟؟
އަސްލު ހަގީގަތް
03 December 2020
އަމިއްލަޔަށް ދުޢާކޮށްގެން ނުވަތަ އަމިއްލަޔަށް ޤުރުއާނުން ރުޤްޔާކުރުމަކީ އެންމެ މޮޅު އިތުރުވެގެންވާގޮތް. މިކަމާ ޝެއިޚުންނެއް ދެކޮޅެއް ނުހަދާނެ. އެކަމަކު ރުޤްޔާކުރާ މީހަކު ގެނެސްގެން އިސްލާމީ ހަމަތަކުގެ މަތިން ރުޤްޔާކުރުމަކީ ފާފައެއްނޫން.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
03 December 2020
އިސްލާމިކް ބޭންކް އިސްލާމިކް އިންސުއަރެންސް. ( ރުގްޔާ ފަރުވާ ) އިސްލާމިކް މިނިސްޓްރީ ސެޓިފައި ރުގުޔާ ކުރާބޭފުޅުން . އައި ޖީ އެމް އެޗް މެންޓަލް ހެލްތު ޑިޕާޓްމެންޓް ގައި ތިޔަކަން ކުރެވޭ ވަސީލަތް ގާއިމްކޮށް އޭގެން ބޭރުން ރުގްޔާ ކުރުން މަނާކުރުން މިވަގުތަށް އޮތް ހައްލެއް ކަމަށް ނުބެލެވޭތޯ.