ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މިރޭ "އަސްލު" ގެ ނަމުގައި މާލޭގައި ބާއްވާ ޖަލްސާ އަށް އައްޑޫން މީހުން އުފުލުމަށް މޯލްޑިވިއަންގެ އެއާބަސްގެ ދެ ދަތުރު ބާއްވައިފި އެވެ. އެ ދެ ފްލައިޓްގައި ވެސް ވަރަށް ގިނަ ބަޔަކު ވަނީ މާލެ ގޮސްފަ އެވެ.
މާލެ ދިޔަ ބައެއް މީހުން މިއަދު ހެނދުނު ފުރި އިރު، އަނެއް ބައި މީހުން ފުރީ މެންދުރު ފަހު އެވެ.
ޖަލްސާ އަށް އައްޑޫން މާލެ ދިޔަ މީހުންގެ ތެރޭގައި އައްޑޫގައި ހުންނަ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ އިސް ބައެއް ވެރިންނާއި ޕީޕީއެމަށް ތާއީދު ކުރާ ގިނަ އަދަދެއްގެ އާންމު މެމްބަރުން ވެސް ހިމެނެ އެވެ.
ފްލައިޓް ޗާޓަރުކޮށްގެން ޖަލްސާ އަށް މީހުން މާލެ ގެންދަން ނިންމުމާ ގުޅިގެން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަންގެ ނައިބް ރައީސާ އައިމިނަތު ނާދިރާ ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ އެއީ ކޮން ތާކުން ހޯދި ފައިސާއެއްތޯ ސުވާލު އުފައްދައިފަ އެވެ.
މިރޭ ކާނިވާ ސަރަހައްދުގައި ބައްވާ ޖަލްސާ އަށް ވައިގެ މަގުން މީހުން މާލެ ގެންދިއުމުގެ އިތުރަށް ކުއްޔަށް ކަނޑު ބޯޓް ހިފައިގެން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން މީހުން މާލެ ގެނައުމުގެ މަސައްކަތް ރައީސް ޔާމީންގެ ފެކްޝަމުން އަންނަނީ ކުރަމުންނެެވެ.