މަހުލޫފް ޖަލުގައި ކަން އެނގި ތިބެ ދައުވަތު ދިނީ ހިތްދަތިކުރަން: އާއިލާ

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކަން އެނގި ތިބެ، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާ އަށް ދައުވަތު ފޮނުވީ މަލާމާތްކޮށް، ހިތްދަތި ކުރުމަށް ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.


މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ޖަލްސާ އަށް މަހްލޫފަށް ދައުވަތު ފޮނުވުމަކީ މަހްލޫފާއި އާއިލާ އަށް ސަރުކާރުން ކުރި ވަރަށް ބޮޑު "މަލާމާތެއް" ކަމަށެވެ. ދެ ހުކުމެއް އިއްވައި މަހްލޫފް ޖަލު ގޮޅި އަށް ވައްދާފައިވާއިރު، ދައުވަތު ފޮނުވި ހޯމް މިނިސްޓްރީ އަށް އެކަން ރަނގަޅަށް އެނގޭނެ ކަމަށް ވެސް ނަޒޫ ވިދާޅުވި އެވެ.

"ސިޔާސީ ލީޑަރުންނަށް ސަރުކާރުން ހަދާ ގޮތާއި ސިޔާސީ މަސްރަހު ހޯމް މިނިސްޓަރަށް ވެސް އެނގިވަޑައިގަންނަވާނެ. އެކަން އެނގިވަޑައިގެން ހުރެ ދައުވަތު ފޮނުވީ އިތުރަށް ހިތްދަތިކުރަން،" ނަޒޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަހްލޫފަށް ދައުވަތު ފޮނުވި ގޮތަށް މިނިވަންކޮށް ޖަލްސާގައި ބައިވެރިކުރަން ޖެހެ އެވެ.

"އާއިލާ އިން ގޮވާލަން ދައުވަތު ފޮނުވި ގޮތަށް މަހްލޫފް ޖަލްސާގައި ބައިވެރިކުރަން،" ނަޒޫ ވިދާޅުވި އެވެ.

ދެ ހުކުމެއްގައި 10 މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މަހްލޫފްގެ ސިއްހީ ހާލު ދަށްވުމާ ގުޅިގެން އޭނާ ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން ޑޮކްޓަރު ވަނީ ލަފާދީފަ އެވެ. އެ ލަފާއާ އެކު، ވީހާވެސް އަވަހަކަށް އެ އިންތިޒާމް ހަމަޖައްސައިދިނުމަށް އާއިލާ އިން ވަނީ ކަރެކްޝަނަލް ސާވިސްގައި އެދިފަ އެވެ.

ޖަލުގައި ތިން މަސް ވީއިރު ވެސް، ނަޒޫ ވިދާޅުވެފައިވާ ގޮތުގައި، މަހްލޫފްގެ ބައްޔަށް އެކަށީގެންވާ ފަރުވާއެއް ނުދެ އެވެ. ހަމާއި ލޮލުގެ ބައްޔަށް ބޭސް ބޭނުންކޮށް، ކަރުގެ މައްސަލައެއްގައި ފިޒިއޮތެރަޕީ ހަދާފައިވާއިރު، އެއީ މަހްލޫފަށް އެކަށީގެންވާ ފަރުވާ ނޫން ކަމަށް ވެސް އާއިލާ އިން ބުނެ އެވެ. މަހްލޫފާ ދޭތެރޭ ކަންކަން ކުރަމުންދާ ގޮތް އާއިލާ އިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ. މަހްލޫފް ޖަލަށް ހުކުމްކޮށްފައި ވަނީ، މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަންކަން ސާބިތުވެގެންނާއި ފުލުހުންގެ ބަންދުގައި ހުރިއިރު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހައްދަވައި، ފިލަން އުޅުއްވި ކަން ސާބިތުވުމާ ގުޅިގެންނެވެ.