ކޮވިޑް-19ގެ ސަބަބުން މެލޭޝިއާ ލޮކްޑައުންގައި އޮތް އިރު ދަތުރުނުކުރެވި، ވިސާ ހަމަވެފައިވާ ދިވެހިންނަށް ވެސް މެލޭޝިއާ އިން ދެން ފުރޭނީ އެ ގައުމުގެ އިމިގްރޭޝަންގެ ހާއްސަ ފާހެއް ހޯދައިގެން ކަމަށް، ރާއްޖޭގެ އެމްބަސީން އިއްޔެ ބުނެފި އެވެ.
އެމްބަސީން މި ގޮތަށް އިއުލާންކުރީ ކޮވިޑާ ގުޅިގެން ވިސާ ހަމަވެފައި ތިބި ދިވެހި ބަޔަކު ފުރަން އުޅުމުން، އިމިގްރޭޝަންގެ ހާއްސަ ފާސް ނެތި ނުފުރޭނެ ކަމަށް ބުނެ، ފޮނުވާލުމުންނެވެ. އެ މީހުން ފުރަން ދިޔައީ އެމްބަސީން ކުރިން ނެރުނު އިއުލާނެއްގައި، ސޯޝަލް ވިސާގައި ޓޫރިސްޓެއްގެ ގޮތުގައި އެތެރެވެފައި ތިއްބައި ވިސާ ހަމަވި މީިހުންނަށް ވަކި ހާއްސަ ފާހެއް ނެތި ޖެނުއަރީ 14ގެ ކުރިން ފުރޭނެ ކަމަށް ބުނެފައި އޮޮތުމުންނެވެ.
އެކަމަކު އެމްބަސީން އިއްޔެ ބުނީ އެގޮތަށް އޭރު އެންގީ މެލޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން އެމްބަސީތަކާއި ބައިނަލްއަގުވާމީ މިޝަންތަކަށް ދިން މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނަމަވެސް މިހާރު އިމިގްރޭޝަނުން ހަމަޖައްސާފައި ވަނީ ޖެނުއަރީ 1 އިން ފެށިގެން އާންމު އުސޫލުން އަމަލްކުރަން ކަމަށް، އެމްބަސީގެ އާ އިއުލާންގައިވެ އެވެ. އެހެންކަމުން އޯވަ ސްޓޭ ވެފައި ތިބި ދިވެހިން، އިމިގްރޭޝަނުން ހާއްސަ ފާސް ހޯދަން، އެމްބަސީން ވަނީ އެދިފަ އެވެ.
މެލޭޝިއާގައި ކޮވިޑް-19 ފެތުރެން ފެށުމުން "މޫވްމެންޓް ކޮންޓްރޯލް އޯޑަރު" (އެމްސީއޯ)ގެ ނަމުގައި ހާއްސަ އުސޫލުތަކަކަށް އަމަލްކުރަން ފެށި އެވެ. ދަތުރުފަތުރު ހުއްޓާލުމުން ގައުމުން ބޭރަށް ނުފުރޭނެތީ، ވިސާގެ ކަންކަމުގައި ވެސް ލުއި ދިނެވެ. އެކަމަކު މާާޗު މަހު އެޅި ފިޔަވަޅުތައް ޑިސެމްބަރު 31ގައި މެލޭޝިއާއިން ވަނީ ނިމުމަކަށް ގެނެސްފަ އެވެ.
މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން އެދުނީ ދިގު މުއްދަތަށް ވީސާ ހޯދާފައިވާ ދިވެހިން ވެސް ވިސާގެ މުއްދަތު ހަމަވެފައިވާ ނަމަ އެކަން ހައްލުކުރުމަށެވެ.