ރާއްޖޭގެ ކަނޑުގައި ހިމެނޭ ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަން ކިތައްމެ ގިނަޔަސް، ހުދު ކޯމަހެއް ފެނުމަކީ ވަރަށް ތަދު މަންޒަރެކެވެ. އެކަމަކު ހދ. އަތޮޅުގައި މަސްވެރިކަމަށް ނުކުމެ އުޅުނު ބަޔަކަށް އެ ހާއްސަ ކޯމަސް ފެނި، ވީޑިއޯ ވެސް ނެގި އެވެ.

"ޒުވާން މަސްވެރިޔާ"ގެ ނަމުން މަޝްހޫރު މަސްވެރިޔާ ހަސަން ސާޖިންގެ ޓްވިޓާ އެކައުންޓުން އާންމުކުރި ވީޑިއޯއަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވެސް ލިބިއްޖެ އެވެ. އެކަމަކު އުރީދޫގެ ބްރޭންޑް އެމްބެސެޑަރު އަދި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީއާ އެކު އިޝްތިހާރުތަކުން ފެންނަ ސާޖިން ބުނީ އެއީ އޭނާ ރައްޓެހި އެހެން މަސްވެރިޔަކު ނެގި ވީޑިއޯއެއް ކަމަށެވެ.

ވީޑިއޯއާ އެކު ސާޖިން ލިއެފައި އޮތީ ހަމައެކަނި "ހދ. އަތޮޅުން ފެނުނު ޑޮލްފިންއެއް،" މިހެންނެވެ.

އެކަމަކު އެއީ ދުނިޔޭން ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ ކޯމަހެކެވެ. އޭގެ ކުލަ ހުދަށް ބަދަލުވެފައި ހުންނަނީ "ހުދުބަލި" ޖެހުމުގެ ސަބަބުންނެވެ. އިނގިރޭސިން އޭގެ ކޯމަހަށް ކިޔަނީ "އެލްބީނޯ ޑޮލްފިން" އެވެ.

ހުދު ކުލައާ އެކު ކޯމަސް ރީތި ނަމަވެސް، ސައިންސްވެރިން ބުނާ ގޮތުގައި، ވަރަށް ގިނަ އުނދަގޫތަކެއް އެއަށް ތަޖުރިބާކުރަން ޖެހެ އެވެ. އޭގެ ތެރޭގައި ލޮލުގެ ފެނުން ރަނގަޅު ނުވުން ހިމެނެ އެވެ. އެކަމަކު ވީޑިއޯ އިން އެ ކޯމަސް ފެންނަނީ އެހެން ކޯމަސްތަކޭ އެއްގޮތަށް ވަރަށް ހަރަކާތްތެރިކޮށް އުޅޭ ތަނެވެ.

ވީޑިއޯ ރިޓްވީޓް ކުރި ގިނަ މީހުން ބުނީ ދުނިޔެއިން ވެސް މަދުން ފެންނަ މަންޒަރެއް ފެނުނީތީ އުފާކުރާ ކަމަށެވެ.