ވޮޝިންޓަން (ޖެނުއަރީ 16) - އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ޖޯ ބައިޑަން އަންނަ ބުދަ ދުވަހު ހުވާ ކުރައްވާއިރު ރައީސް ޑޮނަލްޑް ޓްރަމްޕް އެ ދުވަހުގެ ވަރަށް ހެނދުނާ ވައިޓް ހައުސް އިން ނުކުމެވަޑައިގެން ވޮޝިންޓަނުން ވެސް ބޭރަށް ވަޑައިގަންނަވާނެ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ޓްރަމްޕަކީ ވޭތުވެދިޔަ ދޮޅު ގަރުނުގެ ތެރޭގައި އާ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާ އެމެރިކާގެ ފުރަތަމަ ރައީސް އެވެ.
ނަން ހާމަކުރަން ނޭދޭ އޮފިޝަލަކު ވިދާޅުވީ ވައިޓް ހައުސް އިން ނުކުމެވަޑައިގެން ޓްރަމްޕް ދިރިއުޅުން ބަދަލު ކުރައްވާނީ ފްލޮރިޑާގައި ހުންނަ ޓްރަމްޕުގެ މާ-ލާގޯ ގޮލްފް ކްލަބަށް ކަމަށެވެ. ޓްރަމްޕަކީ ކުރިން ނިއު ޔޯކުގެ ރަށްވެއްސެއް ނަމަވެސް މިހާރު ވަނީ ފްލޮރިޑާ އަށް ރަށްވެހިކަން ބަދަލުކޮށްފަ އެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާންކުރީއްސުރެ ޓްރަމްޕް ގެންދެވީ ބަލި ގަބޫލް ކުރައްވަން ދެކޮޅު ހައްދަވަމުންނެވެ. އެންމެ ފަހުން ޖެނުއަރީ 6 ވަނަ ދުވަހު ވަނީ، ބައިޑަން ހޯއްދެވި ކާމިޔާބީ ރަސްމީކުރުމަށް ބޭއްވި ކޮންގްރެސްގެ ބައްދަލުވުމަށް ސަޕޯޓަރުން ވަނުމަށް ހިތްވަރު ދެއްވައިފަ އެވެ. އެހެންވެ ބައިޑަން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ޓްރަމްޕް ވަޑައިނުގަންނަވާނެ ކަން ވަނީ ކަށަވަރުވެފަ އެވެ.
ކޮންގްރެސްގައި ހިންގި ހަމަނުޖެހުންތަކަށް ޓްރަމްޕް ޒިންމާވާން ޖެހޭނެ ކަމަށް ބުނެ މިހާރު ވަނީ ދެ ވަނަ ފަހަރަށް އިމްޕީޗްކޮށްފަ އެވެ.