ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ޓްވިޓާ އިން މޫސާ އަންވަރު އަންބްލޮކް ނުކޮށްފި ނަމަ ދައުވާ ކުރާނެ ކަމުގެ އިންޒާރު އޭނާ ދީފި އެވެ.

ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު އިއްޔެ ކުރެއްވި ޓްވީޓެއްގައިވަނީ ޕީޖީ ޝަމީމްގެ އަމިއްލަ ޓްވިޓާ އެކައުންޓުން އޭނާ ބްލޮކް ކޮށްފައިވާ ކަމަށާއި އެއީ ގާނޫނުއަސާސީއާ ޚިލާފް ކަމެއް ކަމަށެވެ. ކުރިއަށް އޮތް 30 ދުވަސް ތެރޭގައި ޝަމީމްގެ ޓްވިޓާއިން އޭނާ އަންބްލޮކް ނުކޮށްފި ނަމަ އަންބްލޮކް ކުރުމުގެ އަމުރަކަށް އެދި ޝަމީމާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް މޫސަގެ ޓްވީޓްގައިިވެ އެވެ.

ޝަމީމްގެ އެކައުންޓުން މޫސަ ބްލޮކް ކުރި ސަބަބެއް ނޭނގެ އެވެ. މަޝްހޫރު ބޭފުޅުންގެ ޓްވިޓާ އެކައުންޓްތަކުން އެހެން މީހުން ބްލޮކް ކުރުމަކީ ބައެއް ފަހަރު އެ ބޭފުޅުން ކުރައްވާ ކަމެކެވެ.

މޫސާ އަންވަރަކީ ގިނަ މައްސަލަތައް ކޯޓަށް ހުށަހަޅައި، އޭގެ ތެރެއިން ބައެއް މައްސަލަތައް ކާމިޔާބު ކޮށްފައިވާ މީހެކެވެ. ލޯކަލް ކައުންސިލްތަކަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް ވުރެ މަދުން ދޭ ވޯޓުތައް ބާތިލްވާ ގޮތަށް ގާނޫނުގައި އޮތް ބައި 2011 ގައި ސުޕްރީމް ކޯޓުން ބާތިލްކުރީ އޭނާ ހުށަހެޅި މައްސަލައެއްގަ އެވެ. އަދި ކުރީގެ އެއްވެ އުޅުމުގެ ގަވާއިދުގެ ބައެއް މާއްދާތައް 2012 ގައި ހައި ކޯޓުން ބާތިލްކުރީ ވެސް އޭނާ ހުށަހެޅި މައްސަލައެއްގަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ކަމަށް ޝަރުތު ހަމަނުވާ ކަމަށް ބުނެ 2008 ވަނަ އަހަރު ސުޕްރީމް ކޯޓަށް އޭނާ ހުށަހެޅި މައްސަލަ ނާކާމިޔާބުވި އެވެ. އަދި ކައުންސިލްތަކުގައި އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ޚާއްސަކުރި ކުރުން ބާތިލްކުރަން ހައި ކޯޓަށް ދާދިފަހުން އޭނާ ހުށަހެޅި މައްސަލަ ވެސް ނާކާމިޔާބުވި އެވެ. އެހެންވެ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް މޫސަ ވަނީ ވިދާޅުވެފަ އެވެ.