ރިޕޯޓް / އަލީ ވަހީދު ފުރުވާލުން

ގާނޫނު ހިނގަނީ ނިކަމެތިން ރައްޔިތުންނަށް އެކަނި

ރާއްޖޭގެ ގާނޫނުތައް ހިމެނޭ ފޮތްތަކެއް: ގާނޫނުތައް ތަންފީޒު ކުރުމުގައި ތަފާތު ކުރުންތަކުގެ ޝަކުވާ އަބަދުވެސް ބޮޑު ---ފޮޓޯ/މިހާރު

މީގެ އަހަރުތަކެއް ކުރި އެވެ. ދައުލަތުގެ މިނިވަން މުއައްސަސާއެއްގައި މަސައްކަތު މީހަކަށް އުޅުނު އާދައިގެ ރައްޔިތެކެވެ. ވަޒީފާގައި އުޅުމުގެ ތެރޭގައި އޮފީސް ސާފުކުރަން ބަހައްޓާފައި ހުރި ސޯކްލިން ކޮޅެއް ފުޅިއަކަށް އަޅައިގެން ގެއަށް ގެންދިއުމުން އޭނާއަށް ދައުވާކޮށް، ހަ މަހަށް އަރުވާލަން ހުކުމްކުރީ އެވެ. އެކަމަކު ބޮޑެތި އަދަދުތަކުން ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި ގިނަ މީހުން އަދިވެސް މިނިވަންކަމުގަ އެވެ. ރާއްޖޭގައި ގާނޫނު ހިނގަނީ ނިކަމެތި ރައްޔިތުންގެ މައްޗަށް އެކަނިކަން ސާބިތު ކުރަން މި މިސާލު ފުދެ އެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް ކޮށްފައި ވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭސްފަރުވާއަށް ކުއްލި ގޮތަކަށް ވަޑައިގަތުމުގެ ހުއްދަ ދިނުމުން ވެސް ގިނަ ބަޔަކު ކުރީ އެ ޝަކުވާ އެވެ. އެކަށީގެންވާ ބޭސްފަރުވާ ލިބުމުގެ ހައްގު އެންމެންނަށް ވެސް ލިބެން ޖެހޭނެ އެވެ. އެއީކީ އަލީ ވަހީދަށް ވީތީ ނުވަތަ ބޮޑު ކުށެއްގެ ތުހުމަތުވާ މީހަކަށް ވީތީ ކަމަށް ބުނެ ހިފެހެއްޓޭނެ ހައްގެއް ވެސް ނޫނެވެ. އެކަމަކު ބޭސްފަރުވާއަށް އެދި ސަލާން ޖަހާ އެތައް ބަޔަކު ޖަލުގެ ކިއުތަކުގެ ތެރޭގައި ތިއްބާ އަލީ ވަހީދަށް އެ ފުރުސަތު ލިބިވަޑައިގަތުމަކީ ގިނަ ބައެއްގެ ޝަކުވާ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ބޮޑެތި ކުށްތައް ސާބިތުވެ، ދިގު މުއްދަތަކަށް ޖަލަށްލި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އެ ތިއްބެވީ "ސިއްހީ ސަބަބުތަކަށްޓަކައި" ގޭ ބަންދުގަ އެވެ. އެކަމަކު ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެފައިވާ މީހުން ގެއަށް ބަދަލު ނުކޮށް ނުވަތަ ބަންދުން ދޫނުކޮށް ޖަލުގައި އެ ތިބީ އެވެ. އެ މީހުންނާ މެދު ހަމްދަރުދީ ވާނެ ބަޔަކު ނެތެވެ. އެކަކަށް ޖަލުގައި އެކަށީގެންވާ ފަރުވާ ނުލިބި، މަރުވެގެން ދިޔައީ މީގެ ދެ ތިން އަހަރު ކުރިންނެވެ.

މަރުގެ މައްސަލައެއްގެ ތުހުމަތުގައި "ވާނުވާ" ބަންދުގައި ހުންނަތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހެއްގެ ސީރިއަސް ސިއްހީ މައްސަލަތަކެއް ހުރެގެން ރާއްޖެއިން ބޭރަށް ފޮނުވަން ޑޮކްޓަރުން ލަފާ ދިންތާ އެތައް ދުވަހެކެވެ. ޖަލުގައި ތިބޭ މީހުން ބޭރަށް ފޮނުވުމުގެ ކުރިން ކަރެކްޝަންސް އިން ބަލާ ހަރުކަށި އިޖްރާއާތުތަކުގެ ތެރެއިން އޭނާ ބެލި ހުރިހާ ޑޮކްޓަރުންގެ ލަފައަކީ ވެސް އެއީ އެވެ. އެކަމަކު ސަރުކާރު މެދުވެރިވެގެން ހަމަޖައްސަން ޖެހޭ ލިޔުންތައް ހަމަނުޖެހޭތީ ކަމަށް ބުނެ އޭނާއަށް ނުފުރިގެން ކޯޓުގެ ކޮންމެ އަޑުއެހުމެއްގައި އޭނާގެ ވަކީލުންނަށް ޖެހެނީ އާދޭސް ކުރާށެވެ.

ޖިނާއީ ގިނަ ޝަރީއަތްތަކުގެ ބޮޑު ބައި ހޭދަވަނީ ބަންދުގައި ތިބޭ މީހުންނަށް ސިއްހީ ފަރުވާ ނުލިބިގެން ކުރާ އާދޭހާއި ޝަކުވާތަކުގަ އެވެ. މަދު ހާލަތެއްގައި މިފަދަ ސަބަބަކަށް ރިއާޔަތްކޮށް މީހަކު ބަންދުން ދޫކޮށް ލިޔަސް، ދައުލަތުން ވަގުތުން އެ މައްސަލަ އިސްތިއުނާފްކޮށް އަދި ޖެހިގެން އަންނަ ދުވަހު އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން އަންގާނެ އެވެ. އާދައިގެ ރައްޔިތުންގެ ނަސީބުގައި އޮތް ގޮތަކީ އެއީ އެވެ.

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ ދައުވާ ލިބޭ މީހަކު ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދައްކަން ދިން ލަފައާ އެއްގޮތަށް އަމަލު ނުކޮށްގެން ދާދި ފަހުން ކްރިމިނަލް ކޯޓުން މީހަކު ބަންދުން ދޫކޮށްލިތާ ހަފުތާއެއް ފަހުން ހައި ކޯޓުން އަލުން އޭނާ ބަންދުކުރަން އެންގީކީ އެކަންޏެއް ނޫނެވެ. ސިއްހީ ގްރައުންޑްތަކުން މީހުން ބަންދުން ދޫކުރުމާ ބެހޭ ހަރުކަށި ގާނޫނީ އުސޫލުތަކެއް ވެސް އެ މައްސަލާގައި ކަނޑައަޅައި ދިނީ އެވެ. އެކަމަކު މަޝްހޫރު ބޮޑު ބޭފުޅަކާ ޖެހުމުން މިއިން ކަމަކަށް ނުބެލުމަކީ ގިނަ ބައެއްގެ ޝަކުވާ އެވެ.

އަލީ ވަހީދަށް ބޭރަށް ވަޑައިިގަތުމުގެ ހުއްދަ ދިނީ އާންމު އުސޫލާ ޚިލާފަށް އެތައް ކަމެއް ކުރުމަށް ފަހު އެވެ. ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އަލީ ވަހީދު ހުންނެވީ މިނިވަންކަމާ އެކު އެވެ. މާލޭގެ މަގެއްގެ މަތިން ހިނގާފައި ދިޔަ ޒުވާން އަންހެނަކަށް ޖިންސީ ފުރައްސާރަކޮށް، ފޮށުނު މައްސަލައެއް 2019 ގައި ކުރިމަތިވިތާ 24 ގަޑިއިރު ނުވަނީސް ތުހުމަތުވި މީހާ ވަގުތުން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރަން އެންގި އެވެ. ޖިންސީ ގޯނާ ފަދަ ކަންކަން ފުލުހުން ސީރިއަސްކޮށް ނަގާ މިންވަރަކީ މިއީ އެވެ. ފުރަތަމަ ފިޔަވަޅަކީ ހައްޔަރެވެ.

އެކަމަކު ރޭޕްކުރަން އުޅުން ފަދަ ބޮޑެތި އަދަބުތައް އައިސްދާނެ އެތައް ތުހުމަތެއް އަލީ ވަހީދަށް ކުރެވުނަސް، ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި އޭނާ ހައްޔަރެއް ނުކުރެ އެވެ. ދައުލަތުން ވެސް ޝަރީއަތުގެ މަރުހަލާގައި އޭނާ ބަންދު ކުރަން އެދިފައެއް ނުވެ އެވެ. ރޭޕާއި ކުޑަކުދިންނަށް ޖިިންސީ ގޯނާކުރުން ފަދަ ކުށްތަކުގައި ފުލުހުން ގެންގުޅޭ "އެންމެ ފުރަތަމަ ހައްޔަރު"ގެ ސިޔާސަތު އަލީ ވަހީދުގެ މައްޗަށް ނުހިނގާ އޮތް ސަބަބެއް މިއަދާ ހަމައަށް ފުލުހުންނާއި މުއައްސަސާތަކަށް ބުނެދެވިފައެއް ނުވެ އެވެ.

އަލީ ވަހީދު --- ފޮޓޯ/ މިހާރު

ބޭރަށް ދާން ހުއްދަ ދިނުމުގައި އަމަލުކުރީ ވެސް އާންމު އުސޫލާ ވެސް ޚިލާފަށެވެ. އެއީ ޑޮކްޓަރުން ދިން ލަފައާ ގުޅިގެން އެހެން މީހަކު ޒިންމާވާ ގޮތަށް އަލީ ވަހީދު ބޭރަށް ފޮނުވަން ޕީޖީން ކޯޓުގައި އެއްބަސްވުމެވެ. އެހެން މީހަކު ޒިންމާވާ ގޮތަށް، ޝަރުއީ ބަހުރުވައިން ނަމަ ޖާމިނުކުރާ ގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި އޮންނަނީ ތުހުމަތުގައިވާ މީހުން ބަންދުން ދޫކުރުމުގައި އެކަންޏެވެ. އެއީ ތުހުމަތުގައިވާ މީހާ ކޯޓުން އަންގާ ގަޑިއަށް ކޯޓަށް ހާޒިރުވާނެ ކަމާއި އރަށުން ބޭރަށް ދާ ނަމަ ކޯޓުގެ ހުއްދަ ހޯދާނެ ކަމުގެ ޔަގީންކަން ޖާމިނުވާ މީހާ ލިޔުމުން ދިނުމުންނެވެ. އެއާ ޚިލާފަށް އަމަލުކޮށްފި ނަމަ، އޭގެ ޒިންމާ ޖާމިނުވާ މީހާ އުފުލާނެ ކަމަށް އިގްރާރުވެގެންނެވެ. ރާއްޖެއިން ބޭރަށް ފުރައިގެން ދާން ހުއްދަ ދިނުމުގައި އެހެން މީހަކު ޖާމިނު ކުރުމަކީ އެ ގާނޫނު އޭގެ ކުރިން ދަންނަ ކަމެއް ނޫނެވެ.

ބޭރަށް ދާ މީހަކު ރާއްޖެ އަނބުރާ ނަޔަސް، އޭނާއަށް ޖާމިނުވި މީހާއާ ދެކޮޅަށް އެޅޭނެ ފިޔަވަޅެއް ވެސް ގާނޫނީ ގޮތަކުން ނޯންނާނެ އެވެ. ޖާމިނުވި މީހާގެ ޒިންމާއަކީި ބޭރަށް ދިޔަ މީހާ ކޯޓުން ދިން މުއްދަތު ހަމަވުމުގެ ކުރިން އެނބުރި ރާއްޖެ އައުމަށް އެދުން ނުވަތަ ބާރު އެޅުމެވެ. އެ ހިސާބުން އޭނާގެ ޒިންމާ ނިމުނީ އެވެ. އެ މީހާ ނަޔަސް، ޖާމިނުވި މީހާގެ މައްޗަށް ކުރާނެ ދައުވާއެއް ނޯންނާނެ އެވެ. މިގޮތަށް ބޭރަށް މީހުން ފޮނުވުމުގެ އަމުރުތައް ތަންފީޒު ނުކުރެވޭނެ ސަބަބަކީ އެއީ އެވެ.

މިހާތަނަށް އަމަލުކުރާ އާންމު އުސޫލަކީ ޖަލަށް ލާފައި ތިބޭ މީހުންނާއި ޖިނާއީ މައްސަލައެއްގެ ދައުވާ ލިބޭ މީހުންގެ ޕާސްޕޯޓް ދޫކުރުމުގެ ބަދަލުގައި ވަކި ގައުމަކަށް އެކަނި ދެވޭ ގޮތަށް ޓްރެވަލް ޑޮކިއުމެންޓެއް ދޫކުރުމެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮންނަވަނިކޮށް އިއްވި ޖަލު ހުކުމަށް ފަހު އޭނާ ސިންގަޕޫރަށް ފޮނުވީ ވެސް އެފަދަ ލިޔުމެއް ދޫކޮށްގެންނެވެ. ކުރިން މިދެންނެވި މަރުގެ މައްސަލާގައި ދައުވާ ލިބޭ މީހާ ބޭރަށް ފޮނުވަން އުޅެނީ ވެސް ޓްރެވަލް ޑޮކިއުމެންޓެއް ދޫކޮށްގެންނެވެ. އަލީ ވަހީދުގެ މައްސަލާގައި އެންގީ ބޭނުން ގައުމަކަށް ދެވޭ ގޮތަށް ޕާސްޕޯޓް ދޫކޮށްލުމަށެވެ.

ކޯޓުން ޕާސްޕޯޓް ދޫކުރި ސަބަބެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނަނީ ޓްރެވަލް ޑޮކިއުމެންޓެއްގައި ދިއުމުން އަލީ ވަހީދުގެ އަބުރަށް ހުތުރު ވެދާނެތީ އެވެ. އެކަމަކު އަލީ ވަހީދު ބޭރަށް ވަޑައިގަތީ ބޭސްފަރުވާއަކަށެވެ. ބޭސްފަރުވާ ދިނުމުގައި މީހުންގެ ކުށުގެ ރެކޯޑަށް ބަލާ ގޮތަށް އެއްވެސް ގައުމެއްގައި ނޯވެ އެވެ. އެންމެ ބޮޑެތި ކުށްތައް ސާބިތުވެ، ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް ވެސް، މައުސޫމް މީހެކޭ އެއްފަދައިން ބޭސްފަރުވާ ދޭން ޖެހޭނެ އެވެ. އެހެން ކަމަށްވާ ނަމަ، މަރުގެ މައްސަލަތަކާއި އެ ނޫން ވެސް ކުށްތަކުގައި ޖަލުގައި ތިބޭ މީހުންނަށް އެ އުސޫލު ހިނގަން ޖެހޭނެ އެވެ.

އާންމު އުސޫލާ ތަފާތުކޮށް މަޝްހޫރު ބޭފުޅުންގެ މައްސަލަތަކުގައި ކަންކަން ހިނގަން ފެށުނީކީ މިއަދަކު ނުވަތަ އިއްޔެއަކު ނޫނެވެ. ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެފައިވާ އެތައް ބަޔަކު ގެއަށް ބަދަލު ނުކޮށް ޖަލުގައި އާދޭސް ކޮށްކޮށް ތިއްބަސް، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ދިގު މުއްދަތަކަށް ޖަލަށްލި އަދީބާއި ޒިޔަތު އެ ތިއްބެވީ ސިއްހީ ސަބަބުތަކަށް ކަމަށް ބުނެ ގޭ ބަންދުގަ އެވެ.

އަދީބުގެ މައްޗަށް ހުކުމް އިއްވުމުގެ ކުރިން އޭނާ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރަން ދައުލަތުން އެދިގެން އަމުރު ނެރުނުއިރު، ޖިިނާއީ އިޖްރާއާތުގެ ގާނޫނު އޮންނަ ގޮތުން ދައުވާ ލިބޭ މީހުން ގޭ ބަންދުގައި ނުބޭތިއްބޭނެ ކަމަށް ހައި ކޯޓުން އޮންނަނީ ކަނޑައަޅައިފަ އެވެ. އެ ގާނޫނާއި ހައި ކޯޓުގެ ނިންމުމަށް ގޮންޖަހާފައި ކަރެކްޝަންސް އިން އަދީބު ބެހެއްޓީ ގޭގަ އެވެ. ފަހުން ޓަގު ބޯޓެއްގައި ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަނިކޮށް ހައްޔަރުކޮށް، ރާއްޖެ ގެނައުމަށް ފަހު ވެސް ކަރެކްޝަންސް އިން އަމަލުކުރީ އެގޮތަށެވެ. އާންމު މީހެއް ނަމަ، އެކަން އެގޮތަކަށް ނުހިނގީސް ކަން ޔަގީނެވެ.

ކުށެއް ސާބިތުވެގެން ހުކުމް ތަންފީޒު ކުރަނިކޮށް ފުރަތަމަ ފަހަރަށް ކަފާލާތު ލިބިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލަށްލި ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދަރިކަލުން އަހުމަދު ފާރިސް މައުމޫނަށެވެ. ރިޔާސީ އިންތިޚާބު ނިމުމާ އެކު ހައި ކޯޓުން ކަފާލާތުގެ ދަށުން އެ ބޭފުޅުން މިނިވަންކުރީ އިސްތިއުނާފް މައްސަލަ ނިމެންދެނެވެ. އެ މައްސަލަތައް ނިމުމާ އެކު، ކަފާލާތުގެ ދޮރު އެންމެންނަށް ބަންދުވީ އެވެ. މިހާރު ކަފާލާތަކީ އިސްތިއުނާފީ މަރުހަލާގައި ހިނގާ އެއްޗަކަށް ނުވެ އެވެ.

ކުށެއް ސާބިތުވެގެން ޖަލު ހުކުމެއް ތަންފީޒު ކުރަނިކޮށް އެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް މަތީ ކޯޓުތަކުން އަލަށް ނެރުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ މައްސަލާގައި ސުޕްރީމް ކޯޓުންނެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް އެ ހަތަރު ބޭފުޅުންނަށް ލިބިވަޑައިގަތް އެ ނަސީބު އޭގެ ފަހުން ލިބުނު އިންސާނަކު މި ރާއްޖެއަކު ނެތެވެ. ޖިނާއީ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަކީ އެއްވެސް އިރަކު ރާއްޖޭގައި ކޮށް އުޅުނު އަދި ގާނޫނު ދަންނަ ކަމެއް ވެސް ނޫނެވެ.

ގާނޫނުގެ ރައްކާތެރި ކަމާއި މަންފާ އާއި ހައްގުތައް ލިބުމުގައި ތަފާތު ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ސާފުކޮށް ލިޔެފައި އޮތަސް، އެކަން އެ މަގުން ނުހިނގާ ކަމާ މެދު ދެބަސްވާނީ މަދު މީހެކެވެ. މަޝްހޫރު އަދި ނުފޫޒު ގަދަ ބޭފުޅުންނަށް ހުރިހާ ގޮތަކުން ވެސް ވީއައިޕީ ޚިދުމަތެވެ. އެ ބުނާ ގާނޫނުގެ ދިގު އަތް ފޯރަނީ އާންމުންގެ މައްޗަށް އެކަންޏެވެ.

13 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 8%
icon inlove icon inlove 75%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގަރާޖަކަށް 70

21 February 2021

ޤާނޫނުން އެންމެ ރެކޭތަން ފެންނަނީ މަސްތުވާތަކެތީގެ ފޮއިސައްލިން

The name is already taken The name is available. Register?

1828

18 February 2021

މިއާޓިކަލް ކިޔާލުމުން ދޭހަވީ މިސަރުކާރުގެ ބޭއިންސާފް. އެކަމަކު މިއީ ރައްޔިތުންނަށް އިންސާފް ހޯދައިދޭން އައި ސަރުކާރު. އެމް.ޑީ.ޕީ އަކީ އިންސާފްގެ ޒައްރެއްގެ މިންބަރުވެސް ދަންނަ ބައެއްނޫން.

The name is already taken The name is available. Register?

ލަދުނެތޭ

17 February 2021

ކުށެއް ސާބިތުވެ ހުކުމް ތަންފީޒުކުރުން ފަސްކުރެވިފައިވާ މީހަކު ވެރިކަމުގެ އެއް ބާރުގައި ހުރުމީ މުޅި ގައުމު ލަދުގަންނަންޖެހޭވަރުގެ ކަމެއްނޫންތަ؟

The name is already taken The name is available. Register?

ކިލާޓި

17 February 2021

ބަރާބަރު ތެދެއް. ގައުމެއްގައި ރައްޔިތުން ނުލަފާވަނީ މިހެންވެގެން. ފަސާދަޔާ ވައްކަމާ މަކަރާ ހީލަތާ މާރާމާރީއާ.... ހުރިހާ ކަމެއް ގިނަވަނީ މިހެންވެ. ދެން އެހެން އޮއްވާ އެންމެންގެ ރުޅިގަނޑު ފަޅަގެންދާ ދުވަހަކުން.... ބުނަންނަވެސް ނުކެރޭހެ/

The name is already taken The name is available. Register?

ސަރާސަރުމަގު

17 February 2021

މަށަށް މޮޅުގޮތް އިންސާފުކަމަށް ގަބޫލުކުރާ މީހުންނާއި ލާރިއާއި މުދަލަށް ނަފުސު ވިއްކާލަން ޖެހިލުންނުވާ ބަޔަކު އަދުލު އިންސާފު ދަމަހައްޓަން ތިބޭ ތަނެއްގައި އެހެންގޮތެއް ނުވާނެ.

The name is already taken The name is available. Register?

މަރުވާންވީ

17 February 2021

ވަރަށް ފުރިހަމަ ލިޔުމެއް. މި ގައުމުގަ ނިކަމެތި ރައްޔިތުންނަށް ބޭއިންސާފު ނޫން ގޮތެއް ނެތް. އެއްވެސް އުންމީދެއް ނެތް.

The name is already taken The name is available. Register?

ފުތާ

17 February 2021

މިރިޕޯޓް ވވ ފުރިހަމަ ވިސް ޕޕމ އިން ކޮންމެ ދުވަހަކު ބާވާ މުޒާހަރާ ލިޑު ކުރަން ތިބޭ މީހުންގެ ވާހަކަވެސް ހިމަނާލިނަމަ އަދުރޭ ،ޓޮމް،ސުޖާއު، މުހައްމަދު އިސްމާއީލް (ފައިސާ ގޯނި)..... މި މީހުންވެސް މީ މމޕރސ ގެ ހިޔާނާތުގެ ބައިވެރިން 5 އަހަރުތެރޭ މަހުޖަނުންނައްވީމީހުން އަދިވެސް ސަރީއަތް ނުކުރެވި އަދި ބަންދުވެސް ނުކުރެވި ދޫވެފާ....ހިތާމާގެ ކޮޅެއްވެސް ނެތް ނޫންތޯ

The name is already taken The name is available. Register?

ޕުތާ

17 February 2021

ކަލެއަށް ފެންނަނީ އެމްއެމްޕީއާރްސީގެ މައްސަލައިގަ ޕޕއެމް މީހުން ދޫވެފަ ތިބޭތަން އެކަނިދޯ؟ ތިކަހަލަ އެއް ފަރާތަށް ބުރަވެގެން އުޅޭ ސިސްޓަމެއްގެ ވާހަކަ ލިއުންތެރިއާވެސް އެ ދައްކަނީ.

The name is already taken The name is available. Register?

އަންސާފުވެރިޔާ

17 February 2021

ސަތޭކައިގެ ލިޔުމެއް. ރާއްޖޭގައި އޮންނަ އިންސާފަށްވުރެ މަތީގައިވާ ބައެއްގެ ވާހަކަ ކިހިނެއްތޯ ދައްކާނީ. އެމީހެއްގެ ދަރި އެމީހަކަށް ދޮންފުތުވާ ބައެއްގެ ތެރޭގައި އިންސާފެއް އޮންނާނެތޯ؟ ތާއީދުކުރާ ވަކި ފިކުރެއްވީމަ ކަނުލޮލެއް ދީގެން މީހުން ތިބެނީ. ސިޔާސީ މީހެއްގެ ވަށައިގެން އެނބުރެނީ ގިނަމީހުން. އިޚްލާސްތެރިއެކޭ ބުނެވޭވަރުގެ މީހަކު ނެތް. ހިތާމަހުރި.

The name is already taken The name is available. Register?

ސުޕްރީމް ޖޯކު

17 February 2021

ހުރިހާ ބާރެއް ވަކިވެ ދުނިޔެވެސް ފަހަނަ އަޅާ ޖައްވަށް ޑިމޮކްރަސީ އޮތް ހުރިހާ ގައުމެއްގެ ވެސް ހާލަކީ ތިއީ! ރާއްޖެ އަދި ޖެހުނު ތާ ލަކުނުވެސް ނެތް ހިސާބަށް ދާނެއެއްނު. ޔަގީން. ކޮން ބައެއް މީ!

The name is already taken The name is available. Register?

ލޯލް

17 February 2021

އެއީ އޭ އެބުނާ ޑިމޯކްރަސީއަކީ.. ނިކަން ކަރަށް ނާރުއަރުވާލާފަ ބުނާނެ ތިލަފަތޭ.. ހަމަހަމައޭ.. ޖަޒީރާއޭ.. ވޯޓޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454