ހއ. ކެލައިން ޓޫރިޒަމަށް ބިން ކުއްޔަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެ ރަށު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ކެލާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް ރައީސް އާދަމް ގުފްރާނެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާނެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ބައިވެރިވެވަޑައިގަތެވެ.
މި އެއްބަސްވުމުގެ ދަށުން، ގެސްޓުހައުސް ތަރައްގީކުރުމަށް 5،000 އަކަފޫޓުގެ 12 ބިމާއި ޓޫރިސްޓު ހޮޓާ ތަރައްގީކުރުމަށް 10،000 އަކަފޫޓުގެ ދެ ބިން ދޫކުރާނެ އެވެ. މި ބިންތައް ކުއްޔަށް ދޭނީ އާއްމުކޮށް އިއުލާން ކުރުމުން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށެވެ.
ކެލާ ބޭފުޅެއް ކަމަށްވާ މައުސޫމް ވިދާޅުވީ އެ ރަށު ކައުންސިލުން ޓޫރިޒަމް ތަރައްގީކުރަން އިސްނެގުމުން، ލާމަރުކަޒީ ނިޒާމުން ކައުންސިލްތައް ހިންގަން ގެނެވުނު ބަދަލުގެ ހެޔޮ ފައިދާ ފެންނަ ކަމަށެވެ.
ހއ. ކެލާގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރަން މިދިޔަ އަހަރު ހުޅުވާލައި ޓޫރިޒަމަށް ކަނޑައަޅާފައިވާ 864،414 އަކަފޫޓުގެ ބިމާއި އެ ބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަހައްދުގައި ހޮޓަލެއް ހެދުމުގެ މަސައްކަތް ފެޑޯ އިންވެސްޓްމެންޓާ ވަނީ ހަވާލުކޮށްފަ އެވެ.