އިންތިގާލީ އިންސާފުގެ ގާނޫނުން އުފައްދާފައިވާ މަގާމެެއް ކަމަށްވާ ޗީފް އޮމްބަޑްސް ޕާސަންގެ މުސާރަ އާއި އިނާޔަތްތަކާއެކު މަހަކު 37،500ރ. ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ އިސްވެރިންނަށް މުސާރަކަނޑައެޅުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވައިލި ރިޕޯޓް މިއަދުގެ ޖަލްސާގައި ފާސްކުރި އިރު އެ ރިޕޯޓްގައި، ޗީފް އޮމްބަޑްސް ޕާސަންގެ މުސާރައަކަށް އޮތީ 25،000ރ. އެވެ. އެއާ އެކު 12،500ރ. ގެ އެލަވަންސެއް ވެސް ކަނޑައަޅާފައި އޮތުމުން އޭނާއަށް ދައުލަތުން މަހަކު ދޭނީ ޖުމްލަ 37،500.ރ އެވެ. އެ ރިޕޯޓްގައި އޭނާގެ ނައިބަށް ކަނޑައަޅާފައި އޮތީ މުސާރައަށް މަހަކު 25،000ރ. އާއި އެލަވަންސަށް މަހަކު 8،500ރ. އެވެ. އެހެންވެ އޭނާއަށް މަހަކު ލިބޭނީ 33،500.ރ އެވެ.

ޗީފް އޮމްބަޑްސް ޕާސަން އަކީ އަބްދުއްސަލާމް އާރިފެވެ.

އިންްތިގާލީ އިންސާފުގެ އޮފީހުގެ ވެރިންގެ މުސާރަ ކަނޑައެޅުމުގެ ރިޕޯޓް ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 41 މެމަބަރުންގެ ތެެރެއިން 40 މެމްބަރުންގެ ވޯޓުދެއްވައިގެންނެވެ.

މިއަދު ފާސްކުރި ރިޕޯޓްގައިވާ ގޮތުން އިންތިގާލީ އިންސާފުގެ ވެރިންނަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ދޭން ފެންނަ ދެ އަދަދެއް ފިނޭންސް މިނިސްޓްރީން ހުށަހެޅި އެވެ. އެގޮތުން އޮތް ފުރަތަމަ ހުށަހެޅުމަކީ ޗީފް އޮމްބަޑްސް ޕާސަންއަށް މުސާރައާއި އިނާޔަތްތަކާ އެކު މަހަކު 40،00ރ. އަދި އޭނާގެ ނައިބަށް މަހަކު 35،000ރ. ދިނުމެވެ.

އިންތިގާލީ އިންސާފުގެ އޮފީހަކީ ޖެނުއަރީ 1953 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ހަަމައަށް ދައުލަތުގެ މުއައްސަސާތަކުންނާއި އިސްވެރިން ނިޒާމީ ސިފައެއްގައި އިންސާނީ ހައްގުތަކާ ހިލާފަށް ހިންގާފައިވާ އަަމަލުތައް ތަހުގީގުކުރަން އުފެއްދި އޮފީހެކެވެ. އެ އޮފީހުން ބަލާ މައްސަލަތަކުގައި ޖިނާއީ އަދި މަދަނީ ދައުވާ އުފުލުމުގެ ބާރު ވެސް އިންތިގާލީ އިންސާފުގެ ގާނޫނުން ދީފައިވެ އެވެ.