މިހާރު އައްޑޫގެ ކޮވިޑް ޕޮޒިޓިވް ކޭސްތަކުގެ އަދަދަކީ 40
21 ފެބުރުއަރީ 2021 - 12:26
އައްޑޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 26 މީހަކު އެ ބަލިން ރަނގަޅުވެއްޖެ އެވެ.
އެއީ އައްޑޫގެ ދެ ކްލަސްޓާގެ ތެރެއިން 26 ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވި ހުޅުމީދޫ އެމްޓީސީސީ ކްލަސްޓާގެ ތެރެއިން 24 މީހަކާއި އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ކްލަސްޓާގައި ހިމެނޭ ހިތަދޫގެ ދެ މީހެކެވެ.
އައްޑޫން 26 މީހަކު ބަލިން ރަނގަޅުވުމާ ގުޅިގެން، މިހާރު ކޮވިޑަށް ޕޮޒިޓިވްވި ކޭސްތަކުގެ އަދަދަކީ ހުޅުމީދޫން ނެގި ރެންޑަމް ސާމްޕަލްތަކުން އިއްޔެ ޕޮޒިޓިވް ދެ މީހަކާ އެކު 40 އެވެ. އެއީ އެއް ގެއެއްގައި އުޅޭ ދެ ދިވެއްސެކެވެ. އެ ކޭސްތަކާ ގުޅިގެން މީހާރު އަންނަނީ ކޮންޓެކްޓް ޓްރޭސީން ވެސް ހަދަމުންނެވެ.
އައްޑޫގައި ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ކުރިން ފަސް މީހަކަށް ފަރުވާ ދިން ނަމަވެސް، މިހާރު އެޑްމިޓްކޮށްފައި އޮތީ އެންމެ މީހެކެވެ.
އައްޑޫގެ އަވަށްތަކުން މިހާތަނަށް ކޮވިޑްގެ އެއްވެސް ކޭހެއް ފެނިފައި ނުވަނީ މަރަދޫންނެވެ. އެންމެ ގިނަ ބަޔަކު އެ ބައްޔަށް ޕޮޒިޓިވްވީ ހިތަދޫންނެވެ. އެ އަވަށުން މިހާތަނަށް ޕޮޒިޓިވް މީހުންގެ އަދަދު 20 އަށް އަރަ އެވެ. އެކަމަކު މިހާރު އެ އަވަށުގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 18 އަށް ތިރިވެފަ އެވެ.
އައްޑޫގައި މިހާތަނަށް 3،300 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިން ދީފައިވެ އެވެ.
ކޮވިޑްގެ ކޭސްތަކާ ގުޅިގެން އައްޑޫ އަދިވެސް އޮތީ މޮނިޓަރިންގަ އެވެ. މިއާ އެކު ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy