ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުންނެވި މުހައްމަދު މަލީހް ޖަމާލް މަގާމުން ވަކިކުރަން ޖެހޭ އެއްވެސް އަސާސެއް އޮތް ކަމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ހިންގަވާ ކޯލިޝަންގެ އެއް ލީޑަރު ގާސިމް އިބްރާހިމް ގަބޫލުނުކުރައްވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ޓެލެކޮމިއުނިކޭޝަން މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު، ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ކުރިއަށްދާއިރު އޭނާ ވަކިކުރަން އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ނެރެފަ އެވެ. މަޖިލީހުގައި ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ މެމްބަރުންގެ ވޯޓުން މަލީހް މިއަދު މަގާމުން ދުރުކުރާނެ ކަަމަށް ބެލެވެ އެވެ.

މިކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ލަފައަކަށް އެދިވަޑައިގެންފައި އޮތަސް އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތެއް މިހާތަނަށް ހާމައެއް ނުކުރައްވަ އެވެ.

މަލީހްގެ ވޯޓާ ގުޅިގެން "މިހާރު"އަށް ވާހަކަ ދެއްކެވި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވީ މަލީހް ވަކިކުރަން ޖެހޭ ސަބަބެއް އޮތް ކަމަަކަށް ގާސިމް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެގޮތަށް އެކަން ކުރައްވާތީ ގާސިމްގެ ހިތްހަމަނުޖެހުން އެބައޮތް ކަަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިތުބާރު ނެތް ކަމުގެ ވޯޓު ހުށަހަޅައިގެން މަލީހް ވަކިކުރަން އެމްޑީޕީގެ މެމްބަރުން އުޅެނީ ކޯލިޝަނުން އެއްބަސްވެފައިވާ ގޮތާ ވެސް ޚިލާފަށެވެ.

މިނިސްޓަރު ކަމުގެ ހުވާ ކުރެއްވުމަށް ފަހު މަލީހްއާ ރައީސް ލިއުން ހަވާލުކުރައްވަނީ. --- ފައިލް ފޮޓޯ: ހުސައިން ވަހީދު/މިހާރު
މިނިސްޓަރު ކަމުގެ ހުވާ ކުރެއްވުމަށް ފަހު މަލީހްއާ ރައީސް ލިއުން ހަވާލުކުރައްވަނީ. --- ފައިލް ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެމްޑީޕީ އިސްވެ އޮވެ މި ވެރިކަމަށް އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި އެމްއާރުއެމް ގުޅިގެން އުފެއްދި ކޯލިޝަނުން އެއްބަސްވެފައި އޮތީ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެހެން ޕާޓީއެއްގެ ވަޒީރަކު ވަކިކުރާ ނަމަ އެކަން އެ ޕާޓީއަކަށް ރަސްމީކޮށް އެންގުމެވެ. މަލީހު މައްސަލައިގައި ސަރުކާރުން މިހާތަނަކަށް ޖުމްހޫރީ ޕާޓީއަށް އެއްވެސް އެއްޗެއް އަންގާފައި ނުވާ ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި އެވެ.

"ވަޒީރުން ޒިންމާ އަދާކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންޑޭޓާ އެއްގޮތަށް. މަލީހާ ދެކޮޅަށް އުފައްދައިގެން އުޅޭ މައްސަލައިގައި ސުވާލު އުފެދެނީ ރައީސް ހަވާލުކުރެއްވި ކޮން ޒިންމާއެއް މަލީހަށް އަދާނުކުރެއްވިގެންތޯ މަގާމުން ވަކިކުރައްވަނީ،" އޭނާ ވިދާޅުވި އެވެ.

މަލީހު މަގާމުން ދުރުކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ފުރަތަމަ ނެންގެވީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވާއިދެއް ނުހަދައި އޮތް މައްސަލަ އެވެ.

އޭގެ ފަހުން އިންޓެނެޓު އަގު ހެޔޮ ނުކުރުމުގެ މައްސަލަ ވެސް މަލީހަށް އަމާޒުކުރި އެވެ. ފަހުން ވިދާޅުވަމުން ގެންދެވީ މަލީހު މަގާމުގައި ބަހައްޓަން ގިނަ ރައްޔިތުން ނޭދޭތީ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭ ކަމަށެވެ. މި ތުހުމަތުތައް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް މަލީހް ވަނީ ދޮގުކުރައްވައިފަ އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވީ ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ވަކިކުރަން ޖެހޭނީ މަގުބޫލު އުޒުރެއް ދައްކައިފައި ކަަމަށެވެ. އަދި ވަޒީރަކަށް މަސްއޫލިއްޔަތު އަދާނުކުރެއްވޭ ނަމަ ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަންނަވާނީ ރައީސް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަޒީރުގެ މަސްއޫލިއްޔަތު ނޫފުއްލަވައިގެން ރައީސް ނުވަތަ ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅުއްވަނީސް މަޖިލީހުން ވަޒީރާ ދެކޮޅަށް ފިޔަވަޅު އަޅުއްވާ ނަމަ، އެ ފިޔަވަޅު އެޅުއްވެނީ ސަރުކާރާ ދެކޮޅަށް،" އަމީން ވިދާޅުވި އެވެ.

"ޒާތީ ގޮތުން ދައުލަތުގެ މަގާމުތަކާ ކުޅުއްވާ ނަމަ އެ ކަމަކީ އެކަން ކުރާ ބަޔަކަށް މާދަމާ އޭގެ ފައިދާކުރާނެ ކަމެއް ކަން ނުވެ ހިނގައިދާނެ."