ސިފައިންތަކެއް ރަސްމިއްޔާތެއްގައި: ހަތް އަހަރު ކުރިން ވަކިކުރި އޮފިސަރަކަށް އަލުން ވަޒީފާދޭން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
18 މާޗް 2021 - 23:03
މީގެ ހަތް އަހަރު ކުރިން ސިފައިންގެ ވަޒީފާ އިން ވަކިކުރި އިސް އޮފިސަރަކަށް އަލުން ވަޒީފާދޭން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސިފައިންގެ ކެޕްޓަނެއްގެ ރޭންކުގައި ހުރި އަބްދުލް މުއިޒް މުސްތަފާ ނޮވެމްބަރު، 2013 ގައި ވަޒީފާ އިން ވަކިކުރީ އޭރުގެ ބްރިގޭޑިއާ ޖެނެރަލް އަދިި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލުއާ ބައިވެރިވެގެން ސިފައިންގެ ތެރޭގައި ބައިބައިވުން އުފައްދައި، ނުރައްކާތެރި އަމަލުތަކެއް ހިންގަން ރޭވި ކަމަށް ބުނެ އެވެ. އެ މައްސަލައިގައި މުއިޒުއާ އެކު ޝަމާލު ވެސް ވަޒީފާއިން ވަކިކޮށްފައި ވަނިކޮށް ޑިސެމްބަރު، 2018 ގައި ހައި ކޯޓުން ކުރި ހުކުމަކާ އެކު ޝަމާލަށް އަލުން ވަޒީފާދީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ވަނީ އައްޔަންކޮށްފަ އެވެ.
ސިފައިންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ވަޒީފާ އަނބުރާ ހޯދަން މުއިޒްގެ ފަރާތުން 2014 ގައި ދައުވާ ކުރުމުން 2016 ގައި ސިވިލް ކޯޓުން ނިންމީ ވަޒީފާ އަނބުރާ ނުދިނުމަށެވެ. އަދިި ނޮވެމްބަރު، 2018 ގައި ހައި ކޯޓުން ވެސް އޮތީ އެ ހުކުމް ދަމަހައްޓައިފަ އެވެ.
އެ މައްސަލަ މުއިޒްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށެވެ. އޭނާ ނުހައްގުން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
މުއިޒް ވަކިކުރީ ރަނގަޅަށް ކަމަށް ބުނެ ދައުލަތުން ސިވިލް ކޯޓާއި ހައި ކޯޓުގައި ވަކާލާތު ކުރިޔަސް، ސުޕްރީމް ކޯޓުގައި ދައުލަތުން ވަނީ އޭނާ ވަކިކުރީ ގޯސްކޮށް ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ނަގައި ދިނުމުގެ ބަދަލުގައި ދޭން ޖެހޭނީ އެއް އަހަރުގެ މުސާރަ އާއި އިނާޔަތްތައް ކަމަށް ދައުލަތުން ބުނެފައިވެ އެވެ.
އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާރިނގު
30 May 2021
ސާބަސް ސާބަސް ކޮންމެ ސަރުކާރެއް އޮތަސް އެސަރުކާރަކާ އިދިކޮޅައް ނުކުންނާކައް ނުޖެހޭ ތި ލިޔުމަކީ ހަގީގަތެއް ތީގަ ސޮއި ކުރިމީހުން މިހާރު ތިތިބަ ބޮޑުންނައް ވަނީ.. ބަދަލުގެ ގޮތުގަ ގިނަ ލާރިގަނޑެއްދީ ވެރިކަން ހިފަހައްޓާަ އޯކޭ...
1828
19 March 2021
ސިފައިންނާއި ފުލުހުންގެ ތެރެއިން ވަޒިފާއިންވަކިކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަނބުރާ މިލިބެނީ އޮފިސަރުންނަށް. ދަށު ރޭންކް ތަކުގެ ފުލުހުންނާއި ސިފައިނަށް ވަޒީފާ އަނބުރާ ނުލިބޭ. މިއީ ކޮންކަހަލަ އިންސާފެއްބާ؟
އަލީ ވަހީދު
19 March 2021
ކޮބައިތޯ އެމީހުންސިފައިންގެ ތެރެއިން ވަކިކުރަން ބަޔާންޔަކާއެއްޗެހިލިޔެތައްޔާރު ކުރިމީހުން ވަކިކުރުމުގަ ފޫގަޅައިގެން އުޅުނު މީހުންގެ އަތުންވެސް ބަދަލު ހޯދެންޖެހޭނެތާ ހުކުމުގަ އެބައިވެސް ހިމަނާލިނަމަ ފުރިހަމަވީސް
ދިއްދޫމީހާ
19 March 2021
ނުހައްގުން ވަކި ކުރަން ނިންމި މީހުންނާ މެދު ދައުވާ ނުކުރަނީ ކީއްވެގެންބާ؟؟ އަނެއްކާ މޮޅުކަމަކީ ދަށުކޯޓް އަދި ހައިކޯޓްގާ ދައުލަތުން ލޯބީގެ ލަވަކިޔާފަ ސްޕްރީމް ކޯޓުގާ މިކިޔަނީ މާކުންބޭގެ ވާހަކަ
ޖޯޑު ޑަބުލިޔު ބުސް
19 March 2021
ޝަމާލަށް ވަޒީފާދެންޏާ މީނައަށްވެސް ވަޒީފާ ދޭންޖެހޭނެތާ! ހޭވީ އެއްހަޑިއެއްވިއްޔަ.
ކާސިންޖީ
18 March 2021
ބިރުން ސިފައިންކުދިން ހައްދަން މެޓާބަހަނީ. ލޮލް
ނޫރާނީ މާ
18 March 2021
މިއޮތީވާ ޤައުމެއް
ޖަނާބު އަންޖާމު
18 March 2021
އަނެއްކާ މިއޮތީ ޕާޓީކުއްޖަކަށް ގާތްގަނޑަކަށް ބަދަލުދޭންވެފާ. ސަހާދެއް ބޯހަލާކު.