ދިގު މުއްދަތަކަށް ބޭސްކުރާ އުމުރުން 16 އަދި 17 އަހަރު ކުދިން ވެސް ހިމެނޭ ގޮތަށް، ފައިޒާގެ ކޮވިޑް-19 ވެކްސިން އަންނަ އާދިއްތަ ދުވަހު ދޭން ފަށަން ނިންމައިފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހިންގާ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބުނު ފައިޒާ ވެކްސިންގެ 5،500 ޑޯޒް ޖަހަން ނިންމާފައިވަނީ ބޮޑެތި ބަލިތަކަށް ފަރުވާކުރާ މީހުންނަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނި ގޮތުގައި 16 އަދި 17 އަހަރުގެ ކުދިންނަށް ވެސް ވެކްސިން ދޭނީ އެއީ، ދިގު މުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްފަރުވާ ކުދިންނަށް ވާނަމަ އެވެ. އޭގެ ތެރޭގައި ހަށިގަނޑުގެ ގުނަވަން ބަދަލުކޮށްފައިވާ ކުދިންނާއި ގަވައިދުން ޑަޔަލިސިސް ހަދާ ކުދިންނާއި ކީމޯތެރަޕީ އަދި ރޭޑިއޯތެރަޕީ ހަދާ ކުދިންނާއި ހަށިގަނޑުގެ ދިފާއީ ބާރު ދެރަ ކުރާ ފަދަ ބޭސްތައް ބޭނުންކުރާ ކުދިން ހިމެނެ އެވެ.

އަދި 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ވެސް ދާއިމީކޮށް ބޭސްފަރުވާ ކުރާ މީހުންނަށް ވެކްސިން ޖެހޭނެ އެވެ.

ފައިޒާ ވެކްސިން ޖެހުމަށް ނިންމާފައިވަނީ އެކަމަށް އެދިގެން ރަޖިސްޓްރީކުރި މީހުންނަށެވެ. ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މީގެ ހަފުތާއެއް ކުރިން ވަނީ ހުޅުވާލާފަ އެވެ. އެޗްޕީއޭން ބުނިގޮތުގައި އެ މީހުންނަށް ވެކްސިން ޖަހާނީ އެޕޮއިންޓްމެންޓް ދީގެންނެވެ.

އެޗްޕީއޭން ބުނީ 18-60 އަހަރާ ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ، ހާއްސަ ހާލަތްތައް ދިމާވެފައިވާ މީހުން، tinyurl.com/j5jdehrz މި ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ވުމަށެވެ.

އެޗްޕީއޭއިން ކުރިން ކުރި އިއުލާނުގައި ބުނީ ފައިޒާ ވެކްސިން ބަހައްޓަން ޖެހެނީ މައިނަސް 70 ޑިިގްރީގައި ކަމަށް ވުމުން އެ ވެކްސިން މައިގަނޑު ގޮތެއްގައި ޖަހާނީ މާލޭގައި ކަމަށެވެ.

ފައިޒާ ވެކްސިން ދޭނީ ރާއްޖެއަށް ލިބިފައިވާ ވެކްސިންގެ މުޅި އަދަދުން ދެ ޑޯޒް ދެވޭ ވަރަށެވެ.