ޚަބަރު / ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

ވީޑިއޯ އިން ފެންނަނީ ބޮޑު ގޮވުމެއް!

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރީގެ ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ބޮޑު ގޮވުމެއް ގޮވާފައިވާ ކަމަށް، ފުލުހުން މިއަދު އާންމުކުރި ވީޑިއޯއިން ފެނިއްޖެ އެވެ.

އޭތި ގޮއްވާލައިފައި ވަނީ ފުލުހުން ބުނެފައިވާ ގޮތުގައި ނަޝީދުގެ ކާރުކޮޅާ ވަރަށް ކައިރީގައި ހުރި ސައިކަލެއްގައި ހަރުކޮށްގެންނެވެ.

އާންމުކުރި ގާތްގަނޑަކަށް ތިރީހަކަށް ސިކުންތުގެ ވީޑިއޯ އިން ފެންނަނީ ނަޝީދު، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެ އިން 8:27 ހާއިރު ނުކުމެ ވަޑައިގަތުމާއި ގޮވުމާ ދޭތެރޭ ކަން ހިނގައިދިޔަ ގޮތެވެ. ނީލޯފަރުމަގުން މަޖީދީމަގާ ދިމާއަށް އެމަނިކުފާނު ހިންގަވާފައި ވަޑައިގަތީ ތިން ބޮޑީގާޑުންނާ އެކު އެވެ. އެއް ބޮޑީގާޑަކު ކުރީގައި ހުއްޓެވެ. އަނެއް ދެ ބޮޑީގާޑުން ތިބީ އެމަނިކުފާނުގެ ފަހަތުގަ އެވެ. އަދި ބައެއް އާންމުން ވެސް ސައިކަލްގަ އާއި ހިނގާފައި ވެސް އެތަނުން ދިޔަ ތަން ފެނެ އެވެ.

ބޮން ގޮއްވާލި ވީޑިއޯ

ހަނި ގޯޅިތެރެއިން، އަދި ދުއްވާ މީހުންނާއި ޕާކްކޮށްފައި ހުރި ސައިކަލްތަކުގެ ތެރެއިން ނަޝީދު ކުރިއަށް ވަޑައިގަތީ، ދެ ފަރާތް ބައްލަވަމުން ހިނިތުވުންވުމާ އެކު ކަން ވީޑިއޯ އިން ފެނެ އެވެ. ނަޝީދު ކާރާ އަރާ ހަމަވެ ވަޑައިގަތް އިރު، އޭރު އެތާނގައި ޕާކްކޮށްފައި ހުރި ސައިކަލަކަށް އާންމުންގެ މީހަކު އަރަން މަސައްކަތް ކުރާ ތަން ފެނެ އެވެ. އަދި އެހެން މީހަކު އެމަނިކުފާނުގެ ކުރިމަތިން ވެސް ދިޔަ ތަން ފެނެ އެވެ. އޭރު މަޖީދީމަގުން އެއްކޮޅުން އަނެއްކޮޅަށް އެއްޗެހި ދުއްވާތަނާއި މީހުން ހިނގާ އުޅޭ ތަން ވެސް ފެނެ އެވެ.

ނަޝީދުގެ ކުރީގައި ހުރި ބޮޑީ ގާޑު ކާރުގެ ދޮރުކޮޅު ހުޅުވާލަން ހަމަ އުޅުމާ އެކު ބޮން ގޮއްވާލި އެވެ. އޭރު ނަޝީދު ހުރީ ގޮއްވާލި އެއްޗާ، ބެލެވޭ ގޮތުގައި ތިން ހަތަރު ފޫޓެއްހާ ދުރުގަ އެވެ. ބޮޑު ގޮވުމާ އެކު ދުންގަނޑު ފެތުރި މުޅި ތަން އޮތީ ހުދުވެފަ އެވެ. މީހުން ދުވަމުން ދިޔަ ތަން ފެނެ އެވެ. ބޮން ގޮވުމާ އެކު އެމަނިކުފާނު ވެއްޓުނެވެ. އަދި ބޮޑީ ގާޑީ އެމަނިކުފާނު ނަގައިގެން ގެންގޮސް ކާރަށް ލިތަން ވެސް ފެނެ އެވެ. އޭރު އާންމުންގެ ތެރެއިން އެކަކު ދެ ކަންފަތުގައި އަތް އަޅައިގެން ދުވަމުން ދިޔަ ތަނާއި އެހެން ބައެއް މީހުން ވެސް ދުވަމުން ދިޔަ ތަން ވަރަށް ރީތިކޮށް ފެނެ އެވެ.

މި ވީޑިއޯ އަކީ ނީލޯފަރުމަގުގައި ހުރި ސީސީޓީވީއެއްގެ ފުޓޭޖެކެވެ.

މި ހަމަލާގައި ރައީސް ނަޝީދަށް ވަނީ ފުރާނަ އަށް ނުރައްކާވާ ވަރުގެ ސީރިއަސްތައް ޒަހަމްތައް ލިބިފަ އެވެ. އެމަނިކުފާނު އަދިވެސް އޮތީ އޭޑީކޭގެ އައިސީޔޫގަ އެވެ. މި ހަމަލާގައި އާންމުންގެ އެކަކާއި ތިން ބޮޑީ ގާޑުންގެ އިތުރުން އިނގިރޭސިވިލާތުގެ ރައްޔިތަކު ވެސް ޒަހަމްވި އެވެ.

ބޮން ގޮއްވި ކަމުގެ ތުހުމަތުގައި މިއަދު ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެހެން ނަމަވެސް، ފުލުހުން މިއަދު ބުނެފައި ވަނީ މިކަމުގައި ހިމެނޭ އެންމެ މުހިންމު މީހާ އަދި އަތުނުވާ ކަމަށެވެ.

14 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 29%
icon angry icon angry 33%
icon wow icon wow 29%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަމީ

09 May 2021

މިހާރު ގޮވުން ފެނޭތަ. އަލިފާން ނާރަންޔާ އެޔީ ގޮވުމެއްނޫން ކަމަށް ހަޅޭލެވި ގުރޫޕު އަތްޖަހާ ބާރަށް ދެން.

The name is already taken The name is available. Register?

ާއިންސާފު

09 May 2021

އޭޑީކޭ ގަ ކީއްވެ އޮންނަން ޖެހުނީ؟؟؟ކޮބާ ސަރުކާރުގެ މޮޅު ހޮސްޕިޓާ؟؟

The name is already taken The name is available. Register?

ކޯޑިނޭޓަރ

08 May 2021

ވަރަށް ވިސްނާފައި ބޮން އެލޮކޭޓްކޮށްފައި އެއިނީ . ކާރުުު ދޮރާއި ރައީސް ނަޝީދާ ދެމެދުގައި ބޮން އިން ސައިކަލް އެހެރީ.. ވަރަށް ރަނގަޅަށް ޑްރިލް ހަދާ ޕްލޭން ކޮށްފައި ވާކަން އެނގޭ.

The name is already taken The name is available. Register?

ޑްރާމާތޯ ބަލާލީ..

08 May 2021

ތިޔަ ބޮން ހަދާފައި އޮތީ ރައީސް ނަޝީދު ގެ ހަށިގަނޑުގެ އެތެރެއަށް ރޭޒާފުށް ވަދެގެންދާ ގޮތަށްތަ.؟ ވީޑިއޯއިން ފެންނަ ގޮތުގައި 3 ބޮޑީގާރޑުންނާއި، ރައީސް ނަޝީދުގެ އިތުރުން ދެ އާންމުންގެ މީހުންނާއި ސައިކަލެއްގައި އިންމީހަކު ފެނޭ، އޭގެ ތެރެއިން އަނިޔާވީ ހަތަރުމީހުންނަށް. ޙަތަރުމީހުންގެ ތެރެއިން ރޭޒާފުށްތައް ވަނީ ރައީސް ނަޝީދުގެ ހަށިގަނޑުގެ އެތެރެއަށް އެކަނި. އަނެއް ތިންމީހުންނަށް ލިބުނީ ކުދި އަނިޔާ ކަމަށްބަލާ ހޮސްޕިޓަލުން ދޫކޮށްލީ..

The name is already taken The name is available. Register?

ފެއިލްރައްޔިތުން

08 May 2021

އެވަގުތު ތިދާ ކުޑަކުއްޖަކު ހުރިނަމަވެސް އެމީހުން ބަލާނެތަ؟ ނުބަލާނެ. އެތާގަ ތިބި އާންމުންގެ ފުރާނަވެސް ސަލާމަތްވީ ހަމަ ނަސީބުން. އެކަމަކު މީ ހަމަ ދިވެހިން އަމިއްލަޔަށް އުފައްދާ ރައްކާކޮށްގެން ގެންގޫޅޭ ޓެރަރިސްޓުންތަކެއް. މިހާރު މިއޮތީ އައިސް އަމިއްލަ ގައިގަ ދަތްއަޅާފަ.

The name is already taken The name is available. Register?

ބަލީގާ

08 May 2021

ބޮޑެތި ކުއްވެރިން ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމްތަކުގަ، ރައްޔުތުންގެ މަޖިލީހުގެ މެންބަރުކަމުގަ، ވަޒީރުކަމުގަ! ޕާޓީ ކުއްޖެއްތަ ކިތަންމެ ބޮޑު ކުށެއްކުރާ މީހަކުވެސް ޔާމީން، މައުމޫނު، ވަހީދު، ނަޝީދު، އިބޫ ވެސް ހިމާޔަތްކޮށްފަ ހުރީ! ވަރަށް ވާހަކަ

The name is already taken The name is available. Register?

ރަދުން999

08 May 2021

ކޮވިޑްގެ ކަންތަކުގައި ބޮޑު އިންތިހާބެއްބާއްވައި ވަކިބައެއްގެ ބޭނުން ފުދުނީމާ މިހާރު ނަޝީދުގެ ބޮމުގެ ވާހަކަ އިން އެހެންވާހަކަތައް އޮއްބާލައިފި. ރައްޔިތުން ތިބީ ކަރަންޓީނުގައި ނުކައި ނުބޮއި. ބޮޑެތިމީހުން ތަންތަނަށްގޮސް ބެރު ޖަހަނީ. މީއީ ދެބޯގެރި ދުއްވުން.

The name is already taken The name is available. Register?

އެދުރުކަލޭގެފާނު

08 May 2021

ވީޑިއޯއިން ފެންނަނީ ބޮޑުގޮވުމެކެވެ. ތިޔަ ގޮވުމުން ހިތަށް ގެނުވަނީ އަމާންކަން ގެއްލިގޮސްފައިވާ މިންވަރެވެ. ނުރައްކާތެރި މި ރަނގަބީލުގެ އަޑަށް ދައުލަތް ހޭލައި، ފުލުހުންނާއި ސިފައިންގެ ބޭކަލުން ނިކުމެ މިފަސްގަނޑު އަމާން ކުރަންވެއްޖެ ނޫންތޯއެވެ. ކޮންމެ ކަމެއްގައި ޑްރާމާ ކުޅުމުގެ އުސޫލު ހުއްޓާން އަދިވެސް ނުވަނީ ތޯއެވެ؟ މާލޭ މަގުތަކަކީ ސޯމާލިޔާ ނުވަތަ އަފްޣާނިސްތާނު މަގުތަކަށް ހެދީމައި ޖުއްބާ ތުރު ކުރައްވައިގެން މިސްކިތް ފިނިކޮށްގެން ނޫޅުއްވޭނެއެވެ.

The name is already taken The name is available. Register?

އެދުރުކަލޭގެފާނު

08 May 2021

ކަމުގެ ސީރިއަސްކަން އިހްސާސްވަނީ ވަރަށް މަދުބަޔަކަށެވެ. ތިމާ ނުރުހޭ ސިޔާސީ ފިކުރެއް ވީމައި، ނުވަތަ ތިމާއާއި އެމީހަކާއި ދެމެދު ނުތަނަވަސް ކަމެއް އޮތީތީ، ވަކި މީހަކަށް ވީމައި މިކަމުގެ ސީރިއަސްކަން ސިފަ ނުވެގެން އުޅެނީ ކަމަށްވެސް ވެދާނެއެވެ. ސިފައިންގެ ސެކިއުރިޓީ ވަށާލަފައި، ފުލުހުންގެ އެތެއް ކެމެރާއެއް ކުރިމަތީ މިކަހަލަ ކަމެއް ފަސްނުޖެހި ކުރަން ކެރުމަކީ ސަހަލު ކަމެއް ނޫނެވެ. މީގެއިން ވަންނަނީ ހިތަށް ބިރުވެރިކަމެވެ. އަމާންކަން ނެތި ދިޔަ މިންވަރެވެ.

The name is already taken The name is available. Register?

ދެރަވަރު

08 May 2021

އާންމުންގެ އެތައް ބަޔަކު ހިނގާފަ ދާ މަންޒަރު ފެންނަނީ. ހިމަ ގޯޅިއެއް. މިފަދަ ހަމަލާ ތަކަކީ އެންމެނަށް ދެވޭ ހަމަލާއެއް. ކާކަށް ކިހިނެތް އެނގޭނީ މިފަދަ ހަމަލާތަކުގައި އެންމެ ބޮޑު އަނިޔާއެއް ލިބޭނީ ކާކަށް ކަމެެއް ވެސް. ހެޔޮ ނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454