އެމެރިކާގެ މެރިއެޓް އިންޓަނޭޝަނަލްގެ ދަށުން ހިންގާ ލެ މެރީޑިއަންގެ ރާއްޖޭގެ ފުރަތަމަ ރިސޯޓު އަންނަ އޮގަސްޓް މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ޅ. ތިލަމާފުށީގައި ތަރައްގީ ކޮށްފައިވާ މި ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސީޕްލޭނުގައި 35 މިނެޓުގެ ތެރޭގައި ދެވޭނެ އެވެ. މި ރަށަކީ ނުވަ ހެކްޓަރުގެ ރަށެކެވެ.
ލެ މެރީޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގައި 154 ވިލާ ހުރެ އެވެ. މީގެ ތެރޭގައި އެއް ކޮޓަރީގެ އާއި ދެ ކޮޓަރީގެ ވޯޓާ ވިލާތަކާއި ބީޗް ވިލާތައް ހިމެނެ އެވެ.
މީގެ އިތުރުން އާއިލާތަކާ އެކު ޗުއްޓީ ހޭދަކުރަން ދާ މީހުންނަށް ހާއްސަކޮށްގެން "ތިލަމާފުށި ވިލާ"ގެ ނަމުގައި ވިލާއެއް ވަނީ ހަދައިފަ އެވެ. ގޮނޑުދޮށުގައި ހުންނަ މި ވިލާގައި ތިން ކޮޓަރި ހުރެ އެވެ.
މި ރިސޯޓުގެ ހުރިހާ ވިލާއެއް ވެސް ހަދާފައިވަނީ ދިވެހިންގެ ސަގާފަތް ދައްކުވައިދޭ ގޮތަށެވެ.
ލެ މެރީޑިއަން ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މި ރިސޯޓުގައި ހަ ރެސްޓޯރެންޓް ހުންނާނެ އެވެ. ކޮންމެ ރެސްޓޯރެންޓަކުން ވެސް ތަފާތު ގައުމުތަކުގެ ކާނާ ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މި ރިސޯޓާ އެކު ޅ. އަތޮޅުގައި ހުޅުވާފައިވާ ރިސޯޓުތަކުގެ އަދަދު ނުވައަކަށް އަރާނެ އެވެ. އެ ރިސޯޓުގައި ހުޅުވާފައި އެހެން ރިސޯޓުތަކުގެ ތެރޭގައި ފުށިފަރު މޯލްޑިވްސް އާއި ކުރެއްދޫ އައިލެންޑާއި އެޓްމޮސްފިއާ ކާނިފުށި އާއި ކޮމަންޑޫ އައިލެންޑާއި އިންނަހުރާ އާއި ކޮކޫން އަދި ހުރަވަޅި އާއި ކުޑަދޫ އައިލެންޑް ހިމެނެ އެވެ.
ލެ މެރީޑިއަންގެ ޕޭރެންޓް ކުންފުނި، މެރިއެޓް އިންވެސް އަންނަނީ ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގަމުންނެވެ.