ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ޓޫރިސްޓް ފެސިލިޓީތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ހުރިތޯ ބަލަން އިންސްޕެކްޝަންތައް ކުރިއަށްގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިރޭ ބުނެފި އެވެ.
އެ މިނިިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި އިންސްޕެކްޝަންތައް މާދަމާ ފަށާނެ ކަމަށެވެ. އަދި މިއީ ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުން މުވައްޒަފުންނާއި ޓޫރިސްޓުންގެ ރައްކާތެރިކަމަށް އަޅަން އަންގާފައިވާ ފިޔަވަޅުތަކަށް އަމަލު ކުރާކަން ޔަގީން ކުރުމަށް ކުރިއަށްގެންދާ އިންސްޕެކްޝަންތަކެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ތަންތަން ބަލަމުން ދާނީ ރެންޑަމްކޮށް ކަމަށެވެ.
މި އިންސްޕެކްޝަންތައް މާލެ ސަރަހައްދުގައި ކުރިއަށްގެންދާނީ ޓޫރިޒަމް މިނިސްޓްރީންނެވެ. ރަށްރަށުގައި އިންސްޕެކްޝަން ކުރިއަށްގެންދާނީ އެ ރަށެއްގެ ކައުންސިލްތަކާއި ޓާސްކްފޯސްތައް ގުޅިގެންނެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރުން އަނެއްކާވެސް އިތުރުވުމާއެކު އެޗްޕީއޭއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން، މިވަގުތު މި ބަލި އެންމެ ބޮޑަށް ފެތުރެމުން އަންނަނީ ދެކުނު އޭޝިއާގައި ކަމަށްވުމުން އެ ސަރަހައްދުން އަންނަ ޓޫރިސްޓުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުން ވަނީ މަނާކޮށްފަ އެވެ.