މައްޗަންގޮޅީގެ ބައެއް ގެތަކުން އިރުއޮއްސެން އުޅެނިކޮށް ކަރަންޓް ދިޔަ ގޮތަށް އަދިވެސް ކަރަންޓް ނުލިބޭ ކަމަށް ބައެއް ގެތަކުން ބުނެފި އެވެ.

މިކަމާ ބެހޭ ގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނީ ކަރަންޓު ކެނޑިފައި ވަނީ ސީއެޗްއެސްސީ ކައިރީ ހުރި ކޭބަލްއަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި އެކަން ހައްލު ކުރުމަށް ފަހު ވަރަށް އަވަހަށް ކަރަންޓު ދޭނެ ކަމަށެވެ.

"އެންމެ ގިނަ ވެގެން 10 މިނެޓު ތެރޭގައި ކަރަންޓު ދިނުމުގެ މަސައްކަތް އެބަ ކުރަން،" ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސީއެޗްއެސްސީ ކައިރީ ކޭބަލްއިން ދުން އަރާތީ ސްޓެލްކޯގެ އޮފިޝަލުން އެތަނަށް ގޮސް އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު އެބަ ކުރެ އެވެ.

އާންމުކޮށް އެފަދަ މައްސަލަތައް ދިމާވަނީ މަގުތަކުގެ ގާ ނަގައިގެން މަސައްކަތް ކުރާއިރު ކޭބަލަށް ގެއްލުން ލިބިގެނެވެ. ކުއްލިއަކަށް ކަރަންޓު ކެނޑިފައި ވަނީ މާލެއަށް މިއަދު ބޯކޮށް ވާރޭ ވެހި އެ ކޭބަލަށް ފެން އެޅިގެން ކަމަށް ބެލެވެ އެވެ.