ކަންޕޫރު، އުއްތަރަ ޕްރަދޭޝް (ނޮވެމްބަރު 20) - އިންޑިއާގެ އުތުރުގެ އުއްތަރަ ޕްރަދޭޝްގައި ރޭ ފަތިހު ހިނގި ރޭލް އެކްސިޑެންޓެއްގައި މިހާތަނަށް 63 މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އިންޑޯ-ޕަތުނާ އެކްސްޕްރެސް ރޭލް، ދަގަނޑުން ނެއްޓި ފަތިހު 3 ޖެހިއިރު އެކްސިޑެންޓްވީ އިރު ގިނަ ފަސިންޖަރުން ތިބީ ނިދައިފަ އެވެ.
ފުލުހުންގެ ޑިރެކްޓާ ޖެނެރަލް ދަލްޖީތު ސިންގު ޗައުދަރީ ނޫސްވެރިންނަށް ވިދާޅުވީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ފުލުހުންގެ އިތުރުން ޑިޒާސްޓާ ރެސްޕޮންސް ޓީމާއި ޑޮކްޓަރުން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. ހޮސްޕިޓަލްތައް ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ އިރު ޒަޚަމްވި މީހުން އުފުލުމުގައި ދަނީ 30 އެމްބިއުލެންސް ހަރަކާތްތެރި ވަމުންނެވެ.
އިންޑިއާގެ ރޭލްވޭ މިނިސްޓަރު ސުޒޭޝް ޕްރަބޫ ވިދާޅުވީ ރޭލް އެކްސިޑެންޓް ހިނގަން މެދުވެރި ސަބަބު ހޯދަން ފުޅާ ތަހުގީގެއް ހިންގާނެ ކަމަށެވެ. އަދި އެ ކަމުގައި ކުށްވެރިވާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ރޭލްވޭ ނެޓްވޯކް އޮންނަ އިންޑިއާގައި ރޭލް އެކްސިޑެންޓްތައް ހިނގުމަކީ އާއްމު ކަމެކެވެ. ރޭލް ނެޓްވޯކް ތަރައްގީ ކުރުމަށް ސަރުކާރުގެ މާލީ އެހީތެރިކަން ކުޑަ ނަމަވެސް ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ ރޭލްވޭ ތަރައްގީ ކުރަން ފަސް އަހަރު ތެރޭ 137 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ބުނެފަ އެވެ.
އިންޑިއާގެ ރޭވްލޭ ނިޒާމު ދުވާލަކު 23 މިލިއަން މީހުން ބޭނުން ކުރެ އެވެ.