ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ބޮޑު ޒަޚަމެއް ލިބުނު އާދަމް އުމަރު ހާލުގައި ޖެހިއްޖެ އެވެ.

މަޖީދީމަގުން، ގ. ކެނެރީގެ ހުންނަ ނީލޯފަރު ގޯޅި ކަންމަތީގައި މިދިޔަ މަހުގެ 6 ވަނަ ދުވަހުގެ ރޭ ގޮއްވާލި ބޮމުގައި ނަޝީދަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިދިޔަ މަހު އެ މަނިކުފާނު ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ވެސް ބުނީ ނަޝީދަށް ހަމަލާދޭން ބޭނުންކުރި އައިއީޑީގައި ހުރި ރޭޒާ ފުއްތަކަކާއި މީހުންނަށް ގެއްލުންދޭ ޒާތުގެ އެހެން މައުދަންތަކެއް އެ މަނިކުފާނުގެ ހަށިގަނޑުގެ އެތެރެއަށް ވަދެފައިވާތީ އެ ތަކެތި ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށެވެ.

ހަމަލާގައި އާދަމްގެ ފަޔަށް ލިބުނު ގެއްލުން ފެންނަ އެކްސްރޭއެއް.
ހަމަލާގައި އާދަމްގެ ފަޔަށް ލިބުނު ގެއްލުން ފެންނަ އެކްސްރޭއެއް.

އެ ހަމަލާގައި ޒަހަމްވި އާދަމް، 41، "މިހާރު" އަށް މިއަދު ބުނީ ބައެއްގެ ރޭވުމަކުން ދިން ހަމަލާގައި އޭނާ އަށް ލިބުނު ގެއްލުމަށް ސަރުކާރުގެ އެހީ ލިބެންޖެހޭނެ ކަމަށެވެ. އަލިފާނުގެ ހާދިސާތަކުގައި ވެސް އަޅާލުން ލިބޭ ކަމަށާއި އެކަމަކު އޭނާއަށް އަދި އެފަދަ އެއްވެސް އެހީއެއް ނުލިބޭ ކަމަށް އާދަމް ބުންޏެވެ.

އެ ހަމަލާ ދިނީ، މީގެ އަހަރެއް ވަރު ކުރިން އާދަމް ބަދަލުވި ގ. ގުލްއަލާއާގޭގައި ހުރި މަންމަ ބަލާ ގޮސް އުޅެނިކޮށެވެ. އެ ދުވަސްކޮޅު އޭނާ އުޅުނީ ވެސް 11 އަހަރު މާލޭގައި އުޅުމަށް ފަހު ރަށަށް ބަދަލުވާތީ، އެ ގޭގައި ހުރި ތަކެތި އުފަން ރަށް، ހދ. ވައިކަރަދުއަށް ފޮނުވައި، ގެ ހުސްކުރުމުގެ ކަންކަމުގަ އެވެ.

ގުލްއަލާއާގޭ ހުންނަނީ އެމެޓީ ފިހާރައާ ޖެހިގެން ނީލޯފަރު ހިނގުމުގަ އެވެ.

ހަމަލާގައި ޒަހަމްވި އާދަމް "މިހާރު" އަށް މިއަދު އިންޓަވިއު ދެނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ހަމަލާގައި ޒަހަމްވި އާދަމް "މިހާރު" އަށް މިއަދު އިންޓަވިއު ދެނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބޮން ހަރުކޮށްފައި ހުރި ސައިކަލާ ވަރަށް ކައިރީގައި އާދަމް މަޑުކުރީ ވެސް އެ މަގުން ނަޝީދު ވަޑައިގަންނަވަންދެންނެވެ. އެހެން ހުއްޓައި އައިއީޑީ ގޮއްވާލުމުން އޭނާގެ ކަނާތު ފައިގެ ކުޑަވައި އިނގިލީގެ ކަށިގަނޑު ވަނީ ބިންދައިގެން ގޮސްފަ އެވެ. އެ ތަނުން ކުޑަކުޑަ ދަގަނޑުކޮޅެއް ނަގާފައިވެ އެވެ.

އާދަމް އެންމެ ފުރަތަމަ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. ހަމަ އެ ރޭ އައިޖީއެމްއެޗަށް ބަދަލުކޮށް ޖެހިގެން އައި ދުވަހު އޮޕަރޭޝަން ކުރި ނަމަވެސް މަހެއްވެގެން ދިޔައިރު އޭނާއަށް ރަނގަޅަށް ނުހިނގެ އެވެ. އެހެންވެ، 11 އަހަރުވަންދެން މަސައްކަތްކުރި ކުންފުނީގެ ޑްރައިވަރުގެ ވަޒީފާ އިން ވެސް ވަނީ ވަކިވެފަ އެވެ.

ބޮން ގޮއްވާލި ވަގުތު އެ ސަރަހައްދު ކައިރީގައި ހުރި އާދަމްގެ ފައިވާން ހަލާކުވެފައި.
ބޮން ގޮއްވާލި ވަގުތު އެ ސަރަހައްދު ކައިރީގައި ހުރި އާދަމްގެ ފައިވާން ހަލާކުވެފައި.

"އަބަދު އިށީންދެގެން އިންނާތީ މައިބަދައިގެ މައްސަލަތަކާ ހެދި ގާތްގަނޑަކަށް ހަތަރު މަސް ކޮށްލާފައި ރަށަށް ބަދަލުވާން ވެގެން ހުރީ ވެސް. ހުއްޓަ މިކަން މި ހިނގީ. ވަޒީފާއިން ވެސް ވަކިވީ،" އާދަމް ބުންޏެވެ.

އޭނާ ބުނީ މާލީ އެހީ ހޯދަން މީގެ ހަފުތާއެއް ކުރިން ޖެންޑާ މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. އެ ސިޓީ އަށް އަދި ޖަވާބެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑަށް ސަރުކާރުގެ އެހީ ލިބެންޖެހޭނެ ކަމަށް ގަބޫލުކުރަނީ،" އާދަމް ބުންޏެވެ.

އައިޖީއެމްއެޗުގައި ގާތްގަނޑަކަށް ފަސް ދުވަހު ބޭއްވުމަށް ފަހު ދޫކޮށްލުމުން އޭނާ މި މިހާރު އުޅެނީ ދެބެއިންގެ ދެދަރި ބޭބެއެއްގެ ގޭގަ އެވެ. ފަޔަށް ކުރާނެ އިތުރު ފަރުވާއެއް ނެތުމުން އޭނާ ހުރީ ވީހާ ވެސް އަވަހަކަށް ރަށަށް ދާން ވެސް ތައްޔާރުވެގެންނެވެ.

ހަމަލާގައި ޒަހަމްވި އާދަމްގެ ކަނާތު ފަޔަށް ލިބިފައި ހުރި ގެއްލުންތައް ދައްކާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ހަމަލާގައި ޒަހަމްވި އާދަމްގެ ކަނާތު ފަޔަށް ލިބިފައި ހުރި ގެއްލުންތައް ދައްކާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އޭރު ލިބުނު މުސާރައިން މި އުޅެނީ. އެހީއަށް ވެސް ލައިގެން މި އުޅެނީ. އަދި އެއްވެސް އެހީއެއް ނުލިބޭ،" އާދަމް ބުންޏެވެ.

އޭނާ ބުނީ މި ވޭތުވެދިޔަ މަހެއްހާ ދުވަހު ތެރޭ މަޖިލީހުގެ ނައިބު ރައީސް އަދި ނަޝީދުގެ ދެބެއިންގެ ދެދަރި ކޮއްކޮ، އީވާ އަބްދުﷲ، އޭނާ އަށް ގުޅުއްވި ކަމަށެވެ. ހާލު އައްސަވައި އެހީ ހޯދަން މަސައްކަތް ކޮށްދެއްވާނެ ކަމަށް އެ ދުވަހު ވިދާޅުވި ކަމަށް އާދަމް ބުންޏެވެެ.

"ދެން އެއްވެސް މީހަކު އަޅައެއް ނުލާ،" އާދަމް ބުންޏެވެ.

"އަޅުގަނޑަށް ސަރުކާރުގެ އެހީ ލިބެންޖެހޭނެ ކަމަށް ގަބޫލުކުރަން. އެއީ އަޅުގަނޑުގެ ކުށަކުން ނޫން މިކަން ވީ. އަޅުގަނޑަށް އެއްގޮތަކަށް ވެސް ނޭނގެ މިކަން ހިނގާކަމެއް. އަޅުގަނޑު އެއްޗެހި ދޯންޏަށް އަރުވައި ގެ ބަދަލުވުމުގައި އުޅުނީ.. މި ކަހަލަ ބޮޑު ކަމެއްގައި އެހީ ލިބެންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ."