ތެހެރާން (ޖޫން 19) - އިރާނުގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރަން ނުފަށަނީވެސް އިދިކޮޅު ކެންޑިޑޭޓުން ބަލި ގަބޫލް ކުރުމުން ކޮންޒަވެޓިވް ކެންޑިޑޭޓް އިބްރާހިމް ރައިސީ ކާމިޔާބުކޮށްފި ކަމަށް ނިންމައިފި އެވެ.

އިރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ އޭނާގެ ބަދަލުގައި ރައީސްކަމަށް ވަޑައިގަންނަވާނެ ބޭފުޅެއް އިއްޔެ ބޭއްވި އިންތިޚާބުން ކަނޑައަޅައިފި ކަމަށެވެ. ނަމަވެސް ރައިސީގެ ނަމެއް ރޫހާނީ ވިދާޅެއް ނުވެ އެވެ.

ކޮންޒަވެޓިވް އަނެއް ދެ ކެންޑިޑޭޓުން ކަމަށްވާ އާމިރު ހުސައިން ގާޒިދާ އަދި މުހްސިން ރިޒާއީ ވެސް ވަނީ ރައިސީ އަށް މަރުހަބާ ވިދާޅުވެފަ އެވެ.

އިންތިޚާބުގައި ވާދަކުރި ހަމައެކަނި ރިފޯމިސްޓް ކަމަށްވާ ސެންޓްރަލް ބޭންކުގެ ކުރީގެ ގަވަރުނަރު އަބްދުލްނާސިރު ހިއްމަތީ ވެސް ވަނީ ރައިސީ އަށް މަރުހަބާ ވިދާޅުވެފަ އެވެ.

މިހާތަނަށް ގުނި ވޯޓުގެ 62 ޕަސެންޓް ރައިސީ ވަނީ ކާމިޔާބު ކުރައްވާފައިވާ ކަމަށް އިލެކްޝަން އޮފީހުގެ ޗެއާމަން ޖަމާލް އުރްފް ވިދާޅުވި އެވެ.

އުމުރުން 60 އަހަރުގެ ރައިސީ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ އޮގަސްޓް މަހު އެވެ. އިރާނުގެ ޖުޑިޝަރީގެ ވެރިޔާގެ މަގާމުގައި ހުންނެވި ރައިސީ އަކީ އުމުރުން 81 އަހަރުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

އިންތިޚާބުގައި ވާދަކުރަން 600 އަށް ވުރެ ގިނަ ކެންޑިޑޭޓުން ހުށަހެޅި އެވެ. އޭގެ ތެރޭގައި 40 އަންހެނުން ވެސް ހިމެނެ އެވެ. ނަމަވެސް ގާޑިއަން ކައުންސިލުން ފުރުސަތު ދީފައި ވަނީ އެންމެ ހަތް ކެންޑިޑޭޓުންނަށެވެ. ޑިސްކޮލިފައި ކުރި ކެންޑިޑޭޓުންގެ ތެރޭގައި ޕާލަމެންޓުގެ ރައީސް އަލީ ލަރިޖާނީ އަދި ކުރީގެ ރައީސް މަހްމޫދު އަހުމަދީނިޖާދީ ހިމެނެ އެވެ. އިންތިޚާބަށް ދެ ދުވަހަށްވެފައި ވަނިކޮށް ވެސް ތިން ކެންޑިޑޭޓަކު ވަނީ ވަކިވެފަ އެވެ.