ތެހެރާން (ޖޫން 18) - އީރާނުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށްދާ އިރު ޔަގީންވާ އެއްކަމަކީ އަލްޓްރާކޮންޒަވެޓިވް ކެންޑިޑޭޓް އިބްރާހިމް ރައިސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމެވެ.
ސަބަބަކީ އިންތިޚާބުގައި ވާދަކުރަން ހުށަހެޅި އުއްމީދީ ހުރިހާ ކެންޑިޑޭޓުން ޑިސްކޮލިފައިކޮށްފައިވުމެވެ. އެހެންވެ އިންތިޚާބުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވެސް އާދަޔާޚިލާފަށް މި ފަހަރު މަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ހެނދުނު ހެނދުނާ ވޯޓުލެއްވުމަށް ފަހު ވަނީ، ވޯޓުލުމުގެ ހައްގު ލިބިގެންވާ 60 މިލިއަން މީހުން ނުކުމެ ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
"އަވަހަށް މި ވާޖިބު އަދާކުރި ވަރަކަށް އެންމެ ރަނގަޅުވާނީ. ވޯޓުލުމަކީ ގައުމުގެ ކުރިމަގު ކަނޑައެޅުން،" އުމުރުން 81 އަހަރުގެ ޚާމަނާއީ ވިދާޅުވި އެވެ.
އެކަމަކު އިންތިޚާބާ މެދު ރައްޔިތުން މާޔޫސްވެފައި ވަނީ އެންމެ އުއްމީދީ ކެންޑިޑޭޓުންނަށް ފުރުސަތު ނުދީ އެ މީހުން ބޭރުކޮށްލުމުންނެވެ.
"އަހަންނަކީ ސިޔާސީ މީހެއް ނޫން. ސިޔާސީ ކަންކަމާ ބެހޭ ގޮތުން އަހަންނަށް އެކައްޗެއް ވެސް ނޭނގޭ. އަހަރެންގެ އަތުގައި ފައިސާއެއް ނެތް. ހުރިހާ އާއިލާތަކެއް ވެސް އުޅެން ޖެހެނީ ވަރަށް ދަތި ހާލުގައި،" ކާރު މެކޭނިކެއް ކަމަށްވާ ނަސްރުﷲ ބުންޏެވެ. "އަހަރެމެންނަށް މި ހާލު ޖެއްސި މީހުންނަށް ވޯޓު ދޭނީ ކިހިނެއް؟"
އީރާނުގެ އިދިކޮޅު ފަރާތްތަކާއި ގައުމުން ބޭރުގައި އުޅޭ ފަރާތްތަކުން ވަނީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ގޮވާލައިފަ އެވެ. އެ މީހުން ބުނާ ގޮތުގައި ކިތަންމެ ބަޔަކު ވޯޓުލާން ނުކުތް ނަމަވެސް، ޖުޑިޝަރީގެ ވެރިޔާ، އުމުރުން 60 އަހަރުގެ ރައިސީ މި ފަހަރު އިންތިޚާބު ކާމިޔާބު ކުރައްވާނެ އެވެ. އިންތިޚާބު ކާމިޔާބު ކުރާ ފަރާތެއް، ރައީސް ހަސަން ރޫހާނީގެ ބަދަލުގައި ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ އޮގަސްޓް މަހު އެވެ.
އީރާނުގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިލާން 600 އަށް ވުރެ ގިނަ ކެންޑިޑޭޓުން ހުށަހެޅި ނަމަވެސް ގާޑިއަން ކައުންސިލުން ފުރުސަތު ދީފައި ވަނީ އެންމެ ހަތް ކެންޑިޑޭޓުންނަށެވެ. ޑިސްކޮލިފައި ކުރި ކެންޑިޑޭޓުންގެ ތެރޭގައި ޕާލަމެންޓުގެ ރައީސް އަލީ ލަރިޖާނީ އަދި ކުރީގެ ރައީސް މަހްމޫދު އަހުމަދީނިޖާދީ ހިމެނެ އެވެ. އިންތިޚާބަށް ދެ ދުވަހަށްވެފައި ވަނިކޮށް ވެސް ތިން ކެންޑިޑޭޓަކު ވަނީ ވަކިވެފަ އެވެ. ރިފޯމިސްޓް ކެންޑިޑޭޓެއްގެ ގޮތުގައި ހަމައެކަނި ހުރީ އާއްމުން އެހާ ދަންނަ ބޭފުޅެއް ނޫން ކަމަށްވާ އަބްދުލް ނާސިރު ހިއްމަތީ އެވެ.
އީރާނުގެ އިންތިޚާބުގެ ނަތީޖާ ލިބޭނެ ކަމަށް ބެލެވެނީ މާދަމާ އެވެ. ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ނުލިބިއްޖެ ނަމަ ދެ ވަނަ ބުރު ހަފުތާއެއް ފަހުން ބާއްވާނެ އެވެ.