އަންނަ މަހު އީރާނުގައި ބާއްވާ، އެ ގައުމުގެ ރިއާސީ އިންތިހާބުގައި ވާދަކުރެއްވުމަށް، ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހަތް ބޭފުޅަކަށް، އީރާނުގެ މަޝްވަރާ މަޖިލީހުގެ ރުހުން ދީފި އެވެ.

މި ހަތް ބޭފުޅުންގެ ތެރޭގައި ހިމެނެނީ، އެ ގައުމުގެ މިހާރުގެ އުއްތަމަ ފަނޑިޔާރު ސައްޔިދު އިބްރާހީމް ރައީސުއް ސާދާތީ (އިބްރާހީމް ރައީސީ) އާއި އާއި އިންގިލާބީ ގާޑުންގެ ޖެނެރަލެއް ކަމަށްވާ މުހްސިން ރިޒާއީ އާއި ނިއުކްލިއާ ވާހަކަތަކާ ބެހޭ ކުރީގެ މެދުވެރިޔާ ސައީދު ޖަލީލީ އާއި ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް އާމިރު ހުސައިން ޣާޒީޒާދާ އާއި ކުރީގެ ނައިބު ރައީސް މުހްސިން މެހްރަލީޒާދާ އާއި މަރުކަޒީ ބޭންކުގެ ގަވަރުނަރު އަބްދުއްނާސިރު ހިއްމަތީ އާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ އަލީ ރިޒާ ޒަކާނީ އެވެ.

ރިއާސީ އިންތިބަށް ކުރިމަތިލެއްވި 585 މީހުންގެ ތެރެއިން، އީރާނުގެ މަޝްވަރާ މަޖިލީހުން ރުހުން ނުދިން ބޭފުޅުންގެ ތެރޭގައި، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް އަލީ ލަރިޖާނީ ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި އިސްލާހީ ފިކުރަށް ތާއީދުކުރައްވާ، މިހާރުގެ ނައިބު ރައީސް އިސްހާގް ޖަހާންގީރީ އާއި ކުރިން ދެ ދައުރު ވެރިކަން ކުރެއްވި އަހްމަދީ ނިޖާދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން، އިސްލާހަށް މަސައްކަތްކުރައްވާ މެދުމިނު ވިސްނުން ގެންގުޅުއްވާ ބޭފުޅުން، އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެން، މިހާރުގެ ރައީސް ހަސަން ރޫހާނީ ވަނީ، އެގައުމުގެ ރޫޙާނީ ލީޑަރު ޚާމަނާއީ އަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

އީރާނުގެ އިންތިހާބީ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން، ރިއާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރަޖިސްޓްރީ ކުރާ މީހުންގެ ތެރެއިން، ކެންޑިޑޭޓުންނަށް ވެވޭނީ، އެ ގައުމުގެ މަޝްވަރާ މަޖިލީހުން ރުހުން ދޭ މީހުންނަށެވެ.

ދީނީ އިލްމުވެރިންނާއި ފިގުހުވެރިންގެ ތެރެއިން އެކަށައަޅާފައި އޮންނަ، 12 މެމްބަރުންގެ މައްޗަށް އެކުލެވޭ މަޝްވަރާ މަޖިލީހުން، ހުރިހާ މީހުންގެ ނަންތައް މުރާޖައާ ކުރުމަށް ފަހު، ކެންޑިޑޭޓުންނަށް ވުމުގެ ފުރުސަތު ދެނީ ވަރަށް މަދު ބަޔަކަށެވެ.

މަޝްވަރާ މަޖިލީހުން އިއްޔެ ބުނި ގޮތުގައި މިފަހަރުގެ ރިއާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގައި، އެންމެ ފުރަތަމަ ޝަރުތަކަށް ހެދީ، އުމުރުން 40 އަހަރާއި 70 އަހަރާ ދެމެދުގެ މީހުންކަމުގައި ވުމާއެކު، ކުށުގެ އެއްވެސް ރެކޯޑެއް ނެތް މީހުންކަމުގައި ވުމަށެވެ.

މި ޝަރުތުގެ ސަބަބުން، އިސްލާހީ ހަރަކާތުގެ މަޝްހޫރު ބޭފުޅެއް ކަމަށްވާ މުސްތަފާ ތާޖްޒާދާ، ކެންޑިޑޭޓުންގެ ލިސްޓުން އުނިވީ އެވެ. އެއީ 2009 ވަނަ އަހަރު، ސަރުކާރާ ދެކޮޅަށް ހިންގި، ގްރީން މޫވްމަންޓްގެ އެއްވުންތައް އިންތިޒާމުކުރުމުގެ ކުށުގައި ހަތް އަހަރަށް ޖަލަށް ލާފައިވާތީ އެވެ. އަދި މިހާރުގެ އިންފޮމޭޝަން މިނިސްޓަރު، މުހައްމަދު ޖަވާބު އަޒަރީ އަށް، 40 އަހަރު ފުރެނީ މިއަހަރުގެ ފަހުކޮޅު ކަމަށްވާތީ، އޭނާގެ ނަން ވެސް ކެންޑިޑޭޓުންގެ ލިސްޓުގައި ނުހިމެނެ އެވެ.

އިންތިހާބުގައި ވާދަކުރުމަށް ރަޖިސްޓްރީވާ މީހުންގެ ތެރެއިން، މަޝްވަރާ މަޖިލީހުން ރުހުން ނުލިބޭ މީހުންނަށް ވެސް، މަޝްވަރާ މަޖިލީހުގެ ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުސަތެއް ނުލިބޭނެ އެވެ. ރުހުން ލިބުނު ކެންޑިޑޭޓުންނަށް މިހާރުން ފެށިގެން، ޖޫން މަހުގެ 16އާ ހަމައަށް ކެމްޕޭން ކުރެވޭނެ އެވެ. ރިއާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ ޖޫން 18 ވަނަ ދުވަހު އެވެ.

ކެމްޕޭން ކުރުމުގެ މުއްދަތުގެ ތެރޭގައި، ކެންޑިޑޭޓުންގެ މެދުގައި، ޓީވީތަކުގެ ޒަރީއާއިން ބާއްވާ ރިއާސީ ތިން ބަހުސް އޮންނާނެ އެވެ.

އީރާނުގެ ދާހިލީ ވުޒާރާއިން ބުނި ގޮތުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް، ވޯޓުލުމުގެ ތެރޭގައި ވެސް ތަންފީޒުކުރަންޖެހޭތީ، އާންމު ހާލަތުގައި ވޯޓުލުމަށް ދޭ ވަގުތަށް ވުރެ އިތުރު ވަގުތު ދިނުމަށް ސަރުކާރުން މިހާރުވަނީ ނިންމައިފަ އެވެ. އެ ގޮތުން ވޯޓުލުމުގެ ފުރުސަތު، ޖޫން 18 ވަނަ ދުވަހުގެ ދަންވަރު 2:00 އާ ހަމައަށް ވޯޓުލުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.