ތެހެރާން (މެއި 13) - އީރާނުގައި އަންނަ ހަފުތާގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން ބޭއްވި އެންމެ ފަހު ޓީވީ ބަހުސްގައި ކެންޑިޑޭޓުން ހޫނު ޒުވާބެއް ކޮށްފި އެވެ.
ރައީސް ހަސަން ރޫހާނީ ތުހުމަތު ކުރެއްވި ގޮތުގައި އޭނާއާ އިދިކޮޅަށް ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ދަނީ ދީން ހަތިޔާރަކަށް ބޭނުން ކުރަމުން ކަމަށެވެ. އަދި އަނެއް ބައި ކެންޑިޑޭޓުން ވަނީ ކިޔަވާ ކުދިންނަށް އަނިޔާ ކޮށްފައި ކަމަށެވެ. ރައްދުގައި އެހެން ކެންޑިޑޭޓަކު ވަނީ ރޫހާނީ އަކީ ކޮރަޕްޝަން ހިންގަވާ ބޭފުޅެއް ކަމަށާއި އޭނާގެ ވެރިކަން ބޮއްސުން ލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރޫހާނީގެ ވެރިކަމުގައި ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުންވީ ފައިދާއެއް ނެތް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އަންނަ ހުކުރު ދުވަހު އޮންނަ އިންތިޚާބުގައި ރޫހާނީ ވާދަކުރައްވަނީ ދެ ވަނަ ދައުރު ކާމިޔާބު ކުރެއްވުމަށެވެ. ރޫހާނީ އަށް ބަހުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ދީނި އިލްމުވެރިޔާ އިބްރާހިމް ރައިސީ އާއި ތެހެރާނުގެ ކުރީގެ މޭޔަރު މުހައްމަދު ބާގިރު ގާލިބާފެވެ. އޭނާ އަކީ ރިޕަބްލިކަން ގާޑުގެ ކުރީގެ ކޮމާންޑަރު އަދި ފުލުހުންގެ ކުރީގެ ވެރިޔާ ވެސް މެ އެވެ. އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ތާއީދު އޮންނަނީ ރައިސީ އަށެވެ.
ރޫހާނީ ވިދާޅުވީ ރައިސީ ބޭނުން ވަރަކަށް ފާޑުވިދާޅުވެ އޭނާގެ އަގު ވައްޓާލެވިދާނެ ކަމަށެވެ.
"މަނިކުފާނަކީ ފަނޑިޔާރަކަށް ވާތީ އަޅުގަނޑު ހައްޔަރު ކުރުމުގެ އަމުރު ވެސް ނެރެވިދާނެ. އެކަމަކު އަޅުގަނޑުގެ ނަސޭހަތަކީ މަނިކުފާން ދީން ހަތިޔާރަކަށް ބޭނުން ނުކުރައްވާށޭ،" ރޫހާނީ ވިދާޅުވި އެވެ.
ގާލިބާފަށް އިޝާރާތް ކުރައްވާ ރޫހާނީ ވިދާޅުވީ 1990 އާއި 2000 ގެ އަހަރުތަކުގައި ފުލުހުންގެ ވެރިއަކަށް ގާލިބާފް ހުންނެވި އިރު މުޒާހަރާތަކުގައި ކިޔަވާ ކުދިންނަށް ވަރަށް ބޮޑަށް އަނިޔާކުރި ކަމަށެވެ.
އިދިކޮޅު ކެންޑިޑޭޓުން ވަނީ 2015 ވަނަ އަހަރު ދުނިޔޭގެ ބާރުގަދަ ގައުމުތަކާ އެކު ނިއުކްލިއާ އެއްބަސްވުން ގާއިމްކުރި ނަމަވެސް އިގްތިސާދީ ގޮތުން އީރާނަށްވީ ފައިދާއެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
"އީރާނު ވަނީ އިގްތިސާދީ ބޮޑެތި މައްސަލަގަނޑެއްގެ ތެރޭގައި. މިއިން ދުވަހަކު ވެސް މޭވާ ނާޅާ ގަހަކުން ކުރިމަގުގައި ވެސް މޭވާއެއް ނުލިބޭނެ،" ރޫހާނީ އަށް އިޝާރާތް ކުރައްވާ ގާލިބާފް ވިދާޅުވި އެވެ.
ރައިސީ ވިދާޅުވީ 250،000 ކުދި ވިޔަފާރި ބަންދުކޮށްފި ކަމަށެވެ. އަދި ފަގީރުންނަށް ފައިސާ އިތުރު ކުރުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ. ރޫހާނީ ވިދާޅުވީ އިންވެސްޓްމަންޓްތަކަށް ފައިސާ ލިބެމުންދާ ކަމަށެވެ.
ބަހުސްގައި އެންމެ ބޮޑަށް ހޫނުވީ ކޮރަޕްޝަނުގެ މައުލޫއުގަ އެވެ. ރައިސީ ވިދާޅުވީ ރޫހާނީގެ ތިމާގެ ބޭފުޅުންގެ ކޮރަޕްޝަނުގެ މައްސަލަތައް ބެލުން ހުއްޓުވާފައިވާ ކަމަަށާއި ބައެއް ވަޒީރުން ގަވާއިދާ ޚިލާފަށް މުދާ އެތެރެ ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރު ފައިސާ އިން ރޫހާނީ އަށް ނާޖާއިޒު ފައިދާ ލިބޭ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ރޫހާނީ ވިދާޅުވީ ރައިސީގެ ކެމްޕޭނަށް ޚަރަދު ކުރަނީ ރައްޔިތުންގެ ފައިސާ ކަމަށެވެ.
ގާލިބާފްއާ ބެހޭ ގޮތުން 2005 ވަނަ އަހަރު ލިބިވަޑައިގެންނެވި ލިޔުންތައް އާއްމުކޮށްފި ނަމަ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ އަސް ނުހުންނެވޭ ކަމަށް ވެސް ރޫހާނީ ވިދާޅުވި އެވެ.
އީރާނުގެ ރިޔާސީ އިންތިޚާބުގައި އިތުރު ތިން ކެންޑިޑޭޓުން ވެސް ވާދަކުރެ އެވެ. ހުރިހާ ކެންޑިޑޭޓުން ވެސް ވަނީ ގާޑިއަން ކައުންސިލުން ފާސްކޮށްފަ އެވެ. މި މަހު 19 ވަނަ ދުވަހު ބާއްވާ އިންތިޚާބުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ލިބިވަޑައި ނުގެންފި ނަމަ އެންމެ ގިނަ ވޯޓު ހޯދާ ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރުގެ ވޯޓުލުން ހަފުތާއެއް ފަހުން ބާއްވާނެ އެވެ.