ތެހެރާން (އެޕްރީލް 22) - އީރާނުގައި އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ކުރީގެ ރައީސް މަހްމޫދު އަހުމަދީނިޖާދަށް ނެތް ކަމަށް އެ ގައުމުގެ ގާޑިއަން ކައުންސިލުން ނިންމައިފި ކަމަށް ބައެއް މީޑިއާތަކުން ބުނެފި އެވެ.
އީރާނުގައި 2005 އަދި 2013 ގައި ދެ ދައުރު ވެރިކަން ކުރެއްވި އަހުމަދީނިޖާދު ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް އީރާނުގެ ރޫހީ ލީޑަރުގެ އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އިންޒާރު ދެއްވައިފަ އެވެ. ޚާމަނާއީގެ އިންޒާރެއް އޮތް ނަމަވެސް އިންތިޚާބުގައި ވާދަކުރަން އަހުމަދީނިޖާދު ލިޔުންތައް ހުށަހެޅުއްވީ ޚާމަނާއީ ދެއްވާފައި ވަނީ ނަސޭހަތެއް ކަމަށް ވިދާޅުވެ އެވެ.
ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ މިދިޔަ އަހަރު ވިދާޅުވެފައި ވަނީ އަހުމަދީނިޖާދު އިންތިޚާބުގައި ވާދަކުރެއްވުމަކީ ގައުމުގެ ރައްޔިތުން ބޭނުންވާ ގޮތް ނޫން ކަމަށެވެ. އަދި އަހުމަދީނިޖާދު އިންތިޚާބުގައި ވާދަކުރައްވާ ނަމަ އަނެއްކާ ވެސް ގައުމުގައި ހަމަނުޖެހުން ބޮޑުވެ ބައިބައިވުން އުފެދޭނެ ކަމަށް ޚާމަނާއީ ވިދާޅުވެފައިވެ އެވެ. އީރާނުގެ އިންތިޚާބުގައި 2009 ވަނަ އަހަރު ދެ ވަނަ ދައުރަކަށް އަހުމަދީނިޖާދު ވާދަކުރެއްވުމާ ގުޅިގެން ވަނީ އެ ގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފަ އެވެ.
މެއި 19 ވަނަ ދުވަހު އޮންނަ އިންތިޚާބުގައި ރައީސް ހަސަން ރޫހާނީ އާއި ހަރުކަށި ޚިޔާލުގެ ކެންޑިޑޭޓެއް ކަމަށްވާ އިބްރާހިމް ރައިސީގެ ނަން ގާޑިއަން ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ. އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ރަސްމީ ލިސްޓް ނެރޭނީ މި މަހު 27 ގަ އެވެ.
އިންތިޚާބަށް ރަޖިސްޓްރީ ކުރުން ހުޅުވާލި މުއްދަތުގައި 1،600 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު ގާޑިއަން ކައުންސިލުން ހޮވާނީ ހަ ކެންޑިޑޭޓުންނެވެ. ގާޑިއަން ކައުންސިލަށް މެންބަރުން އައްޔަން ކުރަނީ ރޫހީ ލީޑަރު ޚާމަނާއީ އެވެ.