ތެހެރާން (މެއި 17) - އީރާނުގެ ރިޔާސީ އިންތިޚާބުން ނައިބް ރައީސް އިޝާގު ޖަހަންގީރީ ވަކިވެވަޑައިގަތުމަށް ފަހު ރައީސް ހަސަން ރޫހާނީ އަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

ހުކުރު ދުވަހު ބާއްވާ އިންތިޚާބުން ތެހެރާންގެ މޭޔަރު މުހައްމަދު ބާގިރު ގާލިބާފް ވެސް ވަނީ ވަކިވެވަޑައިގެންފަ އެވެ. އޭނާ ވަނީ ދީނީ އިލްމުވެރިޔާ އިބްރާހިމް ރައިސީ އަށް ތާއީދު ކުރައްވަން ނިންމަވައިފަ އެވެ. ރޫހާނީ އަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ވެސް ރައިސީ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ތާއީދު ކުރައްވަނީ ރައީސީ އަށެވެ.

ޖަހަންގީރީ، 60، ނަން އަނބުރާ ގެންދަވަމުން ވިދާޅުވީ އޭނާ އިންތިޚާބަށް ކުރިމަތިލެއްވީ ރިފޯމިސްޓުންގެ އަޑު އިއްވަން ކަމަށާއި އެކަމަކު ރޫހާނީ އަކީ އުނދަގޫ ހާލަތުގައި އެންމެ ރަނގަޅަށް ގައުމައިގެން ކުރިއަށް ވަޑައިގެންނެވޭނެ ލީޑަރު ކަމަށެވެ. ބަހުގެ ހަމަލާތައް އަމާޒުވި ޓީވީ ބަހުސްގައި ވެސް ޖަހަންގީރީ ވަނީ ރޫހާނީ ވަރަށް ބޮޑަށް ދިފާއު ކުރައްވައިފަ އެވެ.

އީރާނުގައި ދާދި ފަހުން ނެގި ޚިޔާލު ހޯދުމުގެ ބައެއް ވޯޓުތަކުގެ ކުރީގައި އުޅުއްވަނީ އިންތިޚާބުން ވަކިވެވަޑައިގެންނެވި ގާލިބާފެވެ. އޭނާ އަށް 52 ޕަސެންޓް މީހުން ތާއީދު ކުރާ އިރު ރޫހާނީ އަށް ތާއީދު ކުރަނީ 42 ޕަސެންޓެވެ. އެހެން ސާވޭއަކުން ދެއްކި ގޮތުގައި ރޫހާނީ އަށް 29 ޕަސެންޓް ތާއީދު ކުރާ އިރު ގާލިބާފަށް ތާއިދު ކުރަނީ 12 ޕަސެންޓެވެ. ރައިސީ އަށް 11 ޕަސެންޓެވެ.

އިންތިޚާބުގައި ވާދަކުރަން މިހާރު ތިބީ ހަތަރު ކެންޑިޑޭޓުންނެވެ. ހުކުރު ދުވަހު ބާއްވާ އިންތިޚާބުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓް ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ހޯދާ ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރު ބާއްވާނީ މެއި 26 ވަނަ ދުވަހު އެވެ.