އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އޭނާއާ ދެކޮޅަށް ހެކި ހޯދާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބޭނުންވާ ވަރަށް ދައުވާ ފުރިހަމަ ނުވާނެ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މަހުލޫފުގެ މައްސަލައިގައި ބައެއް ކަންކަން ފުރިހަމަ ކުރަން ޕީޖީން ވަނީ އޭސީސީގައި އެދިފަ އެވެ. އެ ކަންތައްތައް ފުރިހަމަވުމުން މައްސަލައިގައި ދައުވާ ކުރުމާއި ނުކުރުމާ މެދު ގޮތެއް ނިންމަވާނެ ކަމަށް މިއަދު ޕީޖީ ހުސެއިން ޝަމީމް ވެސް ވަނީ ވިދާޅުވެފަ އެވެ.

މަހުލޫފު އޭނާގެ ފޭސްބުކް ޕޭޖްގައި މިއަދު ވިދާޅުވީ، ޖެނުއަރީ މަހު ފުލުހުން އޭނާގެ މައްސަލަ ޑިއުޓީ ޕްރޮސެކިއުޝަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން ތަހުގީގު ފުރިހަމަކުރަން ޕީޖީން އަންގާފައިވާ ކަމަށެވެ.

މިހާރު އަލުން އިސްލާހުކުރަން ޕީޖީން އެދިފައި ވަނީ ކުރިން ފުލުހުން ފޮނުވި ގޮތަށް އޭސީސީން އެއްވެސް އިސްލާހެއް އަދި ބަދަލެއް ވެސް ގެނައުމެއް ނެތި މައްސަލަ ހުށަހެޅުމުން ކަމަށް މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވި ގޮތުގައި، އޭނާއާ ދެކޮޅަށް ހޯދާފައިވާ ހެކިތަކަކީ ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކިތަކެއް ކަމަށެވެ. އަދި ދައުވާ ފުރިހަމަ ވެސް ނުވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ދައުވާ ކުރިޔަސް އަދި ނުކުރިޔަސް އެއީ ގާނޫނާ ހިލާފަށް ހޯދާފައި ހުރި ހެކިތަކެއް ކަމުން އަދި ޕީޖީ އެ ވިދާޅުވާ ގޮތަށް ދައުވާ ފުރިހަމަ ވެސް ނުކުރެވޭނެ. އަޅުގަނޑު އެދެނީ އަވަހަށް ގޮތެއް ނިންމަވައިދޭން-- މަހުލޫފް

"ދައުވާ ކުރިޔަސް އަދި ނުކުރިޔަސް އެއީ ގާނޫނާ ހިލާފަށް ހޯދާފައި ހުރި ހެކިތަކެއް ކަމުން އަދި ޕީޖީ އެ ވިދާޅުވާ ގޮތަށް ދައުވާ ފުރިހަމަ ވެސް ނުކުރެވޭނެ. އަޅުގަނޑު އެދެނީ އަވަހަށް ގޮތެއް ނިންމަވައިދޭން،" މަހުލޫފު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 33،000 ޑޮލަރު މަހުލޫފަށް ލިބުނު މައްސަލައިގައި ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީގެ ޖޮއިންޓް އިންވެސްޓިގޭޝަނަށް ފަހު މަހުލޫފަށް ދައުވާކުރަން އޭސީސީން ފޮނުވީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

މަހުލޫފުގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށް އޭނާ ވިދާޅުވެ އެވެ. ނަަމަވެސް، އޭސީސީން ބުނެފައި ވަނީ އެއީ އެފަދަ މުއާމަލާތެއް ނޫން ކަމަށާއި މަހްލޫފު ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

އޭސީސީން ބުނެފައި ވަނީ މަހުލޫފަށް ލިބުނު ފައިސާ އަކީ މަހުލޫފު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިން ފައިސާ ކަމަށެވެ.