ސްޓޮކްހޯމް، ސްވިޑަން (ނޮވެމްބަރު 23) - ޕީއެސްޖީ އަކީ މެންޗެސްޓާ ޔުނައިޓެޑަށް ވުރެން ވަރުގަދަ ޓީމެއް ކަމަށާއި މި ސީޒަނުގައި ޔުނައިޓެޑަށް ބަދަލުވީ ހޯސޭ މޮރީނިއޯ އެދިގެން ކަމަށް ސްވިޑަންގެ ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗް ބުނެފި އެވެ.

ޕީއެސްޖީ ދޫކޮށް އިބްރަހިމޮވިޗް ޔުނައިޓެޑަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އިބްރަހިމޮވިޗް ބުނީ ޔުނައިޓެޑަށް އޭނާ ސޮއިކުރީ ގިނަ ކްލަބްތަކަކުން ހުށަހެޅުން ލިބިފައި ވަނިކޮށެވެ.

"އަހަރެން މި ފަހަރު ސޮއިކުރި ކްލަބަކީ (ޔުނައިޓެޑް) ކުރިން އަހަރެން ކުޅުނު ކްލަބަށް (ޕީއެސްޖީ) ވުރެން ދަށް ޓީމެއް. ޔުނައިޓެޑާ އަހަރެން ގުޅުނީ މޮރީނިއޯ އެދުމުން. ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ލިބިފައި އޮއްވައި ވެސް މޮރީނިއޯ އެދުމުން އަހަރެން ނިންމަން ޖެހުނީ ވަރަށް ފަސޭހަ ނިންމުމެއް،" އިބްރަހިމޮވިޗް ބުންޏެވެ.

އިބްރަހިމޮވިޗް ވަނީ ސީޒަނުގެ މިހާތަނަށް 11 މެޗުން ހަ ލަނޑު ޖަަހައިފަ އެވެ. ޔުނައިޓެޑް މި ވަގުތު އޮތީ ކުޅުނު 12 މެޗުން ލިބުނު 19 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ.

"އަހަރެން ޔުނައިޓެޑަށް ބަދަލުވީ ޗެލެންޖެއްގެ ގޮތުގައި ދެކިގެން. މި ޓީމަކީ ކޮން ފެންވަރެއްގެ ޓީމެއްކަން އަހަންނަށް އެނގޭ. ބޭނުންވަނީ ކުރިން އެ ޓީމު އޮތް ހިސާބަށް ޔުނައިޓެޑް ގެންގޮސްދޭން އެހީވާން. މި ސީޒަން ވެސް އަހަރެމެންނަށް އަދި ނުގެއްލޭ. ހިތްވަރު ކޮށްލައިގެން ރަނގަޅު ފޯމަކަށް އެޅިއްޖެނަމަ ލީގު ހޯދޭނެ ފެންވަރު ޔުނައިޓެޑްގެ އެބަހުރި،" ކުރިން ޔޫރަޕްގެ މަޝްހޫރު ގިނަ ކްލަބްތަކަަކަށް ކުޅުނު އިބްރަހިމޮވިޗް ބުންޏެވެ.

ސްވިޑަންގެ މޮޅު ކުޅުންތެރިޔާގެ މަގާމު މި ފަހަރު ވެސް އިބްރަހިމޮވިޗަށް ލިބުނުއިރު، ފާއިތުވި 12 އަހަރު ތެރޭ އޭނާ ވަނީ މި މަގާމު 11 ފަހަރު ހޯދައިފަ އެވެ.

އުމުރުން 35 އަހަރުގެ އިބްރަހިމޮވިޗް ޔުނައިޓެޑް ދޫކޮށްލައިފިނަމަ ދެން ފެނުން އެންމެ ގާތީ އެމެރިކާ ލީގުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.