އުފަންވީ މާލެއަށެވެ. އުޅެބޮޑުވީ މި ފަސްގަނޑުގަ އެވެ. އެކަމަކު އަމިއްލަ ވަޒަނެއް ނެތެވެ. ސަރުކާރުން ހުޅުވާލި ފްލެޓުތަކަށް ފޯމުލައި އޭނާ ވަރުބަލިވެއްޖެ އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު، "ހިޔާ މަޝްރޫއު" އިން ފްލެޓެއް ލިބުނީތީ 48 އަހަރުގެ އެ ފިރިހެން މީހާ ހުރީ ހިތްހަމަޖެހިފަ އެވެ.
ނަމަވެސް، ލިބުނު ފްލެޓު އިއްޔެ ބެލުމަށް ފަހު ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ހުރެގެން އޭނާ ބަންޑުންކޮށްލީ ޝަކުތާކެކެވެ. މިއީ ފްލެޓު ލިބުނު އެތައް ބައެއްގެ ވެސް ކަންބޮޑުވުންތަކެވެ.
އެއް ބަޔަކު ދެކޭ ގޮތުގައި ރައްޔިތުންގެ ނަމުގައި ބޮޑު ލޯނެއް ނަގައިގެން މިހާރު ހަދާފައި ހުރި ފްލެޓުތަކަކީ ހައްގުވާ މިންވަރެއް ނޫނެވެ. އޭގެ ސަބަބުތައް ބައިވަރެވެ؛ ތަނުގެ ޖާގަ އަށް ވުރެ ކުލި ބޮޑުވުމާއި އެއްފަހަރާ އެތައް ބަޔަކު ފްލެޓުތަކަށް ބަދަލުވާއިރު ދިމާވެދާނެ އިޖުތިމާއީ މައްސަލަތަކަށް، ފްލެޓު އެޅިއިރު ބެލިފައި ނެތުމެވެ.
ފްލެޓުގެ މަސައްކަތް ތިން މަހަކުން ނުނިންމޭނެ
އެޗްޑީސީން ނިންމާފައި ވަނީ ފްލެޓުތަކަށް ކަރަންޓް ދީ ނިންމުމަށްފަހު އަންނަ މަހުގެ 14 ގައި ތަޅުދަނޑި ހަވާލުކުރާށެވެ. އެއަށް ފަހު، ފްލެޓުތަކުގައި ތަށިމުއްޓާއި ދޮރާއި ބޮކި ހަރުކުރަން ތިން މަސް ދުވަހުގެ މުއްދަތެއް ދޭނެ އެވެ.
އެއް ބަޔަކު ދެކޭ ގޮތުގައި، ކޮވިޑު-19 ގެ މި ބަލި މަޑުކަމުގައި ކުރު މުއްދަތެއްގެ ތެރޭގައި އެ މަސައްކަތް ނިންމާލުމަކީ މާލީގޮތުން ބޮޑު ގޮންޖެހުމެކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީން ފްލެޓު ލިބުނު މީހަކު، ސިޓިން ރޫމުގެ މިން އަޅަން ހުރެފައި ބުނީ އުއްމީދުކުރި ވަރަށް ވުރެ ފްލެޓު މާ ކުޑަ ކަމަށެވެ. އެކަމަކު ތިން މަސް ދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމާނުލެވޭނެ ކަމަށް އޭނާ ބުންޏެވެ.
"ވަރަށް އުނދަގޫވާނެ، އަނެއްކާ ބައިވަރު މީހުން ހުރިހާ އެންމެންނަށް އެކަށީގެންވާ ގޮތަކަށް މީހުންނެއް ނުލިބޭނެ މަސައްކަތްކުރާކަށް. ދެން ތިން މަސް ދުވަހުގެ ތެރޭގައި ގަބޫލެއް ނުކުރެވޭ މި ތިން ނިންމޭނެ ކަމަށް. ދެން އެއްޗެހި ހޯދައިގެން ހުރިހާ އެންމެން އެއްފަހަރާ ހުރިހާ ތަނަކަށް ދުއްވައިގަންނާނީ. ދުއްވައިގަންނައިރު އެއްޗިއްސެއް ނުލިބޭނެ އެ ވަރަށް. ގަބޫލެއް ނުކުރެވޭ ތިން މަސް ދުވަހުގެ ތެރޭގައި އެއްގޮތަކަށް ވެސް ނިމޭނެ ކަމަކަށް،" ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކި އެ މީހާ ބުންޏެވެ.
އޭނާ ވެސް ބުނީ އެންމެ ފުރަތަމަ އުއްމީދުކޮށްގެން ހުރީ ފްލެޓުގެ މަސައްކަތްތައް އެއްކޮށް ނިންމާފައި އެތަންތަން ހަވާލުކުރާނެ ކަމަށެވެ. އެކަމަކު، އެކަން ވެސް އެންމެ ފަހުން ބަދަލުވެގެން ދިޔައީ ފްލެޓު ލިބުނު މީހުން އަމިއްލަ އަށް ނިންމާ ގޮތަށެވެ.
ސަރުކާރު ކުންފުންޏެއްގައި މަސައްކަތްކުރާ މީހަކު ދެކޭ ގޮތުގައި ދިރިއުޅޭ ތަނަށް ކުލި ދައްކަމުން ފްލެޓު ނިންމަން އަމިއްލަ އަށް ހަރަދުކުރުމަކީ ބޮލުގެ ރިހުމަކަށް ވާނެ ކަމެކެވެ. އުނދަގޫ ކަމަކަށް ވާނެތީ އޭނާ އެދެނީ އެ ކަމުގައި ސަރުކާރުން ލުއިގޮތްތަކެއް ހަމަޖައްސައިދިނުމަށެވެ.
ފްލެޓު ކުޑަ، އަގު ވެސް ބޮޑު
މި ސަރުކާރުން ނިންމާފައި ވަނީ 6،720 ފްލެޓަށް އެންމެ ގިނަ ވެގެން ދައްކަންޖެހޭނީ 7،500ރ. ކަމަށެވެ. ޑައުންޕޭމަންޓު ދައްކާ ނަމަ ކުލި އެއަށްވުރެ ވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން ވިދާޅުވެފައި ވެއެވެ.
އޭނާ މިދިޔަ އޭޕްރީލް މަހު ވިދާޅުވީ ހިޔާ ފްލެޓަށް ދައްކަން ޖެހޭ އެންމެ ބޮޑު އަގަކީ 7،500ރ. ކަމަށް ސަރުކާރުން ކަނޑައެޅި ނަމަވެސް އެއީ އެ ފްލެޓްގެ އަސްލު އަގާ ބަލާފައި ވަރަށް ކުޑަ އަގެއް ކަމަށެވެ. އެހެންވެ، އެ މަޝްރޫއުގެ އުނދަގޫ އެޗްޑީސީ އަށް ވަރަށް ބޮޑު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމައެއާ އެކު، މި މަޝްރޫއާ އެކު ރައްޔިތުން އުފުލަން ޖެހިފައިވާ ބުރަ ބޮޑެވެ.
ދަފްތަރު ކެޓަގަރީން ފްލެޓު ލިބުނު އެ ފިރިހެން މީހާ ވެސް ބުނީ އާއްމުންގެ ތެރޭގައި ވާހަކަ ދެކެވުނު ގޮތާއި ހަމަލޮލުން ފްލެޓު ފެނުމުން މަންޒަރު ތަފާތު ކަމަށެވެ. އެކަމަކު އޭނާ މިހާރު ދިރިއުޅޭ ތަނަށްވުރެ ފްލެޓު ރަނގަޅު ވިޔަސް، އަންހެނުންނާ އެކު ފްލެޓު ބަލަން ގޮސް ހުރި އެ މީހާގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.
"ކުރި ހަރަދާއި ވޭނަށް ބަލާފައި މިއީ ހައްގު މިންވަރު ކަމަށް ގަބޫލުނުކުރަން،" މައިންބަފައިންނާއި ތިން ދަރިންނާއެކު ދިރިއުޅެމުން އަންނަ އެ ފިރިހެން މީހާ ބުންޏެވެ.
ފްލެޓުގެ މަސައްކަތް ނިންމަން ތިން މަސް ކުޑަ ކަމަށް ބުންޏެވެ. އެހެން ނޫނީ ޑިމާންޑާ އެއްގޮތަށް ތަކެތީގެ އަގު މައްޗަށް ދާނެ ކަމަށް އޭނާ ދެކެ އެވެ.
ކުލީގައި 19 އަހަރުވަންދެން އުޅުމަށްފަހު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީން ފްލެޓު ލިބުނު މީހާ ބުނީ އަސްލު އުއްމީދުކުރި ވަރަށްވުރެ އެ ތަން މާ ކުޑަ ކަމަށެވެ. ކޮޓަރިތައް ވެސް ވަރަށް ކުޑަ ކަމަށް އޭނާ ބުންޏެވެ.
"އެއް ފެމިލީ މިތަނުގައި އުޅޭ ކަމަށް ވަންޏާ ކުލި އަސްލު ބޮޑު. އެކަމަކު ޝެއާ ވެގެން އުޅެންޏާ. އެއްވެސް މީހަކު އެކްސްޕެކްޓެއް ނުކުރާނެ ކަންނޭނގެ ޝެއާ ވެގެން ކުއްޔަށް މި ކަހަލަ ތަނެއް ހިފައިގެން އެ މީހާ އަސްލު ގަންނަ ތަނެއް. ރަނގަޅު ދިރިއުޅުމެއް އުޅެންވެގެން ފްލެޓަކަށް މީހުން ބަދަލު ވަނީ. އެކަމަކު އަހަރަމެން އެކްސްޕެކްޓް ކުރި ވަރަކަށް ނުދޭ މި ކަމެއް،" އޭނާ ބުންޏެވެ.
"އަހަރެމެން އެކްސްޕެކްޓް ކުރަނީ ކުޑަ ކުއްޔެއްގައި އެއް ފެމިލީ އަށް މިތާ އުޅެން. ކުއްޔަށް 8،500ރ. ދިނީމަ މި ޖެހެނީ އަނެއްކާ ވެސް ޝެއާވެގެން އުޅެން މީހަކާ. އެހެންވީމަ އަސްލު ދިރިއުޅުމުގެ ފެންވަރު ކުރިއަކަށް ނާދޭ. ކުޑަ ތަންކޮޅެއް ކުލި ކުޑަވެދާނެ. އެކަމަކު ދިރިއުޅުމުގެ ފެންވަރު ނާދޭ ކުރިއަކަށް ފްލެޓު ލިބުނަސް،"
ސަރުކާރުގެ ކުންފުނީގައި މަސައްކަތްކުރާ މީހާ ވެސް ބުނީ އެ ފްލެޓާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ. އަދި ތަނާ އަޅާބަލާފައި ކުލި ވެސް އަގުބޮޑު ކަމަށް އޭނާ ބުންޏެވެ.
"ދެން ކުލީގެ މައްސަލަ. އަޅުގަނޑު ބޭނުން ސަރުކާރަށް ގޮވާލަން ވެސް ބޭނުން، މި ކަމުގައި އަދި ވެސް މިއަށް ވުރެ ބޮޑަށް ވިސްނަވާށޭ. ބައިވަރު ރައްޔިތުންތަކެކޭ. ކޮންމެ ރައްޔިތަކީ ފޯރައިގެން ވާ މީހެއް ނޫން. ކުއްލިއަކަށް އައިސް ތިން މަސް ދުވަހުގެ ތެރޭގައި، ސަރުކާރެއް 2-3 އަހަރުވާއިރު މި ވަރުގެ މަސައްކަތެއް ނުކުރެވުނުތާނގައި އަމިއްލަ ރައްޔިތު މީހާ އައިސް މި މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ކޮށްގެން އޭނާ އެހެން ތަނަކަށް ކުލި ދައްކަމުން، އޭނަ އަނބިދަރުން ބަލަމުން ކުރަންވީމަ އުނދަގޫވާނެ،" އެ މީހާ ބުންޏެވެ.
ވޯޓަކާ ދިމާކޮށްފައި ފްލެޓު ހޯދަން އަޔަސް ބަލައިނުގަނެވޭނެ ކަމަށާއި މި ވަގުތު ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށް އޭނާ ބުންޏެވެ.
"ވޯޓަކާ ދިމާކޮށް ނޫން ރައްޔިތުން ފެންނަން ޖެހޭނީ. މި ވަގުތު ފެނިގެން އެހީތެރިވާށޭ."
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ތިން ކޮޓަރީގެ ތަންތަން 7،500ރ. އަށް ހުރިއިރު ދެ ވަނަ ފިޔަވަހިން ދެ ކޮޓަރީގެ ތަންތަން އަމިއްލަ އަށް ނިންމައިގެން ވެސް އެއަށްވުރެ ބޮޑު ހަރަދެއް ކުރަންޖެހެ އެވެ.
"ވަރަށް ހާލުގައި މި އުޅެނީ މާލޭގައި. ސަރުކާރުން މިއަށްވުރެ ބޮޑަށް އަޅާލަންޖެހޭ،" މާލޭގައި ކުއްޔަށް އުޅޭތާ 18 ވަރަކަށް އަހަރުވެފައިވާ ކަމަށް އެ މީހާ ބުންޏެވެ.
ދަފްތަރު ކެޓަގަރީން ފްލެޓު ލިބުނު މީހާ ބުނީ އާއްމުންގެ ތެރޭގައި ދެކެވުނު ވާހަކައާ ހަމަލޮލުން ދެކެމުން ފެނުނު މަންޒަރު ތަފާތު ކަމަށެވެ. އޭނާ ބުނީ މިހާރު ދިރިއުޅޭ ތަނަށްވުރެ ފްލެޓު ރަނގަޅު ވިޔަސް ކަންބޮޑުވުންތައް އެބަހުއްޓެވެ.
ފްލެޓަށް ވަންނަ ފުރަތަމަ އަހަރު މެއިންޓަނަންސް އަށް 1000ރ. ނަގަންނުޖެހޭނެ ކަމަށް އެ މީހާ ދެކެ އެވެ.
"މިހާރު އުމުުރުން 48 އަހަރު. ވިހެއީ މާލޭގައި. އުޅެބޮޑުވީ މާލޭގައި. މަންމަ އާއި ބައްޕައަކީ ރާއްޖެތެރޭ ދެ މީހުން.. ގޭގައި ރަޖިސްޓްރީ ނުކުރެވޭ ހިސާބުން ދަފްތަރަށް ބަދަލުވީ. ކޮންމެ ސަރުކާރަކުން އަޅާ ފްލެޓަކަށް ވެސް މި ދަނީ ކުރިމަތިލަމުން. ޝަރުތު ހަމައެއް ނުވޭ،" އުމުރުން ދުވަސްވީ ބައްޕައަކާ ތިން ކުދިންނާއި އަނބިމީހާ ބަލަމުން އަންނަ މީހާ ބުންޏެވެ.
ކުރި ހަރަދާއި ވޭނަށް ބަލާފައި މިއީ ހައްގު މިންވަރު ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އެންމެ ކުޑަ އާއިލާގައި ވެސް މައިންބަފައިންނާ ދަރިންނާއި އަނބިން ތިބޭ ކަމަށެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވި ގޮތުގައި 550 އަކަފޫޓުގައި މުށިޖަހައި ކުރަންހުރި ކަންކަމަށް ތިން މަހަކީ ކުރު މުއްދަތެއް ނޫނެވެ. ތަކެތި ލިބެން ހުރިނަމަ އެއަށްވުރެ އަވަހަށް ވެސް މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތަކެތީގެ ދަތިކަން އެބަހުރި. އެކަމަކު އެއީ ބޮޑު މައްސަލައަކަށް ވެއްޖެނަމަ ކޮންސިޑާ ކުރާނެ އެކަމަށް،" ސުހެއިލް އިއްޔެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފްލެޓަށް ފުރަތަމަ ބަދަލުވާއިރު ދަތިތަކެއް ކުރެދާނެ އެވެ. އެކަމަކު ދެ ފަރާތުން ވާހަކަދައްކާލައިގެން ހައްލު ގެނެސްދޭނެ ކަމަށް ސުހެއިލް ވިދާޅުވި އެވެ.