ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓުތައް ލިބުނު މީހުންނަށް ހާއްސަ ޕެކޭޖެއް ލިޓަސް ކޮންސްޓްރަކްޝަނުން މިއަދު ތައާރަފުކޮށްފި އެވެ.
"ހިތްގައިމު ދިރިއުޅުން"ގެ ނަމުގައި ތައާރަފު ކުރި މި ޕެކޭޖަކީ ފްލެޓުތަކުގެ ފިނިޝިންގެ ހުރިހާ މަސައްކަތެއް އެކުލެވޭ ޕެކޭޖެކެވެ. މި ޕެކޭޖަށް ފައިސާ ދެއްކުމަށް އިންސްޓޯލްމަންޓް ޕްލޭނެއް ވެސް ވަނީ ހަދައިފަ އެވެ. މި ޕްލޭނުގެ ދަށުން 48 މަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ އެވެ.
ލިޓަސް އިން ބުނީ މި ޕެކޭޖުގެ ދަށުން ސްލޮޓްތައް ލިބޭނީ އެގްރީމެންޓް ކުރަން ލިބޭ ތަރުތީބުން ކަމަށެވެ. އަދި މި ޕްލޭނަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް މަދުވެފައި އެޕްލައި ކުރުމަށް ފަސޭހަވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނީގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް މާކެޓިން އާސިފް ރަޝީދު ވިދާޅުވީ މި ޕެކޭޖު ތައާރަފު ކުރީ ފްލެޓުގެ ފިނިޝިން މަސައްކަތް ކުރުމުގައި ލުއިތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި މިއީ އެ ކުންފުނީގެ ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން ތައާރަފު ކުރި ޕެކޭޖެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ޕެކޭޖު ތައާރަފު ކުރުމުގައި އަޅުގަނޑުމެންގެ އަމާޒަކަށްވީ ވީހާ ވެސް ލުއި ގޮތެއްގައި ފިނިޝިން ނިންމާލައި ހަމަޖެހިލައިގެން ފްލެޓަށް ބަދަލުވާން ފުރުސަތު ހޯދައިދިނުން. ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން މިކަހަލަ ޕެކޭޖެއް ފަރުމާ ކުރީ،" އާސިފް ވިދާޅުވި އެވެ.
ލިޓަސް ކޮންސްޓްރަކްޝަން މެދުވެރިކޮށް ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތް ނިންމަން ބޭނުންވާ މީހުންނަށް 7978339 އަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ އެވެ.