ޚަބަރު / މޮބައިލް އެޕްލިކޭޝަންސް

ސްކޫލް ގައިޑް: ދިވެހި ފޮތް ކިޔުން ތަފާތުކޮށްލާނެ އޯލަ އެޕް

09 އޯގަސްޓް 2021 - 09:23

ދިވެހި ބަހުގެ ވާހަކަ ފޮތާއި މައުލޫމާތު ފޮތްތައް ކިޔާލަން ލިބޭނެ "އޯލަ އެޕް" އަކީ ކޮވިޑް-19 ގެ ފުރަތަމަ ކޭސް މާލެއިން ފެނި މާލެ ލޮކްޑައުނަކަށް ދިޔަ ދުވަސްވަރު، ދަރިފުޅު ދިވެހި ބަހަށް ފަރިތަކުރުމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިން، މި އެޕްގެ ފައުންޑާސް ކަމަށްވާ އަހްމަދު ފަހުދު (ފައުޑީ) އާއި އައިޝަތު ސަމާހަތު (މާ) ގެ ހިޔާލަކުން އުފަންވި މަސައްކަތެކެވެ.

ދިވެހި ވާހަކަ ފޮތާއި މައުލޫމާތު ފޮތްތައް ކިޔުން ތަފާތުކޮށްލާނެ މި އެޕްގެ މަސައްކަތް ކުރަމުން އަންނަތާ އަހަރެއްވީ އިރު، ވަރަށް އަވަހަށް އާންމުންނަށް ދޫކޮށްލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

1. އޯލަ އެޕްގެ ހެދުމުގެ ހިޔާލު ލިބި، މި މަސައްކަތް ފެށުނީ ކިހިނެއް؟ އަދި މި މަސައްކަތުގެ ފަހަތުގައި ތިބީ ކޮން ބައެއް؟

ފައުޑީ: ދަރިފުޅުގެ އުމުރާ ގުޅޭ ދިވެހި ވާހަކަ އާއި އެހެނިހެން ދިވެހި ބަހުގެ ފޮތްތައް ހޯދަން ބެލިއިރު ގިނަ ފިހާރަތައް ވެސް ބަންދުކޮށްފައި ހުރުމުން އެކަންވީ ވަރަށް އުދަނގޫ ކަމަކަށް. ދެން އަމިއްލަ އަށް ވާހަކައެއް ލިޔެފައި ދަރިފުޅަށް ކިޔައިދިނީ އެއާ އެކު އިތުރު ވާހަކަތައް ކިޔުމަށް ދަރިފުޅު ވެސް ޝައުގުވެރިވާން ފެށީ ދެން އެއް ފޮތް ދެ ފޮތަށް، ދެފޮތް ދިހަ ފޮތަށް ބަދަވެގެން ދިޔައީ. މިހެން ދަރިފުޅަށް ލިޔެދިން ވާހަކަތައް ކިޔާލެވޭނެ ފުރުސަތު ފަސޭހައިން އެހެން ކުދިންނަށް ވެސް ހޯދައި ދިނުމުގެ ބޭނުގައި މާތްﷲގެ ވާގިފުޅާ އެކު ހަދަން ފެށި އެޕެއް އޯލަ އަކީ.

ދެން މި އެޕް ހެދުމުގެ ހިޔާލު މިކަހަލަ ކަންތައްތަކުގައި އަހަރެމެން ހިޔާލު ބަދަލުކޮށް ހަދާ މީހުންނާ ވެސް މަޝްވަރާ ކޮށްފައި، ނިންމީ އެޕްއާއިގެން ކުރިއަށް ދާން.

މި އެޕްގެ ކަންތަކުގައި އަޅުގަނޑުމެންގެ ކޯޓީމްގައި މި އުޅެނީ، މިކަމުގެ ޝައުގުވެރިކަމުގައި މަސައްކަތް ކުރާ ޓީމެއް. ޕްރޮޖެކްޓް ލީޑްގެ ގޮތުގައި ހިޝާމް، އިލަސްޓްރޭޝަންސް އަދި ޑިޒައިންގައި އަހަރެމެންގެ ރޫޙް ރެވީ ( ހަސަނު)، ހުސެން (ކުޑަ ޓެޑް)، ޒަރީރު (ޒައްރަ)، ޝިއުޒް، މާ (ސަމާހަތު) އަދި އަޅުގަނޑު (ފައުޑީ). ޑިވެލޮޕާސް ގޮތުގައި ލޫޕްކްރާފްޓް އަދި މީގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ފަންނާނުންގެ އެހީތެރިކަން ވެސް ލިބޭ.

2. މި މަސައްކަތް ފަށައިގެން މިއަދާ ހަމަ އަށް ކިހާ މުއްދަތެއް ވެއްޖެ؟ އަދި މި މަސައްކަތް މިހާރު އޮތީ ކޮން ހިސާބެއްގައި؟

ފައުޑީ: އެޕްގެ މަސައްކަތް ރަސްމީކޮށް ފެށިތާ މިވީ އަހަރެއްހާ ދުވަސް. މިހާރު މި ކުރަމުން އަންނަނީ އެޕްގެ ބީޓާ ޓެސްޓިންގެ މަރުހަލާ. އުއްމީދަކީ ވީހާ ވެސް އަވަހަކަށް އާއްމުކޮށް އެންމެންނަށް މި އެޕް ޑައުންލޯޑް ކޮށް ބޭނުންކުރެވޭނެ ފުރުސަތު ހުޅުވާލުން.

3. މި އެޕް ހާއްސަވާ ސަބަބުތަކީ ކޮބާ؟

ފައުޑީ: ކުޑަކުދިންނަށް ހާއްސަ އެޕެއް ވީމާ ފުރަތަމަ ވެސް އަދި އެންމެ ބޮޑު އިސްކަމެއް ދިނީ ވެސް ކުޑަކުދިންނަށް ރައްކާތެރި އެޕަކަށް މި އެޕް ހެދުން. އަދި އެޕްގައި ހުންނަ ވާހަކަތައް ގެނެސްދިނުމުގައި އަޅުގަނޑުމެން ބަލައިފައި ހުންނާނީ ވީހާ ވެސް ބޮޑަށް، އުމުރު ފުރާ އަށް ގިންތި ކޮށް، ވާހަކަތަކުގެ ދިގުމިނައި ބޭނުންކޮށްފައި ހުންނަ ބަސްތައް ވެސް، ގިންތި ކުރެވިފައިވާ އުމުރުފުރާގެ ކުދިންނަށް ފަސޭހައިން ކިޔަން އެނގޭނެ ގޮތަށް ހުށަހަޅާ ދެވޭތޯ. އެއީ ވާހަކަ ކަމަށް ވެސް ވިޔަސް އަދި ލަވައެއް ކަމުގައިވިޔަސް.

4. މި އެޕް ހާއްސަކުރަނީ ކޮން އުމުރު ފުރާއަކަށް؟ އަދި އުމުރު ފުރާ ކަނޑައެޅުމުގައި ބެލީ ކޮން ކަމަކަށް؟

ފައުޑީ: ފުރަތަމަ ފަށައިގަންނައިރު އަޅުގަނޑުމެން މި ޓާގެޓް ކުރަނީ ހަތް އަހަރުން ދަށުގެ ކުދިންނަށް. ހަތް އަހަރުން ދަށުގެ އެކި އުމުރުފުރާގެ ކުދިންނަށް ކިޔާލެވޭނެ ގޮތަށް ފޮތްތައް ގިންތި ކުރެވިފައި ހުންނާނީ. މިކަހަލަ އެޕެއް ތައްޔާރުކޮށް އާންމުންނާ ހަމައަށް ގެނެސްދިނުމަކީ އަދި މިކަހަލަ މަސައްކަތެއްގެ ފެށުން، އިރާދަކުރެއްވިއްޔާ ހަމަ އެޕް ލޯންޗްކޮށް އާންމުންނަށް އެޕް ލިބެން ފެށުމާ އެކު އަޅުގަނޑުމެން ގަވާއިދުން އެޕަށް އާ ކޮންޓެންޓް ލަމުން ގެންދާނަން. އަދި އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ހަމަ ހަތް އަހަރުން މަތީގެ ކުދިންނަށް ހާއްސަ ކޮންޓެންޓް ވެސް އެޕަށް އިތުރު ކުރަމުން ގެންދިއުން.

5. މި އެޕްގެ ހާއްސަ ފީޗާތަކަކީ ކޮބާ؟ އަދި ކިހާ ޔޫސާ ފްރެންޑްލި އެޕްއަކަށް ވާނެތަ؟

ފައުޑީ: މި އެޕް އުފެދިގެން މިއައީ ވެސް ދިވެހި ބަހަށް ކުދިން ޝައުގުވެރި ކުރުމަށް އެ ކުދިންގެ އުމުރުފުރައާ ގުޅޭ ވާހަކަތަކާއި އެހެނިހެން ކޮންޓެންޓް ލިބޭނެ މަގެއް ތަނަވަސްކޮށްދިނުމުގެ ބޭނުމުގައި. އެހެންވީމާ، މި އެޕްގެ އެންމެ ހާއްސަ ފީޗާއަކީ ދިވެހި ބަހުގެ ކޮންޓެންޓް ޕްލެޓްފޯމަކަށް ވުން. އެ ކޮންޓެންޓްގެ ސަބަބުން ކުދިންގެ ހިތުގައި ދިވެހި ބަހަށް ޝައުގުވެރިކަމާ ލޯބި އުފެދޭނެ ކޮންޓެންޓް މެދު ނުކެނޑި މި އެޕުން ލިބުން. ކުދިންގެ އުމުރުފުރާއާ ގުޅޭ ދިވެހި ބަހުގެ އުފެއްދުންތައް ލިބުން ދަތިވެފައިވާ ދުވަސްވަރެއްގައި އެ ކަމަށް މި އެޕުން ހައްލެއް ލިބުން. ކުޑަކުދިންނަށް ހާއްސަ އެޕަކަށް ވީމާ އެ ކުދިންނަށް ލިބެން ޖެހޭ ރައްކާތެރިކަން މި އެޕުން އިރާދަކުރެއްވިއްޔާ ލިބޭނެ.

މި އެޕްގެ ޑިޒައިން ކުރުމުގައި، ތުއްތު ކުއްޖެއްގެ އަތްމައްޗަށް ދޫކޮށްލެވޭނޭހާ ފަސޭހަ އަދި ޝައުގުވެރިކަން އުފެދޭނެ ފަދަ ޑިޒައިނެއް ތައްޔާރުކުރުމަށް އަހަންމިޔަތުކަން ދީފައިވާނެ. އައި އޯއެސް އަދި އެންޑްރޮއިޑް ބޭނުންކުރާ ފަރާތަކަށް ވެސް މި އެޕް އެއްވެސް އުދަނގޫ ކަމެއް ނެތި ބޭނުން ކުރެވޭނެ. ކުރިއަށް އޮތްތަނުގައި ޔޫސާސްގެ ފީޑްބެކަށް ބަލައިފައި އެޕް ރަނގަޅުކުރަން ކުރަން ޖެހޭ ކަމެއްވިއްޔާ އަޅުގަނޑުމެން ކުރާނަން.

6. މި އެޕުން ކިޔަން ލިބޭނީ ކޮން ކަހަލަ ވާހަކަތަކެއް؟ އަދި ކިހާ އަދަދެއްގެ ވާހަކަ ހުންނާނެ؟

ފައުޑީ: މި އެޕްގައި ހުންނާނީ ހަމައެކަނި ވާހަކައެއް ނޫން، ވާހަކަ ފޮތްތަކުގެ އިތުރުން މައުލޫމާތު ފޮތްތައް ވެސް ހުންނާނެ. އެކި ކަހަލަ ޖަނަވާރުގެ މައުލޫމާތު ވެސް ހަމަ ކުދިންނަށް ފަސޭހައިން އެނގޭނެހެން ޝައުގުވެރިވާނޭހެން ގެނެސްދީފައި ހުންނާނެ. އަދި ކުދިންނާ ގުޅޭ ލަވަ އާއި ވީޑިއޯ ކޮންޓެންޓް ވެސް ހުންނާނެ. ކޮންމެ ފޮތެއް، ލަވައެއް އަދި ވީޑިއޯއެއް ވެސް މައިގަނޑު އަމާޒަކީ އޭގެން ކުދިންނަށް ކަންތައްތަކެއް ދަސްކޮށް ދިނުން. އާ ބަސްތަކެއް، ނޫނީ ކުރިން ނޭނގޭ ޝައުގުވެރިވަނިވި ކޮންމެ ވެސް މައުލޫމާތެއް އެ ކުދިންނަށް ފޯރުކޮށްދިނުން.

7. މި އެޕް ބޭނުންކުރަން ލިބޭނީ ކޮންއިރަކުން؟ އަދި އެޕަލް އާއި އެންޑްރޮއިޑް ޑިވަސްތަކަށް ވެސް ލިބޭނެތަ؟

ފައުޑީ: އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ބޮޑު ލައިބްރަރީއަކާ އެކު ފެށުމެއް ނޫން. އެކަމަކު ކޮލިޓީ އުފެއްދުންތަކަކާ އެކު ފެށުން އަދި ގަވާއިދުން އާ ކޮންޓެންޓް އެޕަށް ލަމުން ގެންދިއުން. އިރާދަކުރެއްވިއްޔާ އުންމީދަކީ ކޮންމެ ހަފްތާއަކު އާ ވާހަކަތަކާއި އެހެނިހެން ކޮންޓެންޓް އެޕަށް އަޅުގަނޑުމެން އިތުރުކުރަމުންދިއުން. ރެގިއުލާކޮށް އެޕަށް އާ ކޮންޓެންޓް ލުމަކީ ވެސް އެކަމުގެ ސަބަބުން ކުދިންގެ އުނގެނުމުގެ ދަތުރުގެ މުހިންމު ބައިވެރިއަކަށް މި އެޕް ވެގެންދާނެ ކަމެއް. ބޭނުންވަނީ މި އެޕް ބޭނުންކުރާ ކުދިންގެ އަދަދު އިތުރުވަމުންދާއިރު އެކުދިންނާ އެކު މި އެޕްގެ ލައިބްރަރީ ވެސް އިތުރަށް ފުޅާވެ މުއްސަނދިވަމުން ދިއުން.

އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މިއަހަރު މި އެޕް އާންމުންނާ ހަމައަށް ގެނެސްދިނުމަށް. އެންޑްރޮއިޑް އަދި އައިއޯއެސް (އެޕަލް) ޑިވައިސްތަކުގައި ވެސް މި އެޕް ބޭނުން ކުރެވޭނެ. ފޯނުގެ އިތުރުން ހަމަ ޓެބްލެޓް ތަކުގައި ވެސް މި އެޕް ބޭނުން ކުރެވޭނެ.

8. މުސްތަގުބަލުގައި މިއީ ކިހާ ބޭނުންތެރި އެޕަކަށް ވާނެ ކަމަށް ލަފާކުރައްވަންތޯ؟

ފައުޑީ: އަޅުގަނޑުމެންނަށް ފެންނަމުން އަންނަ މަންޒަރަކީ ކުދިން ބޮޑުވެގެން އަންނަ އިރު ދިވެހި ބަހަށް ވުރެ އެހެން ބަސްތަކަށް ފަރިތަވެ އެހެން ބަސްތަކަށް ކުދިން ޝައުގުވެރިވާ މަންޒަރު. އަޅުގަނޑުމެންނަށް އެނގޭ ހަގާގަތަކީ ތުއްތު ކުދިންގެ އުމުރާ ގުޅޭ ދިވެހި ބަހުގެ އުފެއްދުންތައް އެކަށީގެންވާ ވަރަށް ލިބެން ނެތްކަން. ބަހަކީ ވެސް ކުދިން ޅަ އުމުރުގައި އެ ބަހަކަށް ޝައުގުވެރިކަން އުފެދިގެން ކުރިއަރާނެ، ދިރުވޭނެ އެއްޗެއް. ޒަމާނާ އެކު މި އައި ތަރައްގީގައި އެހެނިހެން ބަސްބަހުން ލިޔެފައިވާ ވާހަކަތަކާއި ލަވަތަކާއި އެކި ކަހަލަ ކޮންޓެންޓް ކުޑަދަރިފުޅަށް ފޯރުކޮށްދިނުމަކީ މިހާރު ނުލާހިކު ފަސޭހަ ކަމެއް. އެކަމަކު އެފަދަ ދިވެހި ކޮންޓެންޓް ހޯދުން މިވަނީ އުދަނގޫ ކަމަކަށް ވެފައި. އަޅުގަނޑުމެން ދެކެން ބޭނުންވަނީ މި އެޕް ބޭނުންކުރާ ކުދިންގެ ހިތުގައި ދިވެހި ބަހަށް ލޯބި ޖެހި އެކުދިން ބޮޑުވެގެން އަންނައިރު ދިވެހި ބަހަށް އެ އުފެދޭ ޝައުޤުވެރިކަމާ އެކު ދިވެހި ބަސް އިތުރަށް ދަސްކޮށް، ދިރާސާކޮށް، ދިވެހި ބަސް ދިރުވާ އާލާކުރާނެ ޖީލެއް އުފެދިގެން އައުން.

0 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 18%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 47%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454