ކޮވިޑް-19އިން ރައްކާތެރިވުމަށް، އެމެރިކާގެ ޖޯންސަން އެންޑް ޖޯންސަން ކުންފުނިން އުފައްދާފައިވާ ވެކްސިން ޖެހުމުން، ނާރުތަކުގެ ނިޒާމަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން އިންޒާރުކޮށްފި އެވެ.

އެ އިދާރާ އިން ބުނި ގޮތުގައި، މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ދާ ކޮވިޑް-19 ގެ ވަބާ އިން ރައްކާތެރިވުމަށް، އެމެރިކާގެ ޖޯންސަން އެންޑް ޖޯންސަން ކުންފުނިން އުފައްދާފައިވާ ވެކްސިން ޖެހުމުން، ގިލަން-ބާރޭ ސިންޑްރޯމް ޖެހުމުގެ ފުރުސަތު އެބަ އޮތެވެ. އެ ބަލި ޖެހުމުން އިންސާނާގެ ދިފާއީ ނިޒާމު މުޅިން ގަޑުބަޑުކޮށްލައި ހަށިގަނޑުގެ މަސްތަކުގެ ބާރު ދެރަކޮށްލަ އެވެ. އަދި ބައެއް ފަހަރު ގުނަވަންތަކުގެ ބާރު މުޅިން ކެނޑި، ހަށިގަނޑު ވާވުމުގެ ފުރުސަތު ވެސް އޮވެ އެވެ.

އެފްޑީއޭ އިން ބުނި ގޮތުގައި ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ ކޮވިޑް ވެކްސިން ޖަހާ ކޮންމެ މީހަކަށް އެފަދަ މައްސަލަތައް މެދުވެރި ނުވި ނަމަވެސް، އެ ވެކްސިން ޖަހާ ބައެއް މީހުންނަށް އެ ބަލި ޖެހުމުގެ ފުރުސަތު ކޮންމެވެސް ވަރަކަށް އެބަ އޮތެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އެ ވެކްސިން ޖަހާއިރު، އެ ކަމުގެ މައުލޫމާތު ހިމެނޭ ލުއިފޮތްތަކެއް ބެހުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ގިލަން-ބާރޭ ސިންޑްރޯމް ޖެހުމުން ފެންނާނެ އަލާމަތްތަކުގެ ތެރޭގައި އަތް ނުވަތަ ފައި އައްސިވުމާއި، ހިނގަން އުނދަގޫވުމާއި، ލޮލަށް ފެންނަ ފެނުމުގައި ކޮންމެ އެއްޗެއް ދެ އެތީގެ ގޮތުގައި ފެނުން ފަދަ ކަންތައް ހިމެނެ އެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން ޖެހުމުން، ގިލަން-ބާރޭ ސިންޑްރޯމް ޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށް، އެމެރިކާގެ އެފްޑީއޭ އިން އިންޒާރު ކުރީ، އެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ގާތްގަނޑަކަށް 100 މީހެއްގެ ހަށިގަނޑުން، އެ ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށް ލިބިފައިވާ ރިޕޯޓްތައް މުރާޖައާ ކުރުމަށް ފަހު އެވެ.

އެފްޑީއޭ އިން ބުނި ގޮތުގައި، ގިލަން-ބާރޭ ސިންޑްރޯމް ޖެހިފައިވާ ކަމަށް އެ އިދާރާ އަށް ރިޕޯޓް ލިބުނު ހުރިހާ މީހުންނަށް ވެސް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފަ އެވެ. އޭގެ ތެރެއިން އެކަކު މިހާރު ވަނީ މަރުވެފަ އެވެ.

ގިލަން-ބާރޭ ސިންޑްރޯމް ޖެހުމުން، ހަށިގަނޑުގެ ދިފާއީ ނިޒާމަށް އަރާ އޮޅުމެއްގެ ސަބަބުން، ދިފާއީ ނިޒާމުގެ ސެލްތަކުން، ނާރު ސެލްތަކަށް ހަމަލާ ދެވެ އެވެ. ދިފާއީ ސެލްތަކުން ނާރު ސެލްތަކަށް ހަމަލާ ދިނުމުން، ހަށިގަނޑުގެ މަސްތަކުގެ ބާރު ދަށްވާން ފަށަ އެވެ. އަދި ބައެއް ފަހަރަށް އަތް ނުވަތަ ފައިގެ ބާރު މުޅިން ކެނޑި ވާވުމުގެ މައްސަލަ ކުރިމަތިވެ އެވެ.

އެމެރިކާގެ ސެންޓާސް ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނި ގޮތުގައި އެ ގައުމުގައި ކޮންމެ އަހަރަކުވެސް އެވްރެޖްކޮށް 3000-6000 އާ ދެމެދުގެ އަދަދެއްގެ މީހުންނަށް މިބަލި ޖެހެ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެމެރިކާގައި، ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން ޖަހާފައިވާ 13 މިލިއަން މީހުންގެ ތެރެއިން ގިލަން-ބާރޭ ސިންޑްރޯމް ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވަނީ ވަރަށް ކުޑަ ޕަސެންޓެއްގެ ބަޔަކަށެވެ. ކޮވިޑް ވެކްސިން ޖެހުމަށް ފަހު، ގިލަން-ބާރޭ ސިންޑްރޯމްގެ އަލާމާތްތައް ފެނިފައިވާ ގިނަ މީހުންނަކީ އުމުރުން 50 އަހަރުން މަތީގެ ފިރިހެނުންނެވެ. އެމީހުންގެ އަލާމާތްތައް ފެނިފައިވަނީ ވެކްސިން ޖަހާތާ ދެ ހަފުތާ ފަހުންނެވެ.